ހަވާއީގައި ވިހޭ ކެނެޑާ އަންހެނެއްގެ ހޮސްޕިޓަލް ބިލަށް 1 މިލިޔަން ޑޮލަރު އަރައިފި

ހަވާއީއަށް ޗުއްޓީ ހޭދަ ކޮށްލަން ގޮސްގެން އުޅެނިކޮށް ކުއްލި ގޮތަކަށް ވިހަން ޖެހުނު ކެނެޑާ އަންހެނެއްގެ ހޮސްޕިޓަލް ބިލަށް 1 މިލިއަން ޑޮލަރު އަރައިފިއެވެ. ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ޖެނިފާ ހަކުލެކް އ...

19 Nov 2014 | 10:38

ހަވާއީއަށް ޗުއްޓީ ހޭދަ ކޮށްލަން ގޮސްގެން އުޅެނިކޮށް ކުއްލި ގޮތަކަށް ވިހަން ޖެހުނު ކެނެޑާ އަންހެނެއްގެ ހޮސްޕިޓަލް ބިލަށް 1 މިލިއަން ޑޮލަރު އަރައިފިއެވެ.

ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ޖެނިފާ ހަކުލެކް އޭނާގެ ފިރިމީހާއާއި އެކު ޗުއްޓީ ހޭދަކޮށްލަން ހަވާއީއަށް ދަތުރު ކުރިއިރު ބަނޑަށްވީ 6 މަސްދުވަހެވެ. ދަތުރަށް ފެށުމުގެ ކުރިން ޖެނިފާ ވަނީ ބުލޫ ކުރޮސް ކިޔާ ކުންފުންޏަކުން އިންސޫރެންސް ހޯދުމަށްފަހު ދަތުރު ކުރުމުގެ ހުއްދަ ހިމެނޭ ޑޮކްޓަރުގެ ލިޔުމެއްވެސް ހޯދާފައެވެ.

ނަމަވެސް ހަވާއީގައި ހޭދަކުރި ދެވަނަ ދުވަހު ޖެނިފާ ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. އަދި ވިހެއުމުގެ ދުވަސް ހަމަވުމުގެ 9 ހަފްތާ ކުރިން ވިހެއެވެ. އެއަށްފަހު ކުޑަ ދަރިފުޅަށް 2 މަސް ވާންދެން ހާއްސަ ސިއްހީ ހިދުމަތްތައް ވެސް ދޭންޖެހުނެވެ.

ދަރިފުޅަށް ކުރިމަތިވި ނާޒުކު ހާލަތުން ސަލާމަތްވެ ސިއްހަތު ރަނގަޅު ވިނަމަވެސް ޖެނިފާއާއި އޭނާގެ ފިރިމީހާއަށް ކުއްލި ސިހުމެއް ލިބުނީ 1 މިލިއަން ޑޮލަރުގެ ބިލެއް ހޮސްޕިޓަލުން ހަވާލު ކުރުމުންނެވެ. މި ބިލު ދެއްކުމަށް އެހީއަށް އެދުމުން އެދެމަފިރިން އިންސުއާ ކުރި އިންސޫރެންސް ކުންފުނިންވެސް ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ބުލޫ ކުރޮސް އިންސޫރެންސް ކުންފުނިން ޖެނިފާއަށް ފޮނުވި ލިޔުމެއްގައި ބުނެފައި ވަނީ، ދުވަސް ހަމަވުމުގެ ކުރިން ވިހަންޖެހި، ނާޒުކު ހާލެއްގައި ދެމައިންނަށް ފަރުވާކުރަން ޖެހުނު ކަމުގައި ވީނަމަވެސް އެކަމުގެ އެއްވެސް ހަރަދަކަށް ޒިންމާވުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބުނެފައި ނުވާނެކަމަށެވެ.

މިކަން ހިނގާދިޔަ ގޮތާއިމެދު ޖެނިފާ ބުނެފައިވަނީ މިކަހަލަ ކަންތައްތަކާއި މެދު ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށާއި މިކަމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. އަދި އިންސޫރެންސް ކުންފުނި ތަކުން ގެންގުޅޭ ބޮލުންކަޓުވާލުމުގެ އުސޫލާއި މެދު ހޭލުންތެރި ވާންޖެހޭ ކަމަށްވެސް ޖެނިފާ އިތުރަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް