ފޮޓޯ: ދިރާގު
ރާއްޖޭގެ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026 އަންނަ މަހު ބާއްވަން ހަމަޖައްސައިފި އެވެ.
ދިރާގުން ބުނީ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) ބާއްވާނީ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ކަމަށެވެ. ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ބާއްވާ މި އިވެންޓަށް ހުރިހާ ފަރާތްތަކަށް ހިލޭ ވަދެވޭނެ އެވެ.
ދިރާގުން ބުނީ މި އިވެންޓަކީ ރާއްޖޭގެ ގޭމް ކުޅުންތެރިން އެއްތަނަކަށް ޖަމާވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތު ކަމަށެވެ.
މުބާރާތްތައް ބާއްވާނީ މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައެވެ. ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގ ބޭންގ އަދި ރޮކެޓް ލީގުގެ ފައިނަލް މެޗުތައް މި އިވެންޓުގައި ކުޅޭނެއެވެ. އީއޭ ސްޕޯޓްސް އެފްސީ 27 އާއި ޓެކެންގެ މުބާރާތްތަކުގައި ބައިވެރިވެވޭނެ ގޮތުގެ ތަފްސީލު އަވަހަށް އިއުލާނުކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ވާދަވެރި މުބާރާތްތަކުގެ އިތުރުން، ބައިވެރިންނަށް ވާޗުއަލް ރިއަލިޓީ (ކޮމްޕިއުޓަރުން ހަދާ ދުނިޔެއެއްގެ ތެރެއަށް ވަދެވޭ ފަދަ ތަޖުރިބާ)، ރޭސިންގ ސިމިއުލޭޓަރ އަދި "ޑަންޖަންސް އެންޑް ޑްރެގަންސް" ފަދަ ޓޭބަލްޓޮޕް ގޭމްތައް ކުޅެލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މި އަހަރުގެ މުބާރާތުގައި ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ދޭނެއެވެ. މިދިޔަ އަހަރު ބޭއްވި ޑީއެމްޖީސީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 1,500 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވިއެވެ.
މުބާރާތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޑީޖީޖީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އެ ތަނުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް