ބޭރުގެ އިންވެސްޓްމެންޓްތައް މި ސަރުކާރުން ހިމާޔަތްކޮށްދޭނެ: ނައިބު ރައީސް

ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމެންޓްތައް މި ސަރުކާރުން ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ވިދާޅުވެއްޖެއެވެ. ދުބާއީގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހަތަރުވަނަ...

18 Dec 2017 | 19:45

ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމެންޓްތައް މި ސަރުކާރުން ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ވިދާޅުވެއްޖެއެވެ. ދުބާއީގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހަތަރުވަނަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސަރުކާރުން ގައުމުގެ ވިޔަފާރީގެ މާހައުލު ތަރައްގީކޮށް ވިޔަފާރިތަކަށް ފަހި މާހައުލެއް ހެއްދެވުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބޭރުގެ އިންވެސްޓަރުންގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށްދެއްވައި ރައްކާތެރިކަން ހޯއްދަވައި ދެއްވުމަށް ކަމާބެހޭ ގާނޫނީ އޮނިގަނޑަށް ގެނަސްފައިވާ ހެއުބަދަލުތަކާއި ހެދޭ އެއްބަސްވުންތައް ވިޔަފާރީގެ ބައިވެރިންނަށް މަންފާ ލިބެނިވިގޮތަށް ބައްޓަން ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި ވިޔަފާރި ހިންގުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީގެ ރާސްތާ އޮތީ ވަރަށް އުޖާލާކޮށް ކަމުގައި ވިދާޅުވެ، ބައިނަލްއަގުވާމީ މާލީ ރިޕޯޓްތަކަށް ބަލާއިރު ރާއްޖެ މިހާރު އިގްތިސާދީގޮތުން ކުރިއަށްދާ މިންވަރު ހާމަކޮށްދޭކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރާއްޖޭން ބާއްވާ ހަތަރު ވަނަ އިންވެސްޓްމެންޓް ފޯރަމް މިއަހަރު ބޭއްވީ ޔޫއޭއީގެ ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ. މި ފޯރަމްގެ ސަބަބުން ޔޫއޭއީގެ އިންވެސްޓަރުންނާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ދެމެދު ގުޅުން ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދު ކުރެއެވެ.

އެއްމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބޭއްވީ ސިންގަޕޫރުގައެވެ. 2015 ވަނަ އަހަރު ބޭއްވީ ޗައިނާގައެވެ. އަދި 2016 ވަނަ އަހަރު ބޭއްވީ އިންޑިއާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް