ޒޯން 6 ގެ ފުޓުބޯޅަ މުބާރާތުގައި ލ.މާބައިދޫ އަދި ލ. ފޮނަދޫ ބައްދަލުކުރި މެޗު ހަމަނުޖެހުން ހިނގާ ހުއްޓާލައިފިއެވެ.
ތ. ވޭމަންޑޫގައި ކުރިއަށްދިޔަ މެޗު ހަމަނުޖެހުންތަކުގެ ސަބަބުން ،މެޗުނުނިމި 30 މިނެޓު ވަނިކޮށްވަނީ މެޗު ހުއްޓާލާފައެވެ. މެޗުގައި މާބައިދޫއިން ފުރަތަމަ 3 ގޯލް ޖަހާފައިވާއިރު ފޮނަދޫއިންވަނީ ފަހަތުންއަރާ 1 ގޯލް ކާމިޔާބުކޮށްފައެވެ.
މެޗު ހޫނުވުމަށްދިމާވީ ރެފްރީ ދެއްކި ރަތްކާޑެއްގެ ސަބަބުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މެޗު ހޫނުވެ މެޗުގެ އޮއެވަރުގެއްލި ކުޅުންތެރިން އަދި ސަޕޯޓަރުންގެ މެދުގައިވަނީ ހަމަނުޖެހުން ހިނގާފައެވެ. ހިނގި ހަމަނުޖެހުމުގެ ތެރޭގައި ކުޅުންތެރިއެއްގެ އަތުން ވަޅިއެއް ފެނުނުކަމަށްވެސް ދުވަސްއަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި މިފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މެޗާއި ގުޅިގެން އެފްއޭއެމްއިން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. ޒޯން 6 ގެ މުބާރާތުގައި ކުޅޭ 4 ޓީމަކީ ލ.މާބައިދޫ ، ލ.ފޮނަދޫގެ އިތުރުން ތ. ވޭމަންޑޫ އަދި ތ.ވަންދޫއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް