ގުޅުން ބަދަހިކުރުމުގެ ގޮތުން ގަވާއިދުން ސިޔާސީ މަޝްވަރާ ބޭއްވުމާ ގުޅޭ ލެޓާ އޮފް އިންޓެންޓެއްގައި ދިވެހިރާއްޖެއާއި ފްރާންސުން މިއަދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ފްރާންސްގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރެމީ ލެމްބާޓެވެ.
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ޤައުމަށް މުހިންމު ދާއިރާތަކުން ގަވާއިދުން ސިޔާސީ މަޝްވަރާ ކުރެވޭނެ މަގު ފަހިކޮށް، ދެ ފަރާތުގެ ގުޅުން އިތުރަށް ފުޅާކުރުމެވެ. މީގެ އިތުރުން ދެ ޤައުމުގެ ޒަމާންވީ ގުޅުން ހަރުދަނާކުރުމުގެ ޢަޒުމް ވެސް މި ސޮއިކުރުމުން ހާމަވެގެންދާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ ރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވައިފައެވެ. ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކުގައި ދެ ޤައުމުގެ ވިސްނުން އެއްގޮތްކަން މިނިސްޓަރު ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ ޤާނޫނަށް އިޙްތިރާމްކުރުމާއި ކަނޑުތައް ހިންގުމާއި މަލްޓިލެޓެރެލިޒަމްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.
ފަލަސްޠީނުގެ ޙައްޤުތަކަށް ތާއީދުކޮށް ފްރާންސުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވެސް މިނިސްޓަރު މަރުޙަބާ ވިދާޅުވިއެވެ.
މި ލެޓާ އޮފް އިންޓެންޓުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ގަވާއިދުން ސިޔާސީ މަޝްވަރާ ބައްދަލުވުންތައް ބޭއްވޭނެ އޮނިގަނޑެއް ޤާއިމުވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް