ޓައިގާ ޝްރޮފް ގަޔަށް ބަޑިޖަހަން އުޅުނު މައްސަލައިގަ ތިން މީހަކު ހައްޔަރުކޮށްފި

19 Oct 2026 | 08:45
ޓައިގާ ޝްރޮފް --

ޓައިގާ ޝްރޮފް --

ބޮލީވުޑް ތަރި ޓައިގާ ޝްރޮފަށް އަމާޒުކޮށް ކާރަށް ބަޑިޖެހި މައްސަލައާ ގުޅިގެން، ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކުރި މީހުންނަކީ ހަރިޔާނާގެ ރެހާނާއި ބިހާރުގެ ހްރިތިކް ކުމާރު ނަމަކަށް ކިޔާ މީހެކެވެ. ދެން މހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކު ކަމަށް މުމްބާއީ ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ. ބަންދުކުރި ކުޑަކުއްޖާ ނިސްބަތްވަނީ ހަރިޔާނާއަށް ކަމަށްވެ އެވެ.

މުމްބާއީ ފުލުހުން ދިން މަޢުލޫމާތާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ރޭލް މަގުން މުމްބާއީން ފިލައިގެން ރާޖަސްތާނުގެ ކޯޓާއަށް ގޮސް އެ ސަރަހައްދުގެ ރެއިލްވޭ ސްޓޭޝަނެއްގައި ތިއްބަ އެވެ. މި މައްސަލައާއި ގުޅުން ހުރި އިތުރު ދެ މީހަކު މަހާރާޝްޓްރާ-ގުޖަރާތު ބޯޑަރު ސަރަހައްދުންވެސް ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.

ތިން މީހުންނާ ދެކޮޅަށް މީހަކު މަރާލުމަށް މަސައްކަތްކުރުމުގެ މައްސަލައެއް ފުލުހުން ރަޖިސްޓަރީކޮށްފައިވާއިރު، އެ މައްސަލަ މުމްބާއީ ކްރައިމް ބްރާންޗަށް ވަނީ ބަދަލުކޮށްފައިވެއެވެ.

ޓައިގާއަަށް ހަމަލާ ދިނީ މުމްބާއީގެ ޖުހޫގައި ފުޓުބޯޅަ މެޗެއް ކުޅުމަށް ފަހު ދަނޑު ހުރި އިމާރާތުން ނުކުމެ ކާރަށް އަރައި ކާރު ނައްޓާލިތާ މާ ގިނަ އިރެއް ނުވެ މޫނު ނިވާކޮށްގެން ތިބި ދެތިން މީހުންނެވެ. އެމީހުން ވަނީ ކާރުގައި ޓައިގާ އިން ފަޅިން ބަޑި ޖަހާ ޓައިގާއަށް ވަޒަން އަމާޒު ކުރެވޭތޯ ބަލާފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަޒަން އެރީ އެތާ ކައިރީގައި އޮތް އޮޓޯއެއްގެ ޑްރައިވަރެއްގެ ގަޔަަށެވެ. މި ހާދިސާގައި ޓައިގާ އާއި އޭނާގެ ކާރު ޑްރައިވަރަށްވެސް އަނިޔާވެފައިވެ އެވެ. ތިން މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

ޓައިގާ ދިން ހަމަލާގެ ޒިންމާ ނަގާފައިވަނީ އިންޑިއާގެ މަޝްހޫރު މީހުންނަށް ހަމަލާދޭ ގޭންގެއް ކަމަށްވާ ލޮރެންސް ބިޝްނޯއިންނެވެ. އެ ގޭންގުގެ އިސް މީހުން ތަކެއްގެ ފޭސްބުކް ޕޭޖަކާއި ހަވާލާދީ އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި އެ ގޭންގުން ވަނީ ޓައިގާއަށް ހަމަލާ ދިނީ އެމީހުންނަށް ނުކިޔަމަންތެރިވެ، ސަލްމާން ހާންގެ ފަޅީގައި މަސައްކަތް ކުރާތީ ކަމަށް ބުނެފައި އެވެ.

ނަމަވެސް އެ ވާހަކައިގެ ޞައްޙަކަމާއި ހަމަލާއާ އޮތް ގުޅުން އަދި ވަކިން ކަށަވަރުވެފަ ނުވާކަމަށްވެ އެވެ.

ބިޝްނޯއި ގޭންގުން ސަލްމާން ޚާނާ ދެކޮޅުވެރިވަނީ، 1990 ގެ ފަހުކޮޅު ރާޖަސްތާނުގައި ބިޝްނޯއި މުޖުތަމަޢުން މުޤައްދަސްކޮށް ދެކޭ ދެ ބްލެކްބަކް ޝިކާރަކޮށް މަރާލި ކަމުގެ ތުހުމަތުގެ ސަބަބުންނެވެ. އެ މައްސަލައިގައި ސަލްމާން ކުރިން ކުށްވެރިކުރި ނަމަވެސް، ފަހުން ރާޖަސްތާން ހައިކޯޓުން އޭނާ މިނިވަން ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް