ހުމޭދާއަށް ދިނުމަށްޓަކައި އަޒާން ތައްޔާރުކޮށްގެން ގެނައި މާބޮނޑިއާއި ކާޑު، ފަތިހު ހުމޭދާ ހޭލައިގެން ބޭރަށް ނިކުންނަން ވާއިރަށް ފެންނަގޮތަށް ސިޓިންގ ރޫމްގައި ބޭއްވުމަށްފަހު އަޒާން ދިޔައީ ކޮޓަރިއަށެވެ.
ނާޝިދު ކާރު ދުއްވަމުންދިޔައީ ވަރަށް ބާރަށެވެ. ވަގުތަކީ ދަންވަރުގެ ވަގުތު ކަމުގައިވާތީ ހިނގާ މީހުންނާއި ދުއްވާ އެއްޗެހި މަގުމަތީގައި ވަރަށް މަދެވެ.
"މިހާ ދަންވަރު ނާޝިދު އަހަރުން ގެއަށްދާކަށް ބިރެއްވެސް ނުގަނޭތަ....؟" ކުރިއަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.
"ކީއްވެ ބިރުގަންނަންވީ.... މަންމައާއި ބޭބެ ސެޓްކޮށްފީމޭ ބުނީމެއްނު....." މިހާރު ކޮންމެތާކަށް ދާންވިޔަސް ގުޅާލަނީ ނާޝިދު އަށް... ބޭނުންގަޑިއެއްގައި ގެއަށް ދާންވެސް ބުނެފައި އޮތީ..... އެހެން ނޫނަސް ނާޝިދުއަކީ އެހާ ފިނޑި މީހެއް ނޫނޭ... ކުރާ ކޮންމެ ކަމެއް ކުރާނީ ވަރަށް ކެރިގެނޭ...." އަދި ބުނަންތަ އެއްވާހަކަ.... ހުމޭ ތިކަހަލަ ހެދުންލީމަ ވަރަށްރީތި...." ހުމޭދާ ލައިގެން އިން ކަޅު ޓޮޕާއި ވައިޓް ޖިންސަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
"އެހެންތަ....؟ މިހާރު ނާޝިދުގެ ޓޭސްޓް ބަދަލުވީތަ.... ކުރިން ނާޝިދަށް އެންމެ ރީތީ ހުމޭ ޕާކިސްތާނު ހެދުންލީމައެއްނު...." ނާޝިދާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ތިވާހަކަ ހުއްޓާލަބަލަ... ވަރަށް ރީތި ލަވައެއް ޖަހާދެންތަ....؟ ހުމޭދާގެ މޫނަށް ބަލަންއިދެ ނާޝިދު ބުނެލިއެވެ.
"ހޫން.... ޖަހާބަލަ.... އިނގެޔޭ ޖަހަން ތިއުޅެނީ ކޮންލަވައެއްކަން.... ވަރަށް ދުވަސް ވެއްޖެ ތިލަވަ އަޑުނާހާތާވެސް... ޖަހާލަބަލަ..." ސަމާސާ ރާގަކަށް ހުމޭދާ ބުނެލިއެވެ.
ނާޝިދު ކާރުގައި ހަރުކޮށްފައިވާ ސެޓް އޮން ކޮށްލިއެވެ. އިވިގެން ދިޔައީ ކުރީގެ މުސްކުޅި ލަވައެކެވެ. އަމީތާބުގެ ފިލްމު ސިލްސިލާގެ ލަވައެކެވެ. ޔެކަހާ އާގައޭ ހަމް، މި ލަވައެވެ. ލަވަ ފެށުމާއެކު ހުމޭދާގެ ދަތްދޮޅީގައި ހިފާލުމަށްފަހު ލަވައިގެ ތަންކޮޅެއް ނާޝިދުވެސް ކިޔާލިއެވެ.
"ހަޑިލަވައެއް..... ހުމޭ ހީކުރީ ނާޝިދުގެ ފެވަރިޓް ލަވަކަމަށް ޖަހާނީ.... ކަމަކު ނުދޭ... ނިވާލާ...." ހުމޭދާ ނާޝިދުގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
ނާޝިދު ލަވަ ބަދަލުކޮށްލުމަށްފަހު ކާރުގެ ދުވެލި ބާރުކޮށްލިއެވެ.
"ހާދަބާރޭ.... ކުޑަކޮށް މަޑުކޮށްލަބަލަ.... ކަމެއް ވެދާނެ.... ކޮންތާކަށްތަ އަހަރުމެން މިދަނީ....." އަނެއްކާވެސް ނާޝިދުގެ އަތުގައި ހިފައްޓާލަމުން ހުމޭދާ ބުނެލިއެވެ.
"އަބަދުވެސް ބުނަމެއްނު ނާޝިދު ހުއްޓަ ހުމޭއަށް އެއްވެސް ކަމެއް ނުވާނެއޭ.... އެހެން ނޫނަސް ވަރަށް ބޮޑުކަމެއް ޕްލޭން ކޮށްގެންނޭ މިދަނީ...." ހުމޭގެ ކޮލުގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.
ހަމައެވަގުތު ކުއްލިއަކަށް ކާރު ހުއްޓުނެވެ.
"ކޮބާ.... އެ ހުއްޓުނީ ކާރު.... ކިހިނެތް ހަދާނީ ދެން...." ހާސްވެފައި ހުމޭދާ ބުނެލިއެވެ.
"ސާބަސް... މިއީ އެހާ ހާސްވާންވީ ކަމެއް ނޫނޭ.... ހުމޭ ކާރުގައި މަޑުކުރޭ.... މިއަންނަނީ...." ކާރުން ފައިބަމުން ނާޝިދު ބުނެލިއެވެ.
"މިގަޑީގައި މިހިސާބުން ކާރެއްވެސް އޮޓޯއެއް ނުލިބޭނެ..... މިރޭ ހަތަރުދަމު މިތާކަންނޭގެ މަޑުކުރަން ޖެހޭނީ..." ނާޝިދާ ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ވާއު.... އެހެން ވެއްޖިއްޔާ ވަރަށް ސަޅިވާނެ...." ނާޝިދު މަޖާވެލާފައި ބުނެލިއެވެ.
"ނާޝިދު..... ދެން ސީރިއަސްވެބަލަ......" ނާޝިދުގެ ކޮޑުގައި ޖަހާލަމުން ހުމޭދާ ބުނެލިއެވެ.
"ހުމޭ ކާރުގަ މަޑުކުރޭ.... ކުޑަ ވަގުތުކޮޅެއް ތެރޭގައި ނާޝިދު މިއަންނަނީޔޭ...." ކާރުގެ ދޮރު ލައްޕާލަމުން ނާޝިދު ބުނެލިއެވެ.
ހުމޭދާ އަތުގައި އޮތް ގަޑިބަލާލިވަގުތު އަނެއް ފަރާތުން ކާރުގެ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ހުމޭދާ އެދިމާއަށް ބަލާލިއެވެ. އެއީ ނާޝިދެވެ. ނާޝިދު އިނީ ސައިކަލެއްގައެވެ.
"ކޮންތާކުން މިގަޑީގައި އެހާ އަވަހަށް ސައިކަލެއް ތިހޯދީ...." ހުމޭދާ ކާރުން ނިކުންނަމުން ޙައިރާން ކަމާއެކު ނާޝިދު އާއި ސުވާލުކޮށްލިއެވެ.
"ތިވާހަކަ ދައްކާނީ ފަހުން.... ސައިކަލަށް އަރާ...." ހުމޭދާ އަތުގައި ހިފާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"ނާޝިދު ހުމޭ ގާތުގައި ހުރިއްޔާ ހުމޭ އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެއޭ.... ކޮންމެ ކަމަކަށްވެސް ހައްލެއް ހޯދާނަން.... ހިނގާ ސައުތު ޕާކު އިން ރެސްޓޯރަންޓަށް ދަމާ...." ނާޝިދު ހުމޭދާގެ އަތް ގެނެސް ނާޝިދުގެ ފައިމަތީގައި ބާއްވާލަމުން ބުނެލިއެވެ.
"މިރޭ ހުމޭ ރެސްޓޯރަންޓަކަށް ދާހިތެއް ނެތް.... ހިނގާ ޕާނީޕޫރީ ކާން އެހެރަ ގާޑިޔާ ކައިރަށް ދާން.... މިގަޑީގައި ޕާނީޕޫރީ ކާލަން ވަރަށް ސަޅިވާނެ..." ތަންކޮޅެއް ދުރުން ބީޗުން ފެންނަންއޮތް ގާޑިޔާއަކާ ދިމާއަށް އަތްދިއްކޮލަމުން ހުމޭދާ ބުނެލިއެވެ.
ހުމޭދާއާއި ނާޝިދު ގޮސް ގާޑިޔަލުން ޕާނީޕޫރީ ގަނެގެން ކަމުންކަމުން ހިނގައިގަތެވެ.
"މިހާރު ވަރަށް ލަސްވެއްޖެ... ބާރަޖެހީ.... ހިނގާ ދެން ގެއަށްދާން....." އަތުގައި އޮތް ގަޑި ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ނޫނޭ.... އަދި ލަހެއްނުވެ.... ބާރަޖަހަން ދެމިޓް.... ދެމިނެޓް އަދި ނާޝިދުއަށްދީ....." ގަޑިއަކަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
ގަޑިން ބާރަޖެހުމާއެކު ނާޝިދު، އޭނާގެ ޖިންސުގެ ޖީބުން ކުޑަކުޑަ ގިފްޓަކާއި ގަމިސް ތެރެއިން ރަތްކުލައިގެ ފިނިފެންމަލެއް ނަގާ ހުމޭދާ އަށް ދިއްކޮށްލިއެވެ.
"ހެޕީ ބާރތްޑޭ ޓޫޔޫ..... ހެޕީ ބާރތްޑޭ ޓޫޔޫ..... ހެޕީ ބާރތްޑޭ ޑިޔާރ ހުމޭ... ހެޕީ ބާރތްޑޭ ޓޫޔޫ....." ހުމޭދާގެ ކުރިމަތީގައި އެއްކަކޫ ޖަހާލައިގެން އިށީންނަމުން ނާޝިދު ބުނެލިއެވެ.
އެވަގުތު އެދިމާ މޫދާ ދިމާއިން މައްޗަށް ހަވާތަކެއް އަރަމުން، ގޮވަމުން ދިޔައެވެ.
"ސަޕްރައިޒް ފޮރ ޔޫ....." ހަވާ އަރަމުންދާ ދިމާއަށް އަތްދިއްކޮލަމުން ނާޝިދު ބުނެލިއެވެ.
ހުމޭދާހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ. މިފަދަ ގޮތަށް ހުމޭދާގެ އުފަންދުވަސް މީގެ ކުރިން ދުވަހަކުވެސް ނާޝިދު ފާހަގަކޮށްފައެއް ނުވެއެވެ. ދެ މިނިޓެއްހާއިރު ހަވާތައް އަރަމުން ދިޔައެވެ. އެންމެފަހު ހަވާތައް އަރާފައި ގޮވަމުންދިޔައިން ގޮވި އަލިފާންކަނިތަކުން އައި ލަވް ޔޫ އެޅިފައި ވެއެވެ.
"ހުމޭ ހިޔެއް ނުކުރަން ހުމޭގެ އުފަންދުވަސް މިހާފުރިހަމައަށް ނާޝިދު ފާހަގަކޮށްފާނެ ކަމަކަށް.... ހުމޭ މިރޭ ވަރަށް އުފާވެއްޖެ...." ހުމޭދާ ނާޝިދުގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
"މީގެ ކުރިން މިގޮތަށް އަހަރުމެންނަކަށް ފުރުޞަތެއް ނުލިބެއެއްނު.... ނާޝިދު، ހުމޭ ގެންގުޅެން ބޭނުންވަނީ ވަރަށް އުފަލުގައޭ...." އިތުރަށް ހުމޭދާ ގަޔާ ކައިރިކޮށްލަމުން ނާޝިދު ބުނެލިއެވެ.
ކުރިމަތިން އެއްޗެއް ފެނިގެން ތެޅިގަންނަ ގޮތަށް ތެޅެގަތުމަށްފަހު ކުއްލިއަކަށް ނާޝިދު ހުމޭ ގަޔާއި ދުރުކޮށްލުމަށްފަހު ކުރިއަށް ބަލާލިއެވެ.
"ކިހިނެތްވީ....." ހުމޭވެސް ފަހަތަށް ބަލާލަމުން އަހާލިއެވެ.
"ކަމެއްނުވޭ... ހިނގާދަމާދެން.... ކާރުވެސް މިހާރު ހެދިފަ އޮންނާނީ.... " ހުމޭދާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ފަހަތަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
"އަމިއްލައަށް އޮވެގެން ކާރު ހެދޭތަ....؟ ހީނލާފައި ހުމޭދާ ސުވާލު ކުރިއެވެ.
"ކާރު ހަދަން މީހަކާ ޙަވާލުކޮށްފައޭ ނާޝިދު މިއައީ.... ދެން ހިނގާ އަވަހަށް ދަމާ...." އަނެއްކާވެސް ފަހަތަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 ނޮވެމްބަރު، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް