އިލްމުވެރިންގެ ގުޅުމުގެ ބައެއް މެމްބަރުން -- ފޮޓޯ: އިލްމުވެރިންގެ ގުޅުން
ޔޫއޭއީގެ އީގަލް ހިލްސްއާއި ހަވާލުކޮށްގެން ރަސްމާލޭގައި ކުރިޔަށް ގެންދަން ނިންމާފައިވާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފައިނަލް އެއްބަސްވުމުގައި ސޮއިނުކޮށް އެ މަޝްރޫޢު ވަގުތުން ހުއްޓާލުމަކީ ދިވެހި ދައުލަތުގެ ޝަރުޢީ ޒިންމާއެއް ކަމަށް ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.
އެ ޖަމްޢިއްޔާއިން މިހެން ބުނެފައިވަނީ، ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެގްރީމަންޓާ ގުޅޭގޮތުން އެ ޖަމްޢިއްޔާގެ ޢިލްމީ ދިރާސާތަކާއި ބަޙުޘްތަކާ ބެހޭ ކޮމިޓީން ކުރި ދިރާސާއަށް ފަހު އެވެ. އެ ދިރާސާއަށް ފަހު އެ ޖަމިއްޔާއިން ވަނީ 98 ޞަފްޙާގެ ދިރާސާ ރިޕޯޓެއް ނެރެފައި އެވެ.
އެ ޖަމިއްޔާއިން ބުނީ ދިރާސާއިން ފާހަގަވި ކަންކަމުގެ ތެރޭގައި ކޮންމެ ވިއްކުމަކާއި ވާރުތަވުމަކާއެކު ކުއްޔަށްދޭ މުއްދަތު އަލުން 99 އަހަރަށް ފެށޭގޮތަށް އޮތުމުން، އެ ބިން ދުވަހަކުވެސް ދައުލަތަށް އަނބުރާ ލިބުމުގެ ފުރުސަތު ނެތް ކަމަށެވެ. ރަސްމާލެއަކީ މުސްތަގުބަލުގައި މީހުން އާބާދުވާން ހަމަޖައްސަމުންދާ ތަނަކަށް ވާއިރު އެ ތަނުގައި ޓޫރިސްޓު ރިސޯޓުތަކުގައި ހިނގާ އުސޫލުތަކެއް ހުރުން ބަލައި ނުގަނެވޭނެ ކަމަށް ބުނެފައިވެ އެވެ.
ދައުލަތުގެ އަގުބޮޑު ބިމެއް ދޫކޮށްލާއިރު ބިމުގެ އަގެއް، ކުއްޔެއް ނުވަތަ އެކަށީގެންވާ ޙިއްސާއެއް ދައުލަތަށް ލިބޭ ގޮތަށް ހަމަޖެހިފައި ނެތުމަކީ ކަންބޮޑުވުމެކެވެ. ޕްރޮޕަޓީ ގަތުމާއި ރެޒިޑެންޓް ވިސާ ގުޅުވައިގެން ބިދޭސީންނަށް މާކެޓުކުރުމުގެ ފުރުޞަތު އޮތުމާއެކު، ރާއްޖޭގައި ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދުމުގެ ބިރުވެސް އެބައޮތް ކަމަށް ބުނެފައިވެ އެވެ.
އެ މަޝްރޫއު އެ ކުންފުންޏަށް ދީފައިވަނީ ތަފްސީލް ހާމަނުކޮށް ވާދަވެރި ބީލަމަކަށްވެސް ނުގޮސްކަން ފާހަގަކޮށްފައިވެ އެވެ.
ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވާހިނދު، ޤާނޫނުއަސާސީގެ 9 ވަނަ އަދި 10 ވަނަ މާއްދާގެ ދަށުން ޣައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ އެއްވެސް ޝަރުޠެއްގެ މަތިން ތާއީދުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގައި ރަލާއި، އޫރުމަހާއި، ޖުވާ މަނާކުރުމާއި، މިސްކިތްތައް ބެހެއްޓުމާއި، އަދި އިސްރާއީލީންނަށް ވިއްކުން މަނާކުރުން ފަދަ ޙިމާޔަތްތައް ހިމަނާފައިވާތީ އެކަމަށް ޢިލްމުވެރިންގެ ގުޅުމުން މަރުޙަބާ ކިޔާފައިވެއެވެ. ނަމަވެސް، އެ ބިލުގައި ގަންނަ ފަރާތުގެ ދީނީ ޝަރުޠެއް ނެތުމުން، ޣައިރު މުސްލިމުންނަށް ގެދޮރު ގަނެގެން ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުޞަތު އޮތް ކަމަށް އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ.
އެހެންކަމުން، މި ބިލަށް ގެންނަންޖެހޭ އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި ޢިލްމުވެރިންގެ ގުޅުމުން ހުށަހަޅާފައިވަނީ، ދިރިއުޅުމަށް ތަރައްޤީކުރާ ޕްރޮޕަޓީއެއް މިލްކުކުރެވޭނީ ނުވަތަ ލީސްކުރެވޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށާއި، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުޠު ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ޤާނޫނުގައި ސާފުކޮށް ލިޔުމަށެވެ.
ބަޔާން ނިންމާލަމުން ޢިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ، މިއީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި އަދި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅުމެއް ވެސް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް