ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ސާލިޙް މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މި ބައްދަލުވުމުގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ނިންމަވާފައިވާ ކަންކަން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.
މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިސަރުކާރުން ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމާގުޅޭ މަޢުލޫމާތާއި، ސަރުކާރުގެ އިދާރާތަކުގެ ޙާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މަޢުލޫމާތު ހިމެނޭ ކަރުދާހާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހުގައެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި، އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި، އިދާރާތަކަށް ހިނގާ ޤަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ހިނގަމުން އަންނަ އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ޤައުމީ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ކޮމިޓީތަކުން ހޯއްދެވި ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދުވެސް މިއަދުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ސަރުކާރުގެ މަސައްކަތްތައް އަދި ޚާއްޞަ ގޮތެއްގައި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރައްވަން ކަނޑައަޅުއްވާފައިވާ މަސައްކަތްތައް ވީއެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ހުރިހާ ވަޒީރުންނަށް އިލްތިމާސްކުރައްވާފައިކަމުގައިވެސް ރައީސް އޮފީހުން ހާމަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް