ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވާ ވަރަށް މައްޝޫރު ވާހަކަ ކޮޅެއް އޮވެއެވެ. އެއީ ކާމިޔާބީގައި ހިތްތިރި ކުރާ ވާހަކައާއި ނާކާމިޔާބީގައި ހިތްވަރުކުރާ ވާހަކައެވެ. ވަރަށް ހިކުމަތްތެރި އެހާމެ އިބުރަތްތެރި ވާހަކަ ކޮޅެކެވެ. ކޮންމެ ކިޔަވާ ކުއްޖަކުވެސް ކޮންމެ މަސައްކަތްތެރިއަކުވެސް އަބަދުމެ ހަނދާނުގައި ބަހައްޓަންޖެހޭ ވާހަކައެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަލްފާޟިލް މުހައްމަދު ނަޝީދު މި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ކާމިޔާބީގައި ހިތްތިރިކުރާ ވާހަކަ ވިދާޅުވެފައެވެ. އެހެނަސް ދިވެހިންނަކީ ނުވިސްނޭ ބައެއް ކަމަށް އިއްޒަތްތެރިންވެސް އަދި އިއްޒަތްތެރި ނޫން މީހުން މިއަދު ދެކޭނޭ ކަމެއް ނެތެވެ. އަބަދު އެއްމެން 'ހައްދާލައިގެން' 'އޮޅުވާލައިގެން' ގެންގުޅޭނޭ ކަމެއް ނެތެވެ. ވަރަށް ސާފެވެ. އަބަދަކު އެންމެނަކު ނުހެއްދޭނެއެވެ. އެއީ މާޒީ އެވެ. އެއީ ހުވަފެނެކެވެ. މި ރާއްޖޭގެ ޖުޑިޝަރީ އާއި ދިމާކޮށްލުމަށްފަހު ޖުޑިޝަރީ 'ފުޑާލާފައި' ކާމިޔާބީގައި ހިތްތިރިކުރާށޭ ބުނީމާ އެވަނީ ބޮޑު ޖޯކަކަށެވެ. މާ ބޮޑުތަނުންވެސް ޖޯކަކަށެވެ. މީހެއް ނުވަތަ ބައެއްގެ ކިބައިން ބަދަލުހިފުމުގެ ރޫހުގައި އެމީހާއި މަގުމަތިން ދިމާކޮށްގެން 'ތަޅާލާނެ' ކުދިން ކޮޅެއް ގެންގޮސްގެން އެމީހާއަށް ރަނގަޅަށް ތަޅާލުމަށްފަހު އެމީހާ މަރުވެގެން ވެއްޓުމުން އެއްކަލަ ތަޅާލި ކުދިންކޮޅު އަތްޖަހަން ފެށުމުން، ކާމިޔާބީގައި ހިތްތިރިކުރާށޭ ބުނީމާ ދެން ހަމަ އަންނާނީ ހިންޏެވެ.
މިހާކު ގޯސްކޮށް ކަމެއް ކޮށްފިއްޔާ ގާނޫނީ ނިޒާމުގެ ތެރެއިން އެމީހަކު ޖަވާބުދާރީ ކުރުވަންޖެހޭނެއެވެ. އަދި ޒިންމާދާރު ކުރުވަންވެސް ޖެހޭނެއެވެ. އެހެނަސް ތިމާމެން ހިތްނުރެހޭ މީހުން އެކަނި 'ސައިޒް' ކުރުމަށް ފަހު ހިތްރުހޭމީހާ ކިތައްމެ ވަރަކަށް ގޯސްކަންތައް ކުރިޔަސް އަޅާނުލާ ބެހެއްޓުމަކީ އިންސާފެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ސްޕްރީމް ކޯޓްގައި ތަޅުއެޅުވީއެވެ. ރައީސް ޔާމީން ސްޕްރީމް ކޯޓް ފުރާޅުން ޓިނު ނެގީއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ސްޕްރީމް ކޯޓަށް ޖެހެމުންދާ ހާލު ވަރަށް ސާފެވެ. އަޅުގަނޑު އެއްބަސްވަމެވެ. އެކި ރައީސުންނަށް ދިމާވީ އެކި ހާލެތެވެ. ތިޔަ ވިދާޅުވާން އުޅުންވާ އެއްޗެއްވެސް ސާފެވެ. ތިމާ ސަޕޯޓްކުރާ ރައީސް ކުރި ކަންތައް ދިފާއުކުރަން ސަބަބު ދައްކަނީ ނޫންހެއްޔެވެ.
ދިވެހިން ވަކިން ޚާއްސަކޮށް ދިވެހި ޒުވާނުން މިތިބީ ވަރަށް ސާފުކޮށް މަންޒަރު ބަލާށެވެ. އިއްޒަތްތެރި ޗަރުކޭހަކުން، އިއްޒަތްތެރި ބެރުދުންމާރީގެ އަޑަކުން އެ މީހުންނަށް އޮޅުވައެއް ނުލެވޭނެއެވެ. މި ގައުމަށް ބޭނުންވަނީ ޖުޑިޝަރީގެ ތެރެއަށް އަދި ކިއެއްތަ އެއްވެސް ބާރެއްގެ ތެރެއަށް އަތްނުބާނާނެ ވެރިކަމެކެވެ. ފަޑިޔާރު މަނިކުފާނުގެ ނިޔާގެ ސަބަބުން ފަނޑިޔާރު މަނިކުފާނަށް އަނިޔާ ނުލިބޭ ވެރިކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް