އަނަންޔާ ޕާންޑޭ --
ހުސްކޮށް ހުރުމުން ލިބޭ އުފާ ހީ ނުކުރާހާ ބޮޑު ކަމަށް ބޮލީވުޑުގެ ތަރި އަނަންޔާ ޕާންޑޭ ބުނެފި އެވެ.
އޭނާ މިހެން ބުނީ ކޮފީ ވިތް ކަރަން ޝޯގެ ނުވަ ވަނަ ސީޒަންގައި ވާހަކަ ދައްކަމުންނެވެ. އެ ޝޯގެ ހަ ވަނަ އެޕިސޯޑުގައި އަނަންޔާ ބައިވެރިވީ ލަވަކިޔުންތެރިޔާ އަދި ވިޔަފާރިވެރިޔާ އަނަންޔާ ބިރުލާއާ އެކުގައެވެ.
ޝަނާޔާ ކަޕޫރު ވެސް ސަޕްރައިޒް މެހެމާނެއްގެ ގޮތުގައި ފެނިގެން ދިޔައެވެ. ޝޯގެ ހޯސްޓު ކަރަން ޖޯހަރު ސިފަކުރީ އަނަންޔާ އަކީ ބޮލީވުޑުގެ "ބްރޭކަޕް ޗިކް" ގޮތުގައި އެވެ. އެއީ ހަފްތާގެ ހުކުރު ދުވަހު ރައްޓެހިވެގެން އުޅޭ މީހާއާއި ރުޅިވިޔަސް ޖެހިގެން އަންނަ ހޯމަ ދުވަހު އެކަން ހަނދާން ނައްތާލާ ޒާތުގެ މީހެއް ކަމަށް ބުންޏެވެ.
އެ ވާހަކައަށް ރައްދުދެމުން އަނަންޔާ ބުނީ އޭނާ އާއި ގުޅޭގޮތުން ކޮށްފައި އެވަނީ ރަނގަޅު ދިރާސާއެއް ކަމަށެވެ. ކަރަންގެ އެ ވާހަކަކީ ދޮގެއް ކަމަށް ނުބުނާނެ ކަމަށާއި ރައްޓެހިވެގެން އުޅޭއިރު ގުޅުމެއް ކާމިޔާބު ނުވާ ނަމަ ދެން ވަކިވުމަކީ މައްސަލައެއް ނޫން ކަމަށް ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް ދެތިން މީހަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާނެ ކަމަށެވެ. އަދި އެވަރަށް މީހުންނާއި ރައްޓެހިވުމަކީ ގޯހެއް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އަނަންޔާ ބުންޏެވެ.
ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަނަންޔާ ބުނީ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ލޯބީގެ ގޮތުން މީހުންނާއި ގުޅެނީ ކައިވެންޏަކާއި ހަމައަށް ދެވޭތޯ ވަރަށް ސީރިއަސްކޮށް ކަމަށާއި ނަމަވެސް ދެ ފަރާތުގެ ހިޔާލު އެގޮތަށް ނުހުންނާތީ ގުޅުން ނިންމާލަން ކޮންމެސް އެކަކު ނިންމަނީ ކަމަށެވެ،
އޭނާ ބުނީ މިހާރު ހުރީ ހުސްކޮށް ކަމަށެވެ. އަދި މިވަގުތު އެއްވެސް މީހަކާއި ގުޅުމުގެ ހިޔާލު ނުގެންގުޅެ އަމިއްލަ ދިރިއުޅުމާއި ކެރިއަރައިގެން ކުރިޔަށްދާން ބޭނުންވާ ކަމަށެވެ.
އެގޮތަށް ހުރުމުން ލިބޭ އުފާ ހީނުކުރާހާ ބޮޑުކަމަށް ބުނެފައިވެ އެވެ.
ކުރިން އަނަންޔާއާ ގުޅުވައިގެން ވާހަކަ ފެތުރުނު މީހުންގެ ތެރޭގައި އާދިތްޔާ ރޯއި ކަޕޫރު، އިޝާން ޚައްޓަރު، ކާރތިކް އާރިޔަން، އަދި ވޯކާ ބްލެންކޯ ހިމެނެއެވެ. ނަމަވެސް އޭގެން އެއްވެސް ގުޅުމެއް ޔަޤީން ކޮށް ނުވަތަ ދޮގުކޮށް އަނަންޔާ އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް