މިނިސްޓަރު މީގެ ކުރިން މަޖިލީހަށް ހާޒިރު ޖަވާބުދާރީ ވަނީ -- ފޮޓޯ: މަޖިލީސް
ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ނިންމުމަށް 58.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ހައުސިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބެއްގައި ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މި މަޢުލޫމާތު ހާމަކުރެއްވީ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ލިޔުމުން ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ވަކި މަޝްރޫޢެއްގެ ނަމުގައި ވަކި އަދަދެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ކޮންމެ މަޝްރޫޢަކަށް ހަރަދުކުރާނެ ފައިސާ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީންނެވެ.
"... ދެހާސް ސައްބީސްވަނަ އަހަރުގެ މަޝްރޫއުތައް ހިންގުމަށް ހަމަޖައްސާފައި ވަނީ ޕްރޮގްރާމް ބަޖެޓެކެވެ. މިގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ ޕްލޭނާ އެެއްގޮތަށް މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒް އިންނެވެ،" މުއްތަލިބު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާއަކީ މިއަހަރަށް ދައުލަތުން ފާސްކުރި 64.2 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓާ ގާތް އަދަދެކެވެ. އެ ބަޖެޓުގެ ތެރެއިން 22.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ކަންކަމަށެވެ.
މީގެ އިތުރުން، ސަރުކާރުގެ "އަހާ" ފޯރަމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގައި މިހާރު ސޮއިކޮށްފައިވާ 1,273 ޕްރޮޖެކްޓެއް ކުރިއަށްދާ ކަމަށާއި އެ އެންމެހައި ޕްރޮޖެކްޓެއް ނިންމުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މާރިޗު މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހިލަ ފަދަ މެޓީރިއަލް ގެނައުމުގައި ދަތިތައް ދިމާވެ، ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެއްވަރަކަށް ލަސްވެފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. ލަސްވިޔަސް، އެ މިނިސްޓްރީގެ މޮނިޓަރިންގ ޓީމުން އިސްކަންދޭ ތަރުތީބުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ޒަރީރު ވިދާޅުވިއެވެ.
މިއަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް އޭގެ ތެރެއިން 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ބަނދަރު ތަރައްޤީކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 393 މިލިއަން ރުފިޔާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް