ސުލްހަވެރި، ސާބިތު އަދި ތަރައްޤީވެފައިވާ އިންޑޯ-ޕެސިފިކެއް ބިނާކުރުމާ ބެހޭ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި

19 Oct 2026 | 08:18
ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ފަރާތްތައް -- ފޮޓޯ: އެމްއެންޔޫ

ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ފަރާތްތައް -- ފޮޓޯ: އެމްއެންޔޫ

ސުލްހަވެރި، ސާބިތު އަދި ތަރައްޤީވެފައިވާ އިންޑޯ-ޕެސިފިކެއް ބިނާކުރުމުގެ މައުޟޫޢުގައި ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި ހައި ކޮމިޝަނަރުން ބައިވެރިވި ޕެނަލް ޑިސްކަޝަނެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބާއްވައިފިއެވެ.

މި ޕްރޮގްރާމް ރާވާ ހިންގީ އެމްއެންޔޫގެ ސްކޫލް އޮފް ސެކިއުރިޓީ އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް (އެސްއެސްއެސްއެސް) އިންނެވެ. ސަރަހައްދީ ސަލާމަތާއި، ސްޓްރެޓެޖިކް ގުޅުންތަކާއި، ޤަވާޢިދަށް ބިނާކުރެވިފައިވާ ނިޒާމާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސަރުކާރުގެ ސީނިއާ އިސްވެރީންނާއި، އެކަޑަމިކުންނާއި، ރިސާޗް ދަރިވަރުން ވެސް އެ ޕްރޮގްރާމްގައި ބައިވެރިވިކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ޕްރޮގްރާމްގައި މައި ސްޕީކަރަކީ މެލްބަން ޔުނިވަރސިޓީގެ އޮސްޓްރޭލިއާ އިންޑިއާ އިންސްޓިޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި، އޮސްޓްރޭލިއާގެ ކުރީގެ ސެނެޓަރު ލީސާ ސިންގްއެވެ. އޮސްޓްރޭލިއާއާއި، އިންޑިއާއާއި، ރާއްޖެ ގުޅުވައިދޭ ތިން ފަރާތުގެ ސްޓްރެޓެޖިކް މުހިންމުކަމަށް އަލިއަޅުވައިލަމުން، "ތްރީ ކޯނާސް، ވަން އޯޝަން" ގެ ޚިޔާލަށް އޭނާ ވާހަކަ ދެއްކި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ބޮޑު ކަނޑުތަކެއް ހިމެނޭ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ސަލާމަތުގެ ސިފައިންގެ ސަގާފީ މާނަ މިހާރު ފުދޭ މިންވަރަކަށް ނުވާކަން ލީސާ ފާހަގަކުރިއެވެ. އެ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ހަކަތައިގެ ދަތިތަކާއި، ޤާނޫނާ ޚިލާފަށާއި ރިޕޯޓުނުކޮށް މަސްވެރިކަންކުރުމާއި، ކަނޑުގެ ސަލާމަތް ހިމެނެއެވެ. ސަރަހައްދުގެ ސާބިތުކަން ދެމެހެއްޓުމުގައި ޕެސިފިކް އައިލެންޑްސް ފޯރަމް، ކުއަޑް، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން އަދި ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް ފަދަ ޖަމާޢަތްތަކަށް ވެސް އޭނާ އިސްކަން ދިނެވެ.

ޕްރޮގްރާމް ހުޅުވާލަމުން މަރުޙަބާގެ ބަސްތައް ދެއްކެވީ ރިސާޗް އެންޑް އެންޓަޕްރައިޒްއަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. ރަޙީމާ ޢަބްދުލް ރަޙީމްއެވެ. މިހާރުގެ ސިޔާސީ ހާލަތުތަކުގެ ތެރެއިން ކުރިއަށް ދިއުމަށް ސަރަހައްދީ ގޮތުން ގުޅިގެން މަސައްކަތްކުރުމާއި، މުއައްސަސާތައް ހަރުދަނާކުރުމާއި، ކުދި ޤައުމުތަކުގެ ދައުރުގެ މުހިންމުކަމަށް އެކަމަނާ ބާރުއެޅުއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޕެނަލް ޑިސްކަޝަން މޮޑަރޭޓްކުރެއްވީ އެސްއެސްއެސްއެސްގެ ޑީން ޑރ. އަޢުޠާﷲ ރަޝީދެވެ. ޕެނަލްގައި ރާއްޖެއަށް ކަނޑައަޅާފައިވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލަސުބްރަމަނިއަމް، އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕް އަދި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ބައިވެރިވެއެވެ. ކަނޑުގެ ސަރަހައްދުތަކާ ބެހޭ ހޭލުންތެރިކަމާއި، ދިފާޢީ ދާއިރާގެ ޢަމަލީ އެއްބާރުލުމާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގައި މުއައްސަސާތަކުގެ ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން ވާހަކަ ދެއްކިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އިންޑިއާގެ މެއިންޓެނަންސް އެހީއާއެކު އޮސްޓްރޭލިއާއިން ވޭތުވެދިޔަ ދުވަސްވަރު ދިން ގާޑިއަން ކްލާހުގެ އުޅަނދު ވެސް ޢަމަލީ އެއްބާރުލުމުގެ މިސާލެއްގެ ގޮތުގައި ފާހަގަކުރެވުނެވެ.

ޕްރޮގްރާމްގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، ފޮރިން މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދުމަތް، ކަސްޓަމްސް އަދި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި އެމްއެންޔޫގެ ޑީނުންނާއި، ފެކަލްޓީގެ މުވައްޒަފުންނާއި، ރިސާޗް ދަރިވަރުން ވެސް ޙާޟިރުވިއެވެ.

އިންޑޯ-ޕެސިފިކްގެ ސަލާމަތާއި ތަރައްޤީއަށް މުހިންމު މައްސަލަތަކުގައި ފިކުރީ ވާހަކަތަކާއި، ސްޓްރެޓެޖިކް ދިރާސާއާއި، ސިޔާސަތުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ސަރަހައްދީ މަރުކަޒެއްގެ ގޮތުގައި މި ފަދަ ޙަރަކާތްތަކުގެ ތެރެއިން އެމްއެންޔޫގެ ނަން ހަރުދަނާވަމުންދާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް