މަޖިލިސް މެންބަރުންނަށް ހާއްސަކޮށްފައިވާ ސިއްހީ އިންޝުއަރެންސް ސްކީމް އުވާލުމަށް އެދި ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން، އެ ޕެކޭޖަކީ އާސަންދައަށްވުރެ ދައުލަތަށް ހަރަދު ކުޑަ ނިޒާމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޖަލްސާގެ ތަޅުމުގައި މިއަދު ވާހަަކަފުޅު ދައްކަވަމުން، ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުން އެދޭ ކަންކަމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވި ނަމަވެސް، ޕެޓިޝަން ހުށަހެޅި ފަރާތްތަކުން މިކަމުގެ ހަގީގަތް ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވި ގޮތުގައި، މެންބަރެއްގެ ނަމުގައި އިންޝުއަރެންސް ކުންފުންޏަށް އަހަރަކު ދައްކަނީ 24،000 ރުފިޔާ އެކަންޏެވެ. އޭގެ އިތުރަށް ދައުލަތުން އެއްވެސް ފައިސާއެއް ހޭދަކުރަން ނުޖެހޭ ކަމަށް ވިދާޅުވިއެވެ. އަހަރަކު 1.35 މިލިއަން ރުފިޔާއާ ހަމައަށް ހިނގާ ފަރުވާގެ ހަރަދުތައް އާސަންދައިގެ ބޭރުން ހަމަޖެހޭތީ، އެއީ ދައުލަތަށް ލިބޭ ބޮޑު ލުޔެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަނެއްހެން، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އާސަންދައިން އެކަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަވާތީ، ބޮޑު ގެއްލުމެއް ވަނީ ކޮން ނިޒާމަކުންތޯ ފަލާހު ސުވާލު އުފެއްދެވިއެވެ.
މެންބަރުންގެ ބޭރު ދަތުރުތަކާ ބެހޭ ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، އާދައިގެ ބަލިތަކަށް ބޭރަށް ދާއިރު ޓިކެޓާއި ހުރުމާއި ކެއުމުގެ ހަރަދު ދައުލަތުން ނުދޭ ކަމަށެވެ. އަމިއްލަ ޖީބުން ކުރާ ހަރަދުތައް ވެސް ބިލު ހުށަހަޅައިގެން ލިބެނީ ވަރަށް އުނދަގުލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަގީގަތްތައް އޮޅުވައިލައި، ރައްޔިތުންނާއި މެންބަރުންނާ ދެމެދު ފިތުނަ އުފެދޭ ގޮތަށް މިފަދަ ޕެޓިޝަންތައް ހުށަހެޅުމަކީ ހިތާމަހުރި ކަމެއް ކަމަށް ފަލާހު ސިފަކުރެއްވިއެވެ. އެހެން ގައުމުތަކުގައި ވެސް ދައުލަތުގެ އިސް މަގާމުތައް ފުރައްވާ ބޭފުޅުންނަށް ވަކި އިނާޔަތްތަކެއް ހަމަޖެހިފައި އޮންނަ ކަމާއި، މި މަގާމުތަކަކީ އަބަދުވެސް އެއް ބަޔަކު ތިބޭނެ ތަންތަން ނޫން ކަމުގައި އޭނާ ހަނދާންކޮށްދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް