ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން އެދެފިއެވެ.
އީސީއިން މިގޮތަށް އެދިފަިވަނީ ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލަ އިންސާފުވެރިކަމާއެކު ނިމިދާނެކަމަށް ގަބޫލު ނުކުރެވޭތީއެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވނީ ފަނޑިޔާރު ފައިސަލްއެވެ. ފައިސަލްއަކީ ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރެވެ. ހުސައިން އަލީއަކީ، ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ ސިޔާސީ މަގާމްތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެހެންކަމުން އެކަމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި އެކަމަކީ މައްސަލަ އަދުލުވެރިކޮށް ނިމުމަށް އޮތް ހުރަހެއް ކަމަށް އީސީން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތީ އިޖުރާއަތްތައް ފުރިހަމަ ނުކުރާ ކަަމަށް ބުނެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުންކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް