ހަސަން ޒަރީރު -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް ބޭރުގެ ދަރަނި ނުދެއްކިގެން ދާނެ ޙާލަތެއް ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރަށް ދައްކަން ޖެހިފައިވާ ދަރަނިތަކުގެ ތެރޭގައި ނޫފުލޭވަރުގެ ބުރައެއް ނެތް ކަމަށެވެ. ދަރަނި ދެއްކުމަށް ސަރުކާރުން ތަބާވާ އުސޫލަކީ، ދައްކަން ޖެހޭ ޢަދަދު ކުރިން އެނގޭތީ، ދުރާލާ ތައްޔާރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދަރަނި އަދާކުރަން ޖެހެނީ ބޭރު ފައިސާއިން ކަމަށް ވާތީ، ބޭރު ފައިސާ ލިބޭނެ މަގުތައް ގާނޫނީ ގޮތުން ފަހިކުރަމުން ގެންދާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ދަރަނި ދެއްކުމަށް ޚާއްޞަކޮށް ހިންގާ ފަންޑަށް ފައިސާ ޖަމާކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދަރަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ދައްކަން ޖެހުނީ މި އަހަރެވެ. ކުރިއަށް އޮތް އަހަރުތަކުގައި އެ މިންވަރުގެ ދަރަންޏެއް ދައްކަން ނެތުމުން، މި އަހަރު ކުރިމަތިވި ފަދަ ދަތިތަކެއް އަލުން ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި ދައްކަން ޖެހޭ ދަރަންޏަކީ އަޅުގަނޑުމެންނަށް ލިބޭ އާމްދަނީން މެނޭޖްކުރެވޭނެ ދަރަނިތަކެއް،" ޒަރީރު ވިދާޅުވިއެވެ.
ޓެކްސާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިތުރު ޓެކްސެއް ތަޢާރަފުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށެވެ. 2024 ވަނަ އަހަރު ޓެކްސްގެ ގާނޫނަށް ބަދަލުތައް ގެނެސް ޓެކްސްގެ މިންވަރު ބޮޑުކޮށްފައިވާއިރު، މިހާރު ސަރުކާރުގެ ސަމާލުކަން ހުރީ ގާނޫނަށް ބަދަލު ގެނެސް ޓެކްސްގެ ނިޒާމު ހަރުދަނާކޮށް، ގާނޫނުގައި ހުރި ލޫޕްހޯލްތައް ބެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް