އެސްޓީއޯ ހެޑް އޮފީސް
ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރާ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނެރުނު ރިވިއުއެއްގައި ކަނޑައަޅައިފިއެވެ.
ސީއެމްޑީއޭގެ "ކޯޕަރޭޓް ގަވަނަންސް ރިވިއު 2025" އިން ދައްކާ ގޮތުގައި، އެސްޓީއޯއަށް ލިބިފައިވަނީ 97.5 އިންސައްތަ ސްކޯއެކެވެ. ދެވަނަ ލިބުނީ 96.2 އިންސައްތަ ސްކޯއާއެކު އުރީދޫ މޯލްޑިވްސްއަށެވެ. 94.9 އިންސައްތަ ހޯދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮތީ ތިންވަނައިގައެވެ. ލިސްޓުގެ އެންމެ ދަށުގައި އޮތީ 88.6 އިންސައްތަ ސްކޯއާއެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ.
ބޯޑު ހިންގުމާއި ޑިރެކްޓަރުންނަށް ތަމްރީނު ދިނުމުގައްޔާއި އެތެރޭގެ އޮޑިޓް ނިޒާމު ވަރުގަދަކުރުމުގައި އެސްޓީއޯއިން ނަމޫނާ ދައްކާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސީއެމްޑީއޭގެ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު އެ ކުންފުނިން ޑިރެކްޓަރުންގެ ހުނަރު ތަރައްޤީކުރުމަށް އަށް ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާއިރު، އޭގެ ޚަރަދަކީ 1,025,597 ރުފިޔާއެވެ.
ޑިރެކްޓަރުންގެ ބޯޑުގެ ތިންބައިކުޅަ އެއްބައި ކޮންމެ އަހަރަކު އިންތިޚާބުކުރުމުގެ ޝަރުތު ފުރިހަމަކުރި އެކަނި ކުންފުންޏަކީ ވެސް އެސްޓީއޯ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެ ކުންފުނީގެ ބޯޑަށް މެމްބަރުން ހޮވަނީ އެއް އަހަރުގެ ދައުރަކަށް ކަމުން، ކޮންމެ އަހަރީ ޢާންމު ޖަލްސާއެއްގައި ވެސް ޑިރެކްޓަރުން އަލުން ހޮވުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. އަދި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވް ރިޕޯޓުކުރާ ނިޒާމަކީ ރިވިއުގައި ފެނުނު އެންމެ ސާފު އަދި ފުރިހަމަ ނިޒާމު ކަމަށް ސީއެމްޑީއޭއިން ބުނެފައިވެއެވެ.
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އަށް ކުންފުނި ބަލައިގެން ތައްޔާރުކުރި މި ރިޕޯޓުން ދައްކާ ގޮތުގައި، ކުންފުނިތަކުން ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކަށް ޢަމަލުކުރާ ޖުމްލަ މިންވަރު 92.9 އިންސައްތައަށް މައްޗަށް ގޮސްފައިވެއެވެ. މި މިންވަރު 2024 ވަނަ އަހަރު އޮތީ 88 އިންސައްތައިގައި ކަމަށް ވާއިރު، 2023 ވަނަ އަހަރު އޮތީ 86 އިންސައްތައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް