މަންމާއެވެ. އަހަންނަށް ހިތްވަރުދޭށެވެ.

މިއީ ދަރިވަރެއްގެ ދުލުން ބުނާވާހަކަތަކެކެވެ. މަންމާއެވެ. ބައްޕާއެވެ. ކިޔެވުމުން އަޅުގަނޑު އެންމެ މަތީ ނަތީޖާ ހޯދުމަށް އެދޭ އެންމެންނެވެ. ޤަބޫލުކުރަމެވެ. އަޅުގަނޑު އަބަދުވެސް ގެނައީ އޭ ރިޕޯޓެވެ. 10 އަހ...

19 Nov 2018 | 05:47

މިއީ ދަރިވަރެއްގެ ދުލުން ބުނާވާހަކަތަކެކެވެ.

މަންމާއެވެ. ބައްޕާއެވެ. ކިޔެވުމުން އަޅުގަނޑު އެންމެ މަތީ ނަތީޖާ ހޯދުމަށް އެދޭ އެންމެންނެވެ.

ޤަބޫލުކުރަމެވެ. އަޅުގަނޑު އަބަދުވެސް ގެނައީ އޭ ރިޕޯޓެވެ. 10 އަހަރު ސުކޫލުގައި ކިޔެވި އިރު އެންމެ ބީ ރިޕޯޓެއްވެސް ހޯދާފައެއް ނުހުންނާނެއެވެ. ނަމަވެސް އޭލެވެލްގައި އަޅުގަނޑުގެ ނަތީޖާ ހީކުރިވަރަށްވުރެވެސް މާދަށްވީއެވެ. ލިބުނީ އަޅުގަނޑާ އެކަށީގެންވާ ނަތީޖާއެއްވެސް ނޫނެވެ. މަންމަމެންނަށް އެކަން ޤަބޫލުކުރަން އުނަދަގޫވިއެވެ. އެންމެންނަށްވެސް އެކަން ހަޖަމު ކުރަން އުނދަގޫވިއެވެ. އަޅުގަނޑަށް ހަޔާތުގައި އެހައިތަނަށް ކުރެވުނު ހުރިހާ ގޯސްކަމަކާއި ނުކިޔަވާ ވަގުތު ތަކުގައި އަޅުގަނޑު ކުރާ ކަންކަން އެއީ އެއްވެސްވަރަކަށް ނުކިޔާވާހުރެ ކުރާކަންކަން ކަމުގައި ބުންޏެވެ. ނުކިޔަވާހުރެ ފިލްމު ބަލަނީއެވެ. މިހާރު ކިޔެވުމެއްނޯވެ، އަބަދު ފޯނާ ކުޅެނީއެވެ. އަޅުގަނޑާއިދިމާލަށް ހަޅޭއްލަވާ ދެރަކުރުވިއެވެ. މިހާރު މީ އާއިލާއަށް އެއްވެސް ބޭނުންނެތް މީހެއް ކަމުގައި އިހުސާސް ކުރުވިއެވެ. ގޭގެ ރަޖިސްޓްރީއިންވެސް ނުނަގާކަމެއް ނޭނގެއެވެ. އަހަންނަކީ މިހާރު މަންމަމެންނަށް ބޮޑުލަދެކެވެ. ކީއްވެހެއްޔެވެ؟ ފެއިލްވީމައެވެ.

ނަމަވެސް މަންމާއެވެ. ބައްޕާއެވެ.  މިނަތީޖާއާއި މެދު އަޅުގަނޑު މިހުރި އުފަލުންކަމަށް މަންމަމެންނަށް ހީވަނީތޯއެވެ؟ އަޅުގަނޑަށް ކުރާނެ އަސަރު ވިސްނައިލިން ތޯއެވެ؟ ޤަބޫލު ކުރަމެވެ. މަންމަގެ ބަނޑުގައި އަޅުގަނޑު އަށަގަތީއްސުރެ މަންމަމެން އައީ އަޅުގަނޑަށްޓަކައި އެތައް ޤުރުބާނީތަކެއްވަމުންނެވެ. އަޅުގަނޑާއި މެދު އެތައް ހުވަފެންތަކެއް ދެކެމުންނެވެ. އެތައް އުންމީދުތަކެއް ކުރަމުންނެވެ. އަޅުގަނޑަށް ޚިދުމަތް ކުރަމުންނެއެވެ. ބޮޑުވެގެން މިހާވަރު އުމުރުންވީއިރުވެސް މަންމަމެން ކޮށްދޭ ކަންކަމުގައި އެއްވެސް އުނިކަމެއްނެތެވެ. އަޅުގަނޑު އުފަލުގައި ބަހައްޓަން ކުރެވުނުހާ މަސައްކަތެއް ކުރެއެވެ. ދެން މަންމަމެންގެ ސުވާލަކީ އެކަން އެނގޭ އިރު، އެގޮތައް ކަންކަން ކޮށްދޭ އިރު ރަނގަޅަށް ނުކިޔެވުނީ ކީއްވެތޯއެވެ؟ މަންމަމެން ކޮށްދޭ މަސައްކަތުގެ އަގުވަޒަން ނުކުރީ ކީއްވެތޯއެވެ؟ މިހެން ނޫންތޯއެވެ؟

މަންމާއެވެ. ބައްޕާއެވެ. ހުރިހާކަމެއް މަންމަމެން ކޮށްދިނީ ވީހާވެސް ފުރިހަމައަށެވެ. އެކަމަކުވެސް އަޅުގަނޑަށްވެސް ބުނެދޭންނޭންގޭ ސަބަބަކާ ހުރެ އަޅުގަނޑު ދަށްވީއެވެ. އިނގެއެވެ. މަންމަމެން ޤަބޫލެއްނުކުރާނެއެވެ. ވާނީވެސް އެހެންނޫންތޯއެވެ. ސަބަބަކަށް ވާކަހަލަ ސަބަބެއް އަޅުގަނޑަކަށް ނުދެއްކެއެވެ. އެއީ އެސަބަބެއް ނެތީމައެވެ. ހުރިހާވެސް މައްސަލައަކީ އަޅުގަނޑެވެ. ކިޔަވާހިތްނުވުމެވެ. އިތުރު އެއްކަމެއްވެސް ކުރާހިތްނުވުމެވެ. ގަޔާނުވެވުމެވެ. އަބަދު ނިދަން ބޭނުންވުމެވެ. މަންމާއެވެ. ހަދާނެގޮތް ހުސްވެގެން މިކަންކަމަށް ހައްލެއް ލިބޭތޯ ވާހަކަދައްކާނެ މީހަކު ހޯދީމެވެ. އެކަމަކުވެސް އަޑުއަހާނެ އެކަކުވެސް ނެތެވެ.

އޭލެވެލްގެ ފަހުއަހަރު ހިތްވަރު ކޮށްފައި ކިޔެވީމެވެ. މިފަހަރުމީ އޭލެވެލްގެ އެންމެ ފަހު އިމްތިހާނެވެ. ކުރިން ތިންފަހަރު ބައިވެރިވެގެންވެސް ފެއިލް ވުމުން މިފަހަރު ހުރިހާ މާއްދާއެއްގެ ހުރިހާ ޔުނިޓެއް ހަދަމެވެ. ހިތްވަރުކޮށްފައި އަމިއްލަ ނަފްސަށް ކިޔަވަން މަޖުބޫރު ކުރީމެވެ. ނަމަވެސް ސިކުނޑި ރަނގަޅަށް މަސައްކަތް ކުރާހެން ހިޔެއްނުވެއެވެ. އެއްއިރެއްގައި އަޅުގަނޑުމީ ތޫނުފިލި އެންމެ މޮޅު ކުއްޖާއެވެ. ފިލާވަޅުތައް ބަރާބަރަށް ނިންމާ ކުއްޖާއެވެ. ނަމަވެސް އެހެން ކުދިންގެ ފޮތުން "ހޯމްވާރކް" ކޮޕީ ކުރާ ކުއްޖާއަށް އަޅުގަނޑުވީ ކޮން ދުވަހަކުބާއެވެ. ޓެސްޓުތަކުން ފުލްމާކުހާއި ގާތަށް ކުރިން ހޯދާފައި، މިހާރު އަބަދުވެސް ޓެސްޓުތަކުން ފެއިލްވާ ކުއްޖަކަށް އަޅުގަނޑުވީ ކޮން ދުވަހަކުބާވައެވެ.

މަންމާއެވެ. ބައްޕާއެވެ. އަޅުގަނޑު އަމިއްލަނަފްސަށް ނަފްރަތުކުރާހާވެއެވެ. މަންމަމެން އުންމީދު ކުރިކަހަލަ ކުއްޖަކަށް ނުވެވުނީތީއެވެ. އަޅުގަނޑާއިހެދި މަންމަމެންގެ ރައްޓެހިންނާއި އާއިލާ އެހެންމީހުން ކުރިމަތީގައި މަންމަމެންގެ އަގުވެއްޓުނީތީއެވެ. މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އޭލެވެލް ނިމިއްޖެއެވެ. އިހުސާސް ކުރެވެނީ ފުންނިންޖަކުން ހޭލެވުނު އިހުސާސެވެ. އެނިދީގައި ފެނުނު ހުވަފެން ހަނދާން ވުމުން ގައިން ހީބިހި ނަގައި ރޮވޭގޮތްވެއެވެ. އަމިއްލަ ނަފްސަށް ކުރިން އޮތް އިތުބާރު މިހާރަކު ނެތެވެ. ކޮންމެކަމެއްގައިވެސް، ކުދިކުދި ކަންކަމުގައިވެސް އިހުސާސުވަނީ ސިކުނޑި ސުމަކަށް ގޮސްފައިވާ މީހެއްގެ އިހުސާސެވެ. ހީވަނީ އަބަދުވެސް ހަތަރު އުދަރެސް ފެނުޖެހިފައިވާހެންނެވެ.

މަންމާއެވެ ބައްޕާއެވެ. އަހަރެން ގެނބެނީއެވެ. އަރަމުން ދިޔަ ހަރުފަތުން ކައްސާލައި ވެއްޓެނީއެވެ. އެހީގެ އަތެއްބޭނުމީ މިވަގުތެވެ. ކުރިއަށްދާން ބޭނުމެވެ. އަލުން ފަށަން ބޭނުމެވެ. ނުފެށެންވީ ކީއްވެހެއްޔެވެ؟  އަޅުގަނޑުމީ މިހާރު މަންމެންނަށް ހުރި ލަދަކަށްތޯއެވެ؟ ހެޔޮނުވާނެއެވެ. މަންމާއެވެ. ބައްޕާއެވެ. އާދޭސްކޮށްފައި ބުނަމެވެ. އަދި އަޅުގަނޑު ޤަބޫލުކުރާށެވެ. ނާކަމީޔާބީއެއް ލިބުނީތީ ބާކީނުކުރާށެވެ. އަޅުގަނޑުގެ އަތުން ދޫކޮށްނުލާށެވެ.

މަންމާއެވެ. ބައްޕާއެވެ. ޑިޕްރެޝަން އަޑުއަހަމުތޯއެވެ؟

*** މާތް ﷲގެ އިރާދަފުޅާއިއެކު ޑިޕްރެޝަންއިން ސަލާމަތްވުމަށްފަހު މިލިޔުން އަލުން މިލިޔުނީއެވެ. ***

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް