'ލޯބި' މި ބަސް އެއީ އޭރު އަހަންނަށް ވަރަށް މާތް ބަހެކެވެ. އިހްސާސްތަކާއި ގުޅިފައިވާ ބަހެކެވެ. ތެދެކެވެ. މިހާރުވެސް އަހަރެންގެ އިހްސާސްތަކާއި މި ބަސް ވަނީ ގުޅިފައެވެ. އެހެނަސް ތަފާތު ގޮތަކަށެވެ. ކުރިން އަހަރެން ހީކުރީ ލޯތްބަކީ އިންސާނަކަށް ދުނިޔެމަތީގައި ކުރެވޭނެ އެއްމެ ފޮނި އިހްސާސް ކަމަށެވެ. ތިމާ ދެކެ ލޯބިވާ އަޅާލާނެ މީހަކު ހުރުމަކީ ހާދަ ބޮޑު ނަސީބެކެވެ.
އަހަންނަކީ އަންހެނަކަށްވީތީ އަބަދުވެސް ފަޚުރުވެރިވާ މީހެކެވެ. އަންހެނަކަށް ވުމުގެ ސަބަބުންނޭ ކިޔާފައި އަހަރެން އެއްވެސް މީހަކަށް ބަރޯސާނުވަމެވެ. އަހަރެންގެ އާއިލާ އަކީ ތަނަވަސް އާއިލާއެއް ނަމަވެސް ގްރޭޑް އަށަކުން ފެށިގެން އަހަރެން އަމިއްލަ އަށް އާމްދަނީ ހޯދުމުގެ މަސައްކަތް ފަށައިފީމެވެ. ޕްރައިމަރީ ގްރޭޑްތަކުގެ ކުދިންނަށް ޓިއުޝަން ދީގެންނެވެ. ރަނގަޅު އާމްދަނީ އެއް ލިބުނެވެ. މަސައްކަތްކުރުމުގެ ރޫހު އިތުރަށް އާ ވިއެވެ. ދިގު ވާހަކަ ކުރުކޮށްލަމާ ހިނގާށެވެ. އަހަރެން ޑިގްރީ ނިންމި އިރު އަހަންނަކީ ފިހާރަ އަކާއި ސެލޫނެއް ހިންގާ މީހެކެވެ. އަހަންނަކީ ވެސް ހުތުރު ކުއްޖެކޭ ނުބުނާނެއެވެ. އެހެންކަމުން އެކި ކުދިންގެ ފަރާތުން ލޯބީގެ މެސެޖްތައް ދިޔައީ ލިބެމުންނެވެ. އެހެނަސް މާފޮޅުވުމަށްވުރެ އަހަރެން މާ ބިޒީއެވެ. އެހެނަސް އެއް ދުވަހު އަހަރެން އަހަރެންގެ ކޮސްމެޓިކްސް ވިއްކާ ފިހާރައިގެ އިންދާ އައި ފިރިހެން ކުއްޖެއް އަހަރެންގެ ހިތް ފަތަހަކޮށްފިއެވެ. ސެންޓް ފުޅި އަކާއި ލޯޝަން ފުޅިއެއް ނެގުމަށްފަހު ކާޑުން ފައިސާ ކަނޑާލިއެވެ. އަހަރެންގެ ނަސީބު ކަމެއް ބަދު ނަސީބުކަމެއް ނޭނގެއެވެ. އޭނާ ދިޔައީ ކޭޝްކާޑު ހަނދާންނެތިގެން ބާއްވާފައެވެ.
އަހަރެން ގެއަށް ގޮސް ފުރަތަމަވެސް ކުރިކަމަކީ ކާޑުން ބަލައިގެން އެނަން އެފްބީން ސާޗް ކޮށްލީމެވެ. ' މުހައްމަދު އިފާދު' އައި ނަތީޖާތައް ބަލާލުމުން އަހަންނަށް ވަރަށް ފަސޭހައިން އޭނަ ފާހަގަކުރެވިއްޖެއެވެ. ފުރަތަމަވެސް ބަލާލެވުނީ އޭނަގެ ރިލޭޝަންޝިޕް ސްޓޭޓަސް އެވެ. އެއީ ހަމަ ހުސްކޮށް ހުރި މީހެކެވެ. ފޮޓޯތައް ބަލާލުމުން އޭނާގެ ރީތިކަމާއި ޖޫދޫގަދަކަން އަހަންނަށް ފުރިހަމައަށް އެނގުނެވެ. ބަލާލެމުމަށް އެއީ ވަރަށް ހަރުދަނާ މީހެއް ވައްތަރުވެސް ޖަހައެވެ. އަހަރެން ފްރެންޑް ރިކުއެސްޓެއް ފޮނުވާލީމެވެ. އެއީ ހަގީގަތުގައި އަހަރެންގެ ހަޔާތަށް ފިރިހެންކުއްޖެއް އައުމަށް އަހަނަށް ދެވުނު ދައުވަތެއްކަމުގެ އިހްސާސް އޭރުވެސް ކުރެވުނެވެ. އިރުއިރުކޮޅާ އަހަރެން އޭނަ އެކްސެޕްޓް ކުރިތޯ ބަލާލަމެވެ. އެހެނަސް ދެގަޑިއިރުވީއިރުވެސް އަދި ޚަބަރެއް ނުވެއެވެ. އަހަރެން މެސެޖެއް ފޮނުވާލީމެވެ. ފޮނިވާތާ އިރުކޮޅެއްގެ ތެރޭގައި ' ޝުކުރިއްޔާ ސޭޓް' ޖަހާލުމަށްފަހު ރިޕްލައި ކުރިއެވެ. އަދި އެކްސެޕްޓް ވެސް ކުރިއެވެ.
އަހަރެންގެ ހަޔާތަށް ބަހާރު މޫސުމް އަތުވެއްޖެއެވެ. އެތައް ދުވަހެއް ވަންދެން ނުކުރެވި ހުރި އެތައް އިހްސާސެއް އަހަންނަށް ކުރެވުނެވެ. ލޯބީގެ އުފަލާއި ހިތްހަމަޖެހުން އަހަންނަށް ލިބުނެވެ. މި ހުރިހާ ދުވަހު އަހަރެން ނުކޮށް މިހިރީ ކޮންފަދަ ހިތްހަމަޖެހޭ ކަމެއްތޯ ސުވާލުކުރެވުނެވެ.
އެހެނަސް މާގިނަ ދުވަހެއް ނުވެ އަހަރެންގެ ލޯބިވެރިޔާ އެކި ކަންކަމުގައި ފައިސާ ދޭން ބުނަން ފަށައިފިއެވެ. އަބަދުވެސް އާއިލާ މީހަކަށް ކޮންމެވެސް ކަމެއް ދިމާވެގެންނެވެ. އަހަރެން އޭނަ ބުނާހާ ވަރަކަށް ފައިސާ ދިނީމެވެ. އަގުބޮޑު ހަދިޔާތައް ވެސް ދިނީމެވެ.
ނަމަވެސް ހިތާމައިގެ ކޮޅެއް ނެތެވެ. އޭނާ ނެގީ އަހަރެންގެ މައުސޫމުކަމާއި މުންސަނދިކަމުގެ ނާޖާއިޒް ފައިދާއެވެ. އޭނާގެ ހަގީގަތް އެނގުމުން އޭނާ އާއި ދުރަށްދާން އަހަންނަށް މަޖުބޫރިވިއެވެ. އަދި ފަހުން އެނގުނު ގޮތުގައި އަހަންނާއި ރައްޓެހިވެގެން ހުރެވެސް ދެ ކުދިންނާ އޭނާ ރައްޓެހިވިއެވެ.
މި ހުރިހާ ކަމެއް މިހެން ހުރި އިރުވެސް އޭ އަހަރެންގެ ބޭވަފާތެރި ލޯބިވެޔާއެވެ. ތިޔަ ހަނދާން އަދިވެސް މި ހިތުން ފިލައިގެންނެއް ނުދެއެވެ. އެހެނަސް އަހަރެން އަބަދުވެސް ކުރެވޭ އިހްސާސަށް ވުރެ ބޮޑަށް އިސްކަން ދެނީ ވިސްނުމަށެވެ. އަހަރެންގެ ހިތް މިއަދު ކަލާ އަށް އެދިގޮވައެވެ. އެހެނަސް މި ސިކުނޑި އެކަމަކަށް ޖާގައެއް ނުދޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް