ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފި

ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ...

19 Nov 2014 | 06:11

ތޫނު ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ..

ބިލް ހުށަހަޅުއްވަމުން އިބްރާހިމް ދީދީ ވިދާޅުވީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅީ ގޭންގު ކުށްތަކުގެ ސަބަބުން ރައްޔިތުންނަށް ގެއްލިފައިވާ އަމާން ވެށި ހޯދައިދިނުމަށް ކަމަށެވެ. އަދި ބިލްގައި ކުރިން މިފަދަ ކުށްތައް ކުރާ ފަރާތްތަކަށް ގާނޫނުން ލިބިދީފައިވާ ބައެއް ހައްގުތައް ނިގުޅައިގެންފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ބިލަށް ބަހުސްކުރަން ފަށާފައި އެވެ. ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވީ މި ބިލަކީ، މިހާރު ގޭންގު ކުށްތައް ހުއްޓުވުމަށް އަމަލު ކުރެވެމުންދާ ގާނޫނުތަކުގައި ހުރި ފޫނުބެދޭ ކަންކަން ފޫބެއްދުމަށް ހުށަހެޅުނު ރަނގަޅު ބިލެއް ކަމަށެވެ. އަދި މި ބިލް ފާސްވެއްޖެ ނަމަ ބޮޑެތި ކުށްތަކަށް އަރައިގެންނަ މީހުންނަށް އަދަބު ދިނުން ދިގުލައިގެންދާ ދިއުމަށް ނިމުމެއް އަންނާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ ބިލަކީ ރަނގަޅު ބިލަކަށް ވިޔަސް މިފަހަކަށް އައިސް މާލެތެރޭގައި ކޮށްފައިވާ ކުދި ކުދި ކުށްތަކުން ފެށިގެން ބޮޑެތި ކުށްތައް ކުރުމުގައި ސަރުކާރުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މަޖިލީހުން ބިލެއް ފާސްކުރުމަކުން ގޭންގު ކުށްތައް ނުހުއްޓުވޭނެ ކަމަށާއި މި ކުށްތައް ހުއްޓުވޭނީ ސަރުކާރުން އެކަމަށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅައިގެން ކަމަށެވެ.

ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ މެންބަރުން ވިދާޅުވީ މުޖުތަމައުގައި ކުށް ކުރާ މީހުން އެއްކޮށް ނައްތާ ނުލެވޭނެ ކަމަށާއި، ރާއްޖޭގައި ހާއްސަކޮށް މާލޭގައި ކުށްކުރުން އިތުރު ވަނީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެވި މާލެއަށް ތޮއްޖެހުމުން ކަމަށެވެ.

މި ބިލްގައި ވާގޮތުން މާރާމާރީއެއްގައި ހައްޔަރު ކުރެވޭ މީހާގެ ޝަރީއަތް ނިމެންދެން އޭނާ ހުންނާނީ ބަންދުގައި އެވެ. އަދި ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ސާބިތުވެއްޖެ މީހެއްގެ އެންމެ ކުޑަ އަދަބެއްގެ ގޮތުގައި މި ބިލުގައި ބަޔާންކޮށްފައިވާނީ ހަތް އަހަރުގެ ޖަލު ހުމެއް ކަމަށެވެ.

އެޓާނީ ޖެނެރަލް އަލްއުސްތާޒު މުހައްމަދި އަނިލް ވިދާޅުވީ މި އިސްލާހުގައި ތޫނު ހަތިޔާރުން މީހަކަށް ހަމަލާދީ އޭނާގެ ޖިސްމުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބި އެކަން ތަހުގީގު ކުރުމަށްފަހު 15 ދުވަސްތެރޭ ދައުވާ ކުރަން ފޮނުވަންޖެހޭނެ ކަމަށެވެ. އަދި 30 ދުވަހުގެ ތެރޭގައި އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު ހުކުމް އިއްވެން ޖެހޭނެ ކަމަށެވެ.

މި ބިލްގައިވަނީ ވަކި ކަހަލަ ކުށްތަކެއްގައި ބަންދު ކުރެވޭ މީހުންނަށް ހަނު ހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެ ގޮތަށް ކަނޑައަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް