ދީނަށް ފުރައްސާރަ ކުރި އެމްޑީއެންގެ އެކައުންޓުތަކުގަ ހުރި ހުރިހާ ފައިސާއެއް ޑެފް އެސޯސިއޭޝަނަށް

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް އާންމުކުރި މައްސަލައިގައި ޔޫތް މިނިސްޓްރީން އުވާލާާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެކައުންޓުތަކުގައި ހުރިހާ ފައިސާއެއް މޯލްޑި...

20 Jan 2020 | 06:08

އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް އާންމުކުރި މައްސަލައިގައި ޔޫތް މިނިސްޓްރީން އުވާލާާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ އެކައުންޓުތަކުގައި ހުރިހާ ފައިސާއެއް މޯލްޑިވްސް ޑެފް އެސޯސިއޭޝަނަށް ދޭން ނިންމައިފި އެވެ.

އެ ޖަމިއްޔާއިން ސްޓޭޓް ބޭންކް އޮފް އިންޑިއާ(އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓުގައި އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ހުރިކަމަށްވެ އެވެ. އެކަމަކު އެ މައްސަލައިގަ ޖަމިއްޔާ ސަސްޕެންޑު ކުރުމާއި ގުޅިގެން އެކައުންޓު ވަނީ ފްރީޒްކޮށްފަައި އެވެ.

ޖަމްއިއްޔާތަކުގެ ރެޖިސްޓްރާ އަހުމަދު އިރާޝް މީޑިއާގައި ވިދާޅުވީ އެމްޑީއެންގެ މުދަލާއި ދަރަނި އަދި ފައިސާ އައި މެދު އަމަލު ކުރަންވީ ގޮތެއް އެންގުމަށް45 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށެވެ. އެކަމަކު މުއްދަތު ހަމަވީއިރުވެސް އެއްވެސް އެއްޗެއް ނާންގާތީ ޖަމްއިއްޔާތަކާ ބެހޭ ގަވައިދުގެ 45 ވަނަ މާއްދާގެ ހ. ގެ ދަށުން، އެ ފައިސާ އެހެން މަދަނީ ޖަމްއިއްޔާއަކަށް ދޭން ނިންމީ ކަމަށެވެ.

އެމްޑީއެންގެ އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ޑެފް އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާ ކުރުމަށް އިއްޔެ ރެޖިސްޓްރާ އަންގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މި ފައިސާ ޑެފް އެސޯސިއޭޝަނަށް ދިނުމަށް ނިންމީ ހަރަކާތްތެރިކޮށް ހިންގަމުންދާ އަދި މާލީ އެހީތެރިކަން ބޭނުންވާ ޖަމިއްޔާއަކަށް އެފައިސާ ދިނުމަށް ކަމަށް އިރާޝް ވިދާޅުވެފައިވެ އެވެ.

ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގެ 45 ވަނަ މާއްދާގެ ހ. ގައި ބުނަނީ؛ "ޖަމްއިއްޔާއެއް އުވާލަން ނިންމައި ޖަމްއިއްޔާއެއްގެ މުދަލާއި ދަރަންޏާއި މައްސަލަތައް ހަމަޖެއްސުމަށް ދެވޭ މުއްދަތު ހަމަވާއިރު، އެކަން އެ ޖަމްއިއްޔާއަކުން ރަޖިސްޓްރާއަށް ނާންގައިފި ނަމަ، އެ ޖަމްއިއްޔާއެއްގެ މިލްކުގައިވާ އެންމެހާ ތަކެތި ރަޖިސްޓްރާ ކަނޑައަޅާ ޖަމްއިއްޔާއަކަށް ނުވަތަ ސަރުކާރު ގަބޫލު ކުރާ ހައިރާތު ފަންޑަކަށް ބަދަލުކުރަންވާނެ" ކަމަށެވެ.

ޑެފް އެސޯސިއޭޝަނަކީ އަޑުއިވުމުން މަހުރޫމްވެފައިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރުމަށް 2008 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރު ދެނެގަތުމަށް، އެމްޑީއެންއިން 2015 ވަނަ އަހަރު އެކުލަވާލި، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގައި ދީނަށް ފުރައްސާރަ ކުރި މައްސަލަ ބެލުމަށް ފަހު ފުލުހުން ނިންމާފައިވަނީ އެ ޖަމިއްޔާއިން އިސްލާމްދީނާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށެވެ. އެ ޖަމިއްޔާ އުވާލަން ޔޫތް މިނިސްޓްރީން ނިންމީ ފުލުހުން އެގޮތަށް ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް