ބޭންކް އޮފް މޯލްޑިވްސް ގެ ވިޔަފާރި ބޭރު ގައުމުތަކަށް ފުޅާކުރުމަށް ވިސްނަވަމުންދާކަމަށް ބީއެމްއެލްގެ ސީ.އީ.އޯ، އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.
ހީލީ މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި ތައިވާންގެ ވެރި ރަށް ތައިޕޭ ގައި ބޭއްވި އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ބީއެމްއެލްގެ ވިޔަފާރި ބޭރު ގައުމުތަކަށް ފުޅާކުރުމުގެ މަގްސަދަކީ ދިވެހި ކަސްޓަމަރުންގެ ފައިދާއަށް ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒު ހުރީ ދިވެހި ރާއްޖޭގައި އަޅުގަނޑުމެން ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރުމަށް، މި ގޮތުން އަޅުގަނޑުމެންގެ ލޯނު ޕޯރޓްފޯލިއޯ، ބްރާންޗް، އޭޓީއެމް، އަދި ކޭޝް އޭޖެންޓް ނެޓްވާރކް ފުޅާވަމުންދިޔުމުން ދައްކުވައިދެނީ އަޅުގަނޑުމެން ވެފައިވާ ވައުދާއި އެއްގޮތަށް ރާއްޖޭގައި ކުރަމުންމިދާ އިންވެސްޓްމަންޓް، ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރުމުން ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް އިތުރަށް ފައިސާލިބި އެއާއެކު އަގުހެޔޮ ފަންޑްތައް ލިބި މީގެ ފައިދާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ، ބޭންކުގެ ބޯޑުން ދެކިވަޑައިގަންނަވާގޮތުގައި މިވަގުތު ބީއެމްއެލް މިވަނީ ދިވެހިރާއްޖެއިން ބޭރުގެ އިތުރު މާކެޓެއް ނުވަތަ ދެ މާކެޓެއްގައި ޚިދުމަތް ދޭން ފެށޭނެ ފަދަ ހާލަތެއްގައި. ކުރިއަށް އޮތް 12 މަސް ދުވަސްތެރޭ އަޅުގަނޑުމެން މިފަދައިން ޚިދުމަތް ދެވޭނެ މާރކެޓްތައް ބަލަމުންދާނަން" ހީލީ ވިދާޅުވި އެވެ.
ބީއެމްލް އިން ހާމަކުރާ ގޮތުގައި ދާދި ފަހުން ބީއެމްއެލް އިން ހާމަކުރި ތިންވަނަ ކުއާޓަރގެ މާލީ ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ (ޓެކްސް އަށް ކެނޑުމަށްފަހު) ވަނީ އޭގެ ކުރީ ކުއާޓަރ އާ އަޅާބަލާއިރު %38 ގެ ކުރިއެރުމަކާއެކު 159 މިލިއަން ރުފިޔާ އަށް އަރާފައެވެ. މި އަހަރުގެ އެހާތަނަށް އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އަށް ވުރެ އިތުރުވެ 2.2 ބިލިއަން ރުފިޔާ އަށް އަރާފައެވެ. ރައުސްމާލުގެ ފުދުންތެރިކަން ވެސް ވަނީ ޤާނޫނުން ލާޒިމްކުރާ މިންގަނޑުތަކަށް ވުރެ އިތުރަށް ބެހެއްޓިފައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެޖެންޓުން މެދުވެރިކޮށް ބޭންކިންގ ޚިދުމަތް ދިނުމަށާއި އޮންލައިން އަދި ސެލްފް ސަރވިސް ބޭންކިންގ ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް ތަރައްގީކުރުމަށް އިންވެސްޓްކުރަމުން ދާނެކަމަށްވެސް ބޭންކުންވާނީ ހާމަކޮށްފައެވެ.
ބީއެމްއެލް އިން ދަނީ ވ. އަތޮޅުގައި ބޭންކުގެ ބްރާންޗްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ބްރާންޗް ގެ މަސައްކަތް ވަރަށް އަވަހަށް ނިމި ބްރާންޗްގެ ޚިދުމަތް ފެށުމުން ހުރިހާ އަތޮޅެއްގައި ބޭންކުގެ ބްރާންޗް ގާއިމްކުރެވުނީ ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ޚިދުމަތް މިއަހަރު ތެރޭގައި ނިމި ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި ބޭންކުގެ ޚިދުމަތް ގާއިމް ވެގެންދާނެ ކަމަށްވެސް ބޭންކުން ހާމަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް