ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިއެއް -- ފޮޓޯ: އެފްއޭއެމް
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026 ގައި ރާއްޖެއިން ބައިވެރިވާ ޓީމުގެ ފައިނަލް ސްކޮޑު އިއުލާނުކޮށްފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 31 އަށް އަޒަރުބައިޖާނުގައި އެވެ. ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އަޙްމަދު ޝާކިރު (ޝާކިއްޓޭ) އެވެ.
ޝާކިއްޓޭ އަކީ ދާދި ފަހުން ނިމުނު 20 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން ޑިވެލޮޕްމަންޓް ފޭސްގައި ގައުމީ ޓީމު ހިންގި ކޯޗެވެ.
އެ މުބާރާތުން 2029 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ކުޅުމުގެ ޖާގަ ރާއްޖެއަށް ލިބުނީ އޭނާގެ އިރުޝާދުގައެވެ. ޝާކިއްޓޭއަށް އެހީތެރިވާނީ 20 އަހަރުން ދަށުގެ ޓީމުގައިވެސް އޭނާއާއެކު މަސައްކަތްކުރި އަޙްމަދު ފައްރާހު (ފައްރަ) އާއި މަހިބަދޫ ޓީމުގެ ކޯޗު ހުސެއިން އައްބާހެވެ.
ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ގްރޫޕުގައި ހިމެނެނީ ފްރާންސް، ދެކުނު އެފްރިކާ، އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.
ފީފާ ކައުންސިލުން ފާސްކޮށްގެން ބާއްވާ މި ފެސްޓިވަލުގެ މަޤްޞަދަކީ ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަންކުރުމެވެ. ފީފާގެ 211 މެންބަރު އެސޯސިއޭޝަނަށް ހުޅުވާލާ މި މުބާރާތުގެ ކޮލިފިކޭޝަނުގައި ހަ ނުވަތަ ހަތް ޓީމު ހިމެނޭ 32 ގްރޫޕް އޮންނާނެއެވެ.
ފީފާގެ ރޭވުމުގައި 2026 ގެ މުބާރާތް ޚާއްޞަކުރީ ފިރިހެން ކުދިންނަށެވެ. 2027 ގައި ބާއްވާނީ އަންހެން ކުދިންގެ މުބާރާތެވެ. 2028 އިން ފެށިގެން ކޮންމެ އަހަރަކު ދެ ބައިގެ މުބާރާތް އެއް ދުވަސްވަރެއްގައި ވަކިން ބާއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް