ނާޝިދާއި ހުމޭދާ ސައިކަލަށް އަރައިގެންގޮސް ކާރު ކައިރިއަށް ސައިކަލް ހުއްޓާލުމަށްފަހު ސައިކަލުން ފައިބައިގެން ކާރަށް އަރައިގެން ދުއްވާލީ ގެއާދިމާއަށެވެ.
"އަދިވެސް އެއްފަހަރު ވަރަށް ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން...." ހުމޭދާގެ އަތްތިލައިގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
"ތެންކިޔޫ ސޯ މަޗް...." ހުމޭދާ ނާޝިދުގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.
"ހުމޭގެ މަންމައާއި އަހަރުމެންގެ ކައިވެނީގެ ވާހަކަ ދައްކަންތަ....؟ ނާޝިދު މިހާރު ބޭނުންވަނީ މިކޮޅުގައި ކައިވެނި ކުރަން...." ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"އައްދެ... ހާދަކެތްމަދުވެފައި.... މިކޮޅަށް އައިމަ ނާޝިދު ހާދަ ތަފާތު ވެއްޖެއޭ.... ކުރިއަށްވުރެ މާބޮޑަށް ލޯބިވާހެންވެސް ހީވޭ...."
"ކައިވެނި ނުކޮށް މާލެ ގޮސްފިއްޔާ ހުމޭ ގެއްލިދާނެ އެއްނު...." ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ހުމޭދާގެ މޫނަށް ބަލަންއިދެ ނާޝިދު ބުނެލިއެވެ.
"ނާޝިދަކަށް ހުމޭ ދުވަހަކުވެސް ނުގެއްލޭނެ.... ހުމޭ ހުންނާނީ އަބަދުވެސް ނާޝިދުގެ މީހެއްގެ ގޮތުގައި.... " ނާޝިދުގެ ކޮނޑުގައި އަނެއްކާވެސް ބޯ އަޅައިލަމުން ހުމޭދާ ބުނެލިއެވެ.
"ހުމޭއަށް އެނގޭތަ.... އެއްދުވަހަކު، ނާޝިދުގެ ކައިރީގައި ހުމޭގެ ބޭބެ ބުނެފައޮތީ ނާޝިދު ބޭނުން ކަމެއް އޮތިއްޔާ ބުނާށޭ.... ބޭބެމެން އުފަލުން އެކަމެއް ކޮށްދޭނަމޭ.... ބޭބެމެން ކަންތައް ކިޔާއިރު ނާޝިދުވެސް ކޮންމެވެސް ކަމަކު ބޭބެ ގާތުގައި ބުނެބަލާށޭ.... ކޮންމެ ކަމެއް ބުންޏަސް އެކަމެއް ކޮށްދޭނަމޭ..... އެހެންވީމާ ހިތަށް މިއަރަނީ ކައިވެނީގެ ވާހަކަ ދައްކަންވިއްޔޭ..... އެގޮތް ކިހިނެތްވާނީ....." ނާޝިދު ހުމޭދާގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
"ތިހާބޮޑު ކަމެއް ނާޝިދުގެ ޢާއިލާއާއި މިހާ ދުރުގައި ތިބިގެން ނިންމާލާއިރު މިކަމާ ނާޝިދުގެ މަންމަމެން އެއްބަސްވާނެތަ....؟ ރާއިދުވެސް ބޭނުންވާނެއެއްނު ކައިވެނީގެ ކަންކަމުގައި ބައިވެރިވާން..... ރާއިދުގެ ޚަބަރެއް ނުވާތާ ހާދަ ދުވަހެކޭ...." ހުމޭދާ ވާހަކަ ދެއްކިއެވެ.
"މަންމަމެން ބޭނުމިއްޔާ މިކޮޅަށް އަންނާނެތާ..... ބުނީމަ ރާއިދު ވެސް އަންނާނެ.... އިއްޔެވެސް ރާއިދު ގުޅިއޭ.... ގުޅާ ކޮންމެ ފަހަރަކު ހުމޭގެ ހާލު އޮޅުންފިލުވައޭ.... " ނާޝިދު ބުނެލިއެވެ.
ކާރުގޮސް ގޭދޮށަށް ހުއްޓާލިއެވެ. ދަންވަރު އެކެއްވެސް ޖަހައިފިއެވެ. ކާރުން ފައިބައިގެން ހުމޭދާ ގޭތެރެއަށްގޮސް ސޯފާގައި އިށީނދެލިއެވެ. އަދި ކޮނޑުގައި އޮތް ބޭގް ނެގުމަށްފަހު މިރޭ ނާޝިދު ދިން ކުޑަކުޑަ ގިފްޓް ބޭގް ތެރެއިން ނެގުމަށްފަހު، ދެފައި ވައްކޮށްލައިގެން އިށީނުމަށްފަހު ގިފްޓް ކަނޑާލިއެވެ. އޭގައިވަނީ ރަން ކެވެލިކޮޅެކެވެ. އެކެވެލިކޮޅަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން ހުމޭދާ އިނުމަށްފަހު ފެންފޮދެއް ބޯލައިގެން ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ފެނުނީ މޭޒުމަތީގައި އޮތް މާބޮނޑިއާއި ކާޑެވެ. ހުމޭދާ ގޮސް ކާޑު ނަގައިގެން ހުޅުވާލިއެވެ. ކާޑުގައި ލިޔެފައި އޮތް "ވިޝް ޔޫ އާ ވެރީ ހެޕީ ބާތްޑޭ ހުމޭ" މިހެންނެވެ. ހުމޭދާ ކާޑު ބަލާލުމަށްފަހު ހައިރާންވިއެވެ. އަދި މޭޒުމަތީގައި އޮތް ރަތްކުލައިގެ ފިނިފެންމާބޮނޑި ނަގައިގެން އަނެއްކާވެސް އައިސް ސޯފާގައި އިށީނެވެ. ހުމޭދާއަށް ރަތްފިނިފެންމާ ބޮނޑިއެއް ދީފައި މިއޮތީ އަނެއްކާ ކާކުބާއެވެ. މިވެސް އަނެއްކާ ނާޝިދުގެ ކަމެއް ބާއެވެ. ހުމޭދާ ވިސްނާލިއެވެ.
އަޒާންހުރީ ބެލްކަނީގައި ބޭރަށް ބަލަހައްޓައިގެންނެވެ. ނިދިއްޖިއްޔާ ހުމޭދާއަށް ވިޝްކޮށްލަން ނުހޭލެވިދާނެތީ އެވެ. އެވަގުތު އަޒާންއަށް ފެނުނީ ހުމޭދާ ބޭރަށް ނުކުތްތަނެވެ. ގޯތިތެރޭގައި ކޮންމެވެސް މީހަކުހުރިހެންވެސް އަޒާންއަށް ހީވިއެވެ. ހުމޭދާ ގޯތިތެރޭގައި ހުރި މީހާއާއި ވާހަކަ ދައްކަން ހުރުމަށްފަހު ދެމީހުން އެކީ ނިކުތީ ބޭރަށެވެ. މިވަގުތު ހުމޭދާ އެދަނީ ކޮންތާކަށްހެއްޔެވެ. ހުމޭދާ އާއެކު އެހެރީ ކާކުހެއްޔެވެ. އެތައް ސުވާލެއް އަޒާންގެ ހިތަށް އަރަމުން ދިޔައެވެ. އަޒާން ދުވެފައި ތިރިޔަށް އައިސް ދޮރޯށި ހުޅުވާލާފައި ބޭރަށް ނިކުމެ ދެކޮޅު ހޯދާ ބަލާލިއެވެ. އެހެންނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަށައިގެން ފެންނަންއޮތީ އަނދިރިކަމާއި ފަޅުކަމެވެ. ހުމޭދާ ފެނޭތޯ އަޒާން ބޭރަށް ނިކުމެ ހިނގައިގަތެވެ. ނަމަވެސް އެއްވެސް ދިމާއަކުން މީހެއްގެ ހިލަމެއްވެސް ފެންނަން ނެތުމާއެކު ގެއަށް އައިސް ސިޓީން ރޫމްގައި މަޑުކޮށްލިއެވެ. ހުމޭދާ އަންނާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށް އިނުމަށްފަހު އަނެއްކާވެސް އަޒާން ބޭރަށް ނުކުތެވެ. ބޭރުގައި ކުޑަކޮށް ހިނގާލުމަށްފަހު މިފަހަރު ގެއަށް އައިއިރު ގޭ ދޮރުމަތީގައި ކާރެއް މަޑުކޮށްލާފައި އޮތުމާއެކު އަޒާން ދުރުގައި މަޑުކޮށްލިއެވެ. ކާރު ދޮރުހުޅުވާލުމަށްފަހު ކާރުން ފޭބީ ހުމޭދާއެވެ. އެހާ ދަންގަޑިއެއްގައި ހުމޭދާ ބޭރަށް އެދިޔައީ ކޮންތާކަށް، ކީއްކުރަން، ކާކާއެކުބާއެވެ. އެތައް ސުވާލެއް އެއްފަހަރާ އަޒާންގެ ހިތަށް އެރިއެވެ. ހުމޭދާ ގޭތެރެއަށް ވަނުމުންވެސް އެކާރު ގޭދޮށުގައި ކުޑައިރުކޮޅަކު މަޑުކޮށްލައިގެން އޮތެވެ. ކާރުގައި އިނީ ކާކުތޯ ބެލުމަށްޓަކައި އިރުކޮޅެއްވަންދެން އަޒާން ކާރަށް ބަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް ކާރު ތެރޭގައި އިނީ ކާކު ކަމެއް އަޒާންއަކަށް ނޭގުނެވެ. އެނގުނުހާވެސް އެއްޗަކީ ކާރުތެރޭގައި އިން މީހަކު އިނީ ފަހަތަށް އެނބުރި އަޒާން އާއި ދިމާއަށް ބަލަހައްޓައިގެން ކަމެވެ. އެމީހަކު އަޒާން އާއި ދިމާއަށް ބަލަންއިންކަން އެނގުމާއެކު އަޒާން އަނެއް ފަރާތަށް އެނބުރިލިއެވެ. އަދި އިރުކޮޅެއް ފަހުން ބަލާލިއިރު ކާރު ފެންނާކަށް ނެތެވެ. އެހާކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލޯމަތިން ގެއްލޭހާ އަވަހަށް ކާރުއެދިޔައީ ކޮންތާކަށްބާއެވެ. އަޒާން ވިސްނަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. ކުއްލިއަކަށް ކަޅުބުޅަލެއް ހުރަސްކޮށްލިއެވެ. އަޒާންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. މީހުން ބުނެއުޅެއެވެ. ކަޅު ބުޅަލެއް ހުރަސްކޮށްފިއްޔާ އެއީ ރަނގަޅު ފާލެއް ނޫނެވެ. ހީވާގޮތުން އެބުޅާގޮސް އެވަނީވެސް ގޭތެރެއަށެވެ. މުޅި މަގުގައިވެސް އެއްވެސް އަލިކަމެއް ފެންނަން ނެތުމާއެކު މަގު ފެންނަނީ ވަރަށް އަނދިރި އަދި އެހާމެ ފަޅުކޮށެވެ. އަޒާން ގެއަށް ވަނުމަށްޓަކައި ބާރަށް ހިނގާގަތްވަގުތު ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއެކު އެނބުރި ބަލާލިއެވެ. އޭރު ފަހަތުގައި ފިރިހެނަކު ހުއްޓެވެ. އަޒާން ސިއްސައިގެންދިޔައެވެ. އެއީ ބިޔަ މީހެކެވެ. އެ މީހާގެ މޫނުމަތީގައި އެއްވެސް ރައްޓެހިކަމެއް ނެތެވެ. އަޒާން ބިރުގެންފައިހުރި ވަރުން ގެއަށް ވަނުމަށްޓަކައި އެނބުރި ހިނގައިތެވެ. އެވަގުތު އެމީހާ އަޒާންގެ ކުރިމައްޗަށް އަރާ އަޒާންގެ ކުރި ބެއްދިއެވެ.
"ތިއީ ކާކު....؟ ތަންކޮޅެއް ދައްކާ....." ބިރުން ހުރެ އަޒާން ބުނެލިއެވެ.
އެހެން ނަމަވެސް އެ މީހާ ގުޑާވެސް ނުލިއެވެ. އަދި ޖަވާބެއް ވެސް ނުދިނެވެ. އަޒާން އާއި ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.
"އަހަރެން ދާން ތަންދައްކާށޭ އަޑެއްނީވޭތަ....؟ ދެވަނަ ފަހަރަށްވެސް އެމީހާއާއި ދިމާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.
ކުއްލިއަކަށް އަޒާންގެ އަތުގައި އެ މީހާ ހިފިއެވެ. އަޒާން އެ އަތްފޮޅުވާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ އަތުގެ ހަންގަނޑުގެ ރާޅުކަން އަޒާންއަށް އިޙްސާސް ކުރެވުނެވެ.
"މީހުންނަށް ފާރަލާކަށް ނުވާނެ.... އެއީ ވަރަށް ނުބައި ކަމެއް....." އަޒާންގެ އަތުގައި ހިފަހައްޓައިގެންހުރެ އެމީހާ ބުނެލިއެވެ.
އެވަގުތު އަޒާންއަށް ލިބުނީ ޝޮކެކެވެ. އެއީ ކާކު ހެޔެއްވެ.
"ތިއީ ކާކު..... އަހަރެން މީހަކަށް ފާރަލަނީ ކަމެއް ކިހިނެއް ކަލެއަށް އެނގުނީ.....؟" އެމީހާގެ އަތް ފޮޅުވާލުމަށްފަހު ހިތްހަމަ ނުޖެހިފައިހުރެ އަޒާން ސުވާލު ކުރުމަށްފަހު، ދިޔުމަށްޓަކައި ހިނގައިގަތެވެ.
އެ މީހާ ޖަވާބެއް ނުދެއެވެ. އެހެން ނަމަވެސް އަޒާން ހިނގައި ގަތުމާއެކު އަނެއްކާވެސް ކުރިބެއްދިއެވެ.
"ޖަވާބުދީފަދޭ..... ކީއްވެ ފާރަލަނީ...." އަނެއްކާވެސް އެމީހާ އަޒާންގެ އަތުގައި ހިފަމުން ސުވާލު ކުރިއެވެ.
މިފަހަރު އެމީހާ އަތުގައި ހިފުމާއެކު ހިފާފައިހުރި ހިސާބުން ދިލަނަގަމުންދާކަމުގެ އިޙްސާސް އަޒާންއަށް ވިއެވެ. އަޒާން ގަދަކަމުން އޭނާގެ އަތްފޮޅާލުމަށްފަހު އަނެއްކާވެސް ހިނގާގަތުމަށްޓަކައި އެނބުރުމަށްފަހު ފަހަތްބަލާލިއިރު އެމީހާ ފެންނާކަށްނެތެވެ. ދެން އެނބުރިލީއިރު އެމީހާހުރީ އަޒާންގެ ކުރިމަތީގައެވެ. ކުއްލިއަކަށް އަޒާން ދިޔައީ ސިހިގެންނެވެ. އެހެން ނަމަވެސް އެއްފަރާތަކަށް ޖެހިލުމަށްފަހު އަޒާން ދުއްވައިގަތެވެ. ގެއާއި ހަމައަށްގޮސް ފަސްއެނބުރި ބަލައިލިއިރުވެސް އެމީހާ ހުރީ އަޒާންދިމާއަށް ބަލަހައްޓައިގެންނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 ނޮވެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް