ފުލުހުންގެ ހިދުމަތާ ގުޅުނު 133 އައު ފުލުހަކު، ހުވާކޮށްފިއެވެ.
ފުލުހުންގެ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި ހުވާކުރި ފުލުހުންގެ ތެރޭގައި ސްޕެޝަލް ކޮންސްޓެބުލަރީގެ 64 ފުލުހަކު ހިމެނެއެވެ. އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނިޝާތެވެ. ހުވާކުރުމަށްފަހު، އެ ފުލުހުން ހުވާގެ އިގްރާރުގައި ސޮއިކޮށްފައިވެއެވެ.
ރަސްމިއްޔާތުގައި ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހެޑަށް ކަނޑައަޅުއްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދާއި، ސާވިސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ހެޑަށް ކަނޑައަޅުއްވާފައިވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޒީމް ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ރަޝީދު ވިދާޅުވީ، ހުވައަކީ ހަމައެކަނި ދުލުން ކިޔާލާ ބަސްތަކެއް ނޫން ކަމަށާއި، އެއީ މާތް ﷲ ހެކިކޮށް، އަމިއްލަ ނަފްސުގެ މައްޗަށް ލާޒިމުކުރާ މަތިވެރި އަހުދެއް ކަމަށެވެ. ހުވާ ކުރުމަށްފަހު އެއަށް ހިޔާނާތްތެރިވުމަކީ ދީނީ ގޮތުންނާއި އަހްލާގީ ގޮތުން އިންސާނަކަށް ވެވޭނެ އެންމެ ބޮޑު ގާފިލުކަމެއް ކަމަށާއި، ގައުމުގެ އަމަންއަމާންކަން ބަލަހައްޓާ ފުލުހުންނަށް ހުވާގެ މުހިންމުކަން ވަކިން ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހެއްގެ ޔުނިފޯމް ލައިގެން މުޖުތަމައުގެ ރައްކާތެރިކަމަށް ނުކުންނަ ކޮންމެ ވަގުތަކީ ކުރި ހުވާ ހަނދާން ކުރަންޖެހޭ ވަގުތެއް ކަމަށް ހުސައިން ރަޝީދު ފާހަގަކުރެއްވިއެވެ. އެ ހުވައިގައި ބަޔާންކުރަނީ އަދުލުއިންސާފު ގާއިމުކުރުމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ފުރާނައިން ގުރުބާންވާން ތައްޔާރަށް ތިބި ކަމެވެ.
ވަޒީފާގެ ވާޖިބު އަދާކުރާއިރު ވަކި ފަރާތަކަށް ނުޖެހި ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަކީ ހުވާގެ ހައްގު އަދާކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުވާގެ މަތީގައި ފަސްޖެހުމެއް ނެތި ސާބިތުވެ ދެމިނުތިބެއްޖެނަމަ، ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދޭނެ ގޮތެއް ނުވާނެ ކަމަށް ހުސައިން ރަޝީދު ބާރުއެޅުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް