އެސްޓީއޯއިން 2024 ވަނަ އަހަރު ފެށި ބަންކަރިން ވިޔަފާރީގެ އާމްދަނީ މިއަހަރުގެ މިހާތަނަށް 70 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުން ފެށިގެން ކުންފުނީގެ އާމްދަނީއާއި ޖުމްލަ ފައިދާ އަދި ސާފު ފައިދާ ކޮންމެ އަހަރަކު ވެސް ކުރީ އަހަރަށް ވުރެ އިތުރުވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއަށް އިތުރުވި ބަންކަރިންގެ ހިދުމަތުން މިއަހަރު ލިބުނު އާމްދަނީ އާއި މިއަހަރު ނިމޭއިރު އެ ހިދުމަތުން ލިބުނު އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނު އިރު ގާތްގަނޑަކަށް 650 މިލިއަން ރުފިޔާގެ ސާފު ފައިދާ ކުންފުންޏަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިމާދު ސިފަކުރެއްވި ގޮތުގައި މިއަހަރު އެ ޢަދަދު އެއް ބިލިއަން ރުފިޔާއަށް އެރުމަކީ ވިޔަފާރީގެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ބަންކަރިން ދާއިރާއިން ހޯދި ކުރިއެރުމަށް ބައްލަވައިލައްވަމުން ޝިމާދު ވިދާޅުވީ 2024 ގައި ވީއެލްއެސްއެފް ވިއްކަން ފެށި ފުރަތަމަ ދެ ތިން މަހު ލިބުނީ ގާތްގަނޑަކަށް 2.9 މިލިއަން ޑޮލަރުގެ އާމްދަނީ ކަމަށެވެ. ނަމަވެސް 2025 ގައި 18 މިލިއަން ޑޮލަރު ލިބުނު އިރު، މިއަހަރުގެ އޮކްޓޫބަރާ ހަމައަށް އެ ޢަދަދު 70 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.
ޝިމާދު ފާހަގަކުރެއްވި ގޮތުގައި ބަންކަރިން ތަޢާރަފު ނުކުރި ނަމަ އެ ހުރިހާ ފައިސާއެއް ޤައުމުން ބޭރަށް ގޮސް، ރާއްޖެ ސަރަޙައްދުގައި އެ ޚިދުމަތުގެ ފައިދާ ނެގީހީ ބޭރުގެ ފަރާތްތަކުންނެވެ. މިހާރު ބަންކަރިން ހިންގަމުން ދަނީ "ޑެމޮންސްޓްރޭޝަނެއް"ގެ ފެންވަރުގައި ކަމަށާއި، ރަނގަޅު ގޮތުގައި މި ވިޔަފާރި ހިންގުމަށް އިހަވަންދިއްޕޮޅު ފަދަ ސަރަޙައްދުތަކުގައި ތެޔޮ ރައްކާކުރެވޭނެ އެއްގަމު ސްޓޯރޭޖަށް އިންވެސްޓުކުރަން ޖެހޭ ކަމަށް ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯގެ 2030ގެ ލަނޑުދަނޑިއަކީ އާމްދަނީގެ ގޮތުން 20 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުން އެއް ބިލިއަން ރުފިޔާ ހޯދުން ކަމަށް ޝިމާދު ވިދާޅުވި އިރު، އެ ލަނޑުދަނޑިއާ ހަމައަށް ވާޞިލުވުމަށް ރާވާފައި ވަނީ ވިއްކާ މިންވަރު އިތުރުކޮށްގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް