އިނގިރޭސިވިލާތުގައި ވަޒީފާ އަށްދާ އަންހެނުންގެ ތެރެއިން ދިހަ ޕަސެންޓް އަންހެނުން އޮފީހަށްދާން ލާ ހެދުމަކީ ' އެކަށީގެންނުވާ' ހެދުމަކަށްވާތީ ގެއަށް ފޮނުވާލާކަމަށް އެގައުމުގައި ހެދި ދިރާސާއަކުން ދައްކައިފިއެވެ. އެ ދިރާސާއިން ދައްކާ ގޮތުން ގިނަ މީހުން ގެއަށް ފޮނުވާލާފައި ވަނީ މާކުރު ހެދުން ލުމުގެ ސަބަބުންނެވެ. ނުވަތަ ނިވާކަން ކުޑަ ގޮތަށް ހެދުން އެޅުމުގެ ސަބަބުންނެވެ. މި ދިރާސާގައި ބައިވެރިވި 2000 މީހުންގެ ތެރެއިން 16 އިއްސައްތަ މީހުން ބުނެފައި ވަނީ އެ މީހުންގެ ބޮސް އެމީހުންނާއި ބައްދަލުކޮށް ކުރު ހެދުން ނުލުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
އެ ދިރާސާއިން ހާމަވާގޮތުގައި ވަޒީފާއަށްދާ އަންހެނުންގެ ތެރެއިން 28 އިއްސައްތަ އަންހެނުންނަށް އެ މީހުން ހެދުންއަޅާ ގޮތާއި ބެހޭ ގޮތުން ހިތްހަމަނުޖެހޭ ގޮތަށް ކޮމެންޓް ކުރެއެވެ. މިގޮތަށް ކޮމެންޓްކުރަނީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި ދެ މައްސަލައަކީ ވެސް ރާއްޖޭގައި ވެސް ދިމާވާ ކަންތައްތަކެވެ. 'ޑްރެސް ކޯޑް' އެއް އޮތް ނަމަވެސް ގިނަ އޮފީސްތަކުން އެތަންތަނުގެ މުވައްޒަފުން ހެދުން އެޅުމުގައި މައްސަލަތައް ދިމާވެއެވެ. ބައެއް އަންހެން މުވައްޒަފުންނާއި ބައެއް ފިރިހެން މުވައްޒަފުން އޮފީހަށް ދަނީ އޮފީސް މާހައުލާއި ގުޅޭ އޮފީސް ހެދުމެއްގައެއް ނޫނެވެ.
ބައެއް ފަހަރު މާ ކުރު ހެދުމެއްގައެވެ. ނޫނީ މާ ހަވީރީ ހެދުމެއްގައެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި ކަމާއި ބެހޭ ތަޖުރިބާކާރުން ވިދާޅުވަނީ އޮފީހަށް މުވައްޒަފު ވައްދާއިރު ވެސް އެތަނުގެ ޑްރެސް ކޯޑްގެ ފުރިހަމަ މައުލޫމާތު ދިނުމަށެވެ. އެގޮތަށް އަމަލުކުރެވިފައިނުވާނަމަ މިހާރު އެ މައުލޫމާތު ދޭށެވެ. އަދި މިކަމުގައި މުވައްޒަފުންނާއި މުއާމަލާތްކުރާއިރު އެ މީހުން ލަދު ނުގަންނާނެ ގޮތަކަށް އަދި ޕްރޮފެޝަނަލްކޮށް މުއާމަލާތްކުރުން ވަރަށް މުހިއްމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް