"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ މަސައްކަތްތައް ކުރުމަށް ސީއެންއެމްގެ ސީނިއަރ އެޑިޓަރު މިސްބާހް އައްބާސް ނޫސްވެރިކަމާ ދުރަށް ގޮސްފިއެވެ. އޭނާ ވަނީ މިއަދުން ފެށިގެން ސީއެންއެމުން އިސްތިއުފާ ދީފައެވެ.
މިސްބާހާއި ހަވާލާދީ އެ ނޫހުން ބުނެފައިވަނީ ސީއެންއެމުން އިސްތިއުފާ ދެއްވީ، ކޮމިޝަންގެ މަސައްކަތްތަކަށް ވަގުތު ދިނުމުގޮތުންނާއި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، ކޮމެޓީގެ މަސައްކަތްތަކާ މަސްލަހަތު ފުށޫ އަރާ ކަމަކަށްވާތީކަމަށެވެ.
"މަރުތަކުގެ މައްސަލަ ބެލުމަކީ ވަރަށް މުހިންމުކަމެއް. އެހެންކަމުން އެކަމަށް ވަރަށް ވަގުތު ބޭނުންވޭ. އެހެންވެ އިސްތިއުފާ ދިނީ. އަނެއްކާ ކޮމިޝަނުގެ މަސައްކަތަށް ފާރަވެރިވާން ޖެހޭ ތަނެއްގައި މަސައްކަތްކުރުމަކީ މާ ބޮޑަށް ފުށުއަރާކަމެއް. އެހެންވެ މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުންކަމަށް ފެންނާތީ އިސްތިއުފާދިނީ. މަސައްކަތް ނިންމާފައި އެނބުރި އަންނާނީ ސީއެންއެމަށް،" ސީއެންއެމް ސީއެންއެމަކަށް ހެދުމުގައި އިސް ދައުރެއް އަދާކުރެއްވި މިސްބާހާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
މިސްބާހު ސީއެންއެމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސީއެންއެމުގެ އެޑިޓަ އިން ޗީފް އިސްމާއީލް ރަޝީދު ވިދާޅުވެފައިވަނީ މިސްބާހު އިސްތިއުފާ ދިނުމުން ސީއެންއެމަށް ކުރިމަތިލާން މިޖެހުނީ ފޫނުބެއްދޭވަރުގެ ގެއްލުމަކާ ކަމަށާއި އަދި މީޑިއާ އަށް ވެސް އެ ގެއްލުނީ ވަރަށް އަގުހުރި ހިދުމަތްތެރިއެއްކަމަށެވެ.
"މިސްބާހު އިސްތިއުފާ ދިނުމަކީ ސީއެންއެމަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް. އަދި މީޑިއާއަށް ވެސް އެ ގެއްލުނީ ނުހަނު ހިދުމަތްތެރި ނޫސްވެރިއެއް. ނަމަވެސް އޭނާ އެކުރިމަތިލަނީ ވަރަށް މަތިވެރި މަސައްކަތަކާ. ސަރުކާރަށް ފާރަވެރިވުމާ އެއް ފަދަ ކަމެއް އެކުރައްވަން މިސްބާހު އެދަނީ،" ސީއެންއެމްގެ އެޑިޓަރ އިން ޗީފް ވިދާޅުވެފައިވެއެވެ.
ސީއެންއެމުން ބުނެފައިވަނީ ނޫހަށް ކިތަންމެ ބޮޑު ނިކަމެތިކަމެއް ކުރިމަތިވި ނަމަވެސް މިސްބާހުގެ ނިންމުން ރަނގަޅުކަމަށާއި މަރުތަކުގެ ތަހުގީގުކުރާ ކޮމިޝަނެއްގައި އުޅެމުން މީޑިއާގައި އުޅުމަކީ އަހުލާގީގޮތުން ކުރެވޭނެކަމެއް ނޫންކަމަށެވެ.
މިސްބާހަކީ މިނިވަން ނޫސްވެރިކަމުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލުގައި އުޅޭ ހުރިހާ ނޫސްވެރިންނާވެސް ގާތް ގުޅުމެއް އޮންނަ ނޫސްވެރިއެކެވެ.
ސީއެންއެމުން އިތުރަށް ބުނެފައިވާގޮތުގައި މިސްބާހުވަނީ ސީއެންއެމުން އިސްތިއުފާ ދެއްވަން ނިންމުމާއި އެކު މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. މިސްބާހު މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަން ކުރަމުން ގެންދަވަނީ އެންމެ ފަހުން ބޭއްވި މީޑިއާ ކައުންސިލުގެ އިންތިހާބުގައި ސީއެންއެމްގެ ނަމުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް