މިފަދަ އިންވެސްޓަރުންނަށް ރަށްވެހިކަން ހޯދުމަށް މި ހުއްދަ ބޭނުން ނުކުރެވޭނެ ކަމަށް ބުނޭ --
ތުރުކީގައި ބިިޔަ މަޝްރޫއުތައް ހިންގަން އިންވެސްޓު ކުރާ ބިދޭސީންނަށް ހާއްސަ އުސޫލެއްގެ ދަށުން އެ ގައުމުގައި ދިރިއުޅުމަށް ހުއްދައެއް ދޫކުރަން ރައީސްގެ ގަރާރަކުން ނިންމައި ގެޒެޓު ކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި "ބިދޭސީ އިންވެސްޓަރުންނަށް ދޫކުރާ ރެސިޑެންސް ޕާމިޓާ ބެހޭ ނިންމުން" އަމަލު ކުރަން ފަށާފައިވާ ގަވައިދުގެ ދަށުން ދެ ކެޓަގަރީއަކުން ބިދޭސީންނަށް އެ ގައުމުގައި ދިރިއުޅުމުގެ ހުއްދަ ލިބެ އެވެ. މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ އެވެ.
މި ގަވައިދުގެ ދަށޫން 150,000 ޑޮލަރުން މަތިން އިންވެސްޓްކުރާ ބިދޭސީންނަށް ތިން އަހަރުގެ ރެސިޑެންސް ޕާމިޓްގެ ނަމުގައި އެ ގައުމުގައި ދިރިއުޅުމުގެ ހުއްދަ ދެ އެވެ. އަދި 200,000 ޑޮލަރުން މަތިން އިންވެސްޓްކުރާ ފަރާތްތަކަށް ފަސް އަހަރުގެ ރެސިޑެންސް ޕާމިޓް ލިބެ އެވެ.
ތުރުކީގެ ދައުލަތުގެ މީޑިއާ އެޖެންސީ، އަނަޑޯލޫ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބިދޭސީންނާއި ބައިނަލްއަގުވާމީ ހިމާޔަތާ ބެހޭ ގާނޫނު ނަންބަރު 6458 ގެ 31 ވަނަ މާއްދާގެ ދަށުން އެކުލަވާލި މި ނިންމުމުގައި މިފަދަ އިންވެސްޓަރުންނަށް އެ ގައުމުގައި ވަޒީފާ އަދާ ނުކުރެވޭނެ ކަމަށް ބުނެފައި އެވެ.
އެގޮތުން މި އުސޫލުގެ ދަށުން ދޫކުރާ ރެސިޑެންސް ޕާމިޓަކީ ވަޒީފާ އަދާކުރުމުގެ ހުއްދައެއް (ވޯކް ޕާމިޓެއް) ނޫން ކަމަށް ބުނެފައިވެ އެވެ. ތުރުކީގައި ވަޒީފާ އަދާކުރަން ބޭނުންވާ ބިދޭސީން އެކަމާ ގުޅޭ ގާނޫނުތަކުގެ ދަށުން ވަކިން ވޯކް ޕާމިޓް ހޯދަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މި ނިންމުމުގެ ދަށުން ދޫކުރާ ރެސިޑެންސް ޕާމިޓްތަކަކީ، ތުރުކީގެ ރަށްވެހިކަމާ ބެހޭ ގާނޫނު ނަންބަރު 5901 ގެ 12 ވަނަ މާއްދާގައި ބަޔާންކުރާ ހާއްސަ އުސޫލުތަކުގެ ދަށުން ތުރުކީގެ ރަށްވެހިކަން ހޯދުމަށް ބެލެވޭނެ ޕާމިޓްތަކެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް