މީސްތަކުންގެތެރެއިން އެންމެ ނުބައި މީހުންނަކީ ދެމޫނުގެ މީހުންކަމަށާއި، އެކިއެކި މީހުންގެ ގާތަށްގޮސް ދެބައޮޑުވާ މީހުންގެތެރެއިންވެސް އެންމެ ނުބައި މީހުންނަކީ ދެމޫނުގެ މީހުންކަމަށް އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަންޓީވީ އިން ރޭ ފޮނުވި 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޢާޞިފް ވިދާޅުވީ ދެމޫނުގެ މީހުންނަކީ މުނާފިޤުންގެ ސިފައިންސިފަ ލިބިގެންވާ ނުބައި ބައެއްކަމަށް ބޮޑެތި ޢިލްމުވެރިން ވިދާޅުވެފައިވާކަމަށާއި، ޤިޔާމަތް ދުވަހުން އެމީހުންނަށް ނަރަކައިގެ އަލިފާނުން ހަދާފައިވާ ދެ ދޫ ﷲ ތަޢާލާ ދެއްވަވާނެކަމަށް ވިދާޅުވިއެވެ.
"ދެމޫނުގެ އަހުލުވެރިންނަކީ ޤިޔާމަތް ދުވަހުން ނަރަކައިގެ ގަދަފަދަ ޢަޒާބު ދެވޭނެބައެއް. އެއްބައެއްގެ ގާތަށް އެއް މޫނެއްގަ އައިސް އަނެއްބައެއްގެ ގާތަށް އެހެން މޫނެއްގަ ދާނީ. އެމީހުންނަށް ނަރަކައިގެ އަލިފާނުން ހަދާފައިވާ ދެ ދޫ ﷲ ތަޢާލާ ދެއްވަވާނެ ބައެއްކަމަށް ދީނުގެ އިރުޝާދުތަކުން އެނގި ސާފުވޭ. މިއީ ބިންމަތީގައި އުޅޭ ވަރަށް ނުބައި ބައެއް" ޝައިޚް ޢާޞިފް ވިދާޅުވިއެވެ.
ދުނިޔެވީ ކުޑަކުޑަ މަންފާއެއް ލިބިގަތުމަށް މީހުންގެ ވާހަކަތައް ހިފައިގެން އެއްބައެއްގެ ގާތަށް ގޮސް ވަކި ވާހަކައެއް، އަނެއްބައެއްގެ ގާތަށްގޮސް ވަކި ވާހަކައެއް ދައްކައި، ދޮގު ބުހުތާނު ވާހަކަތައް ފަތުރައި މީހުންގެ ޙައްޤުތަކަށް އަރައިގަނެ ބިންމަތި ފަސާދަ ކުރަމުންދާ މީހުންގެ ނުބައިކަމުގެ ވާހަކައަށް ޢިޝާރާތް ކުރައްވައި ޝައިޚް ވިދާޅުވިގޮތުގައި މިއަދު މީހުންގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވާލުމަކީވެސް ބައެއް މީހުން ވަރަށް ފަސޭހައިން ކުރަމުންގެންދާ ނުބައިވެގެންވާ ކަމެއްކަމަށާއި މީހެއްގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވާއިރު ދީނީގޮތުން އެމީހާ އެވެއްޓެނީ ކިހާ ހިސާބަކަށްކަމެއް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ.
"މީހަކު ޒިނޭކުރި މަންޒަރު ލޮލުން ފެނުނުކަމުގައި ވިޔަސް އެ ޒިނޭ ކުރި މީހާއާއި ދެކޮޅަށް ހަތަރު ހެކިން ނުގެނެސްދެވޭކަމަށްވާނަމަ އެތަން ފެނުނު މީހާއަށް އެވާހަކަ ދެއްކުން އިސްލާމްދީން ހުއްދައެއް ނުކުރޭ. އެއީ މަނާކަމެއް އެވާހަކަ ދެއްކުން. ހަތަރު ހެކިން ގެނެސްނުދެވި އެވާހަކަ ދައްކައިފިނަމަ އެވާހަކަ ދެއްކި މީހާގެ މައްޗަށް ޤަޒުފުގެ ޙުކުމް އަންނާނެ. އަދި ކޮބާތޯ ﷲ ތަޢާލަ ޥަޙީ ކުރައްވަނީ އެވާހަކަ ދައްކާ މީހާއަކީ ﷲ ގެ ޙަޟްރަތުގައި ބޮޑު ދޮގުވެރިއެއްކަމަށް. މިހާބޮޑު މައްސަލައެއް މިމައްސަލައަކީ. އަޅުގަނޑުމެން މިއަދު މީހުންނާއި ބެހޭގޮތުން ހިތަށްއެރި ވާހަކައެއް ދައްކާ މީހުންގެ ބޮލުގަ ޒިނޭގެ ތުހުމަތު އަޅުވައި މީސްތަކުންގެ ތެރޭގައި އެކަން ހާމަކުރަމުންދާއިރު ވިސްނާލަން ޖެހޭ މިއީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން ބޮޑު ފާފައެއްކަން" ޝައިޚް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް