ލ.މާބައިދޫގައި ހިތާނުކޮށްގެން އުޅޭ ގެއެއްގައި ކުރިއަށްދިޔަ ކެއުމަކަށް އިންސާފުކުރި 100 އަށް ވުރެ ގިނަ މީހުން ކާނާ ވިހަވެ އެތައް ބަޔަކު އެރަށު ހެލްތު ސެންޓަރުގައި އެޑްމިޓް ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ ފައިސަލް ވިދާޅުވީ އެކަން ހިނގީ އެރަށުގައި ހިތާނުކޮށްގެން އުޅޭ ގެއަކަށް ހުކުރަށްފަހު ކާންގޮސް ކެވުނު މަހެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި އެތައް ބަޔަކު މިހާރު އެޑްމިޓް ކޮށްފައިވާކަމަށެވެ.
" ފުރަތަމަ ކެއީ ފިރިހެނުން، އޭގެ ތެރެއިން ގިނަ ބަޔަކު އެތިބީ ހޮސްޕިޓަލްގައި، އެއް ބަޔަކު އެލާޖިކްވެފަ، މޫނާއި ގައިގެ ބައެއް ތަންތަން ދުޅަވެފަ" ފައިސަލް ވިދާޅުވި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ހެލްތު ސެންޓަރުގައި އެއްބަޔަކު އެޑްމިޓްކޮށްފައިވާއިރު ޖާގަ ނެތުމުން އަދި އެއް ބަޔަކު ބޭރުގައި އެބަތިބި ކަމަށެވެ.
އެރަށު ކައުންސިލް މެމްބަރު ހަސަން އާދިލް ވިދާޅުވީ ވިހަވި ކަމަށް ބެލެވެނީ ސޯސް އަޅައިގެން ތައްޔާރު ކޮށްފައިހުރި މަސްތަކެއް ކަމަށާއި ބޮޑެތި ފިރިހެނުން ތަދުވާ ވަރުން ރޮމުން އަންނަ ކަމަށެވެ. އަދި މިހާރުވެސް ހެލްތު ސެންޓަރުން ބޭސް ހުސްވެފައިވާކަމަށްވެސް އާދިލް ވިދާޅުވި އެވެ.
"މިހާރު 100 ވަރަކަށް މީހުން ގެނެވިއްޖެ ހޮސްޕިޓަލަށް، ޖާގަ ނެތިގެން ބޭރުގަ ހުންނަ ފެންޑާއެއްގަވެސް މީހުން އެޑްމިޓް ކުރަމުން މިދަނީ، މިކޮޅުގަ އައިވީ އާއި އިންޖެކްޝަން ހުސްވެގެން ބޭސް ހޯދަން މިއަތޮޅު ގަމަށް ބަޔަކު ގޮސްފި" އާދިލް ވިދާޅުވިއެވެ.
ކައުންސިލަރު އާދިލް އިތުރަށް ވިދާޅުވީ މިކަން ސިފައިންނާއި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށާއި ވިހަވި ކަމަށް ބެލެވޭ މަސް އުކާ ނުލާ ބެހެއްޓުމަށް ހިތާނު ކޮށްގެން އުޅޭ ގޭގެ މީހުންނަށް އަންގާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް