އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާ އަތުން މޮޅުވެ، ލީގުގެ އެއްވަނައަށް ޓީސީ ސްޕޯޓްސް ކްލަބު ޖެހިލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ މޮޅުވީ 2-0 ލަނޑުންނެވެ.
މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް ފުރަތަމަ ހާފްގައި ވެލެންސިއާއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އަބްދުލްވާހިދު އިބްރާހިމް (ވާޑު) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މިމެޗުގެ ލީޑު ޓީސީން ނެގީ 57 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ޓީސީއަށް ލިބުނީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން މުހައްމަދު އައްޒާމްއަށް އިބްރާހިމް އަބްދުﷲ (އިއްބެ) ކުރި ފައުލަކާ ގުޅިގެންނެވެ. ޕެނަލްޓީން ޓީސީއަށް މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާމްބެ) އެވެ.
މިމެޗުގެ ލީޑު ޓީސީން ފުޅާކުރީ 76 ވަނަ މިނެޓްގައެވެ. ނާއިޒް ހަސަން ދިން ބޯޅައަކުން ޓީސީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނުކުތް އަހްމަދު ނިޒާމް (ނިޒާމްބެ) އެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ހަމަ އޭނާ ކުޅެން ނުކުތްތަނާހެންނެވެ.
ދެވަނަ ހާފްގައި ވެސް ވެލެންސިއާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ވެލެންސިއާގެ ހުސައިން ނިހާންއާއި އަވިލޯއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ޓީސީ އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. ލީގުގެ ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް 10 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް އެވެ. މިވަގުތު ލީގުގެ އެއްވަނައިގައި ޓީސީ އޮތް ނަމަވެސް، މިރޭގެ މެޗުން ނިއު މޮޅުވެއްޖެނަމަ ނިއު އަލުން އެއްވަނައަށް ޖެހިލާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް