ސިންގަޕޫރު ސަފީރު ރާއްޖޭގެ ނައިބު ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައިފި

ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެ...

19 Nov 2018 | 09:23

ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޗުއާ ތިއަން ޕޮ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސިންގަޕޫރާ ދެމެދުގައިވާ ޚާރިޖީ ގުޅުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރުން މިހާތަނަށް ހޯދައިފައިވާ އިޖްތިމާއީ އަދި އިޤްތިޞާދީ ކާމިޔާބީއަށް ތައުރީފުކުރައްވާފައެވެ. އަދި ދިވެހިރާއްޖެވެސް އިޖްތިމާއީ އަދި އިޤްތިޞާދީ ރޮނގުން ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ކަމަށާއި އަދި ހާއްޞަ ގޮތެއްގައި ޒުވާނުންނާ ގުޅުން ހުރި ދާއިރާތަކުން ކުރިއެރުވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ކަމުގައި ރއީސް އޮފީހުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރަކީ ދިވެހި ކިޔަވާ ކުދިންނާއި އާންމު ރައްޔިތުން ވަރަށް ގިނައިން ދިރިއުޅުއްވާ ޤައުމަކަށްވާތީ އެބޭފުޅުންނަށް ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދެޤައުމަށް ކޮށްދެވިދާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވެވި ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވެފައިވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސިންގަޕޫރުން ވަރަށްގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގަން ފުރުޞަތު ހުޅުވިފައިވާކަން ފާހަގަކުރެއްވި ކަމަށާއި އަދި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. މީގެއިތުރުން ސިންގަޕޫރަކީ ދިވެހިރާއްޖޭގައި އިންވެސްޓްކުރާ އެންމެ ބޮޑު އިންވެސްޓަރުކަންވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް