ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އެއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު އިނާމު ދޭނީ 2025 އިން 2026 އަށް ހުށަހަޅާ ޒުވާނުންނަށް ކަމަށެވެ. މި އެވޯޑު 22 ދާއިރާއަކުން ދިނުމަށް ހަމަޖެހިފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ވިޔަފަރި އާއި އިގްތިސާދު، ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލިޖީ އަދި ޑިޖިޓަލައިޒޭޝަން) ދާއިރާ، އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމެވެ. ދެން ހިމެނެނީ ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިންް)، ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން، ތިމާވެށި، މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުމުގެ ދާއިރާ އެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތްކުރުން، ދިވެހި ބަސް ކުރިއަރުވައި އާލާކުރުން، ދިރާސާ ކުރުން އަދި އާ އުފެއްދުންތައް، ޓޫރިޒަމް، ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން، ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އިސްލާމްދީން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން، ވޮލެންޓިއަރިޒަމް، މަސްވެރިކަން، ހަށިހެޔޮ ސިއްހަތެއް ބިނާކުރުމާއި ދަނޑުވެރިކަމާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ ނަމުގައި އިނާމެއް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު https://shorturl.at/6RwO0 ލިންކުންނާއި ވެލާނާގެ 3 ވަނަ ފަންގިފިލާ މެއިން ރިސެޕްޝަުން ލިބެން ހުންނާނެ އެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 02:00 އަށެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ނަމަ މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް