މިހާރު ކުރިޔަށްދާ ހާހަކަށްވުރެ ގިނަ ޕްރޮޖެކްޓު ލަސްވަނީ ހަނގުރާމައާ ހެދި: މިނިސްޓަރު

18 Oct 2026 | 19:06
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ

ރާއްޖޭގައި 1,273 ޕްރޮޖެކްޓެއް މިހާރު ކުރިއަށްދާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ހެދި ގިނަ މަޝްރޫޢުތައް ލަސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ރޭ ވިދާޅުވެފިއެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މާޗް މަހު ފެށުނު އެ ހަނގުރާމައިގެ ސަބަބުން ރޮކް ބޯލްޑާ ނުވަތަ ހިލަ ފަދަ މެޓީރިއަލް ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ، ބަނދަރު މަޝްރޫޢުތަކަށް އެކަމުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ސޮއިކުރެވިފައިވާ ހުރިހާ ޕްރޮޖެކްޓެއް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ލަސްވުންތައް ދިމާވި ނަމަވެސް އެ މިނިސްޓްރީގެ މޮނިޓަރިން ޓީމުން ކަންކަން ބަލައި، އިސްކަންދޭން ޖެހޭ ތަރުތީބުން މަޝްރޫޢުތައް ކުރިއަށް ގެންދަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ. އެހެންވީމަ ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޯރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ޒަރީރު ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެތެރެއިން 393 މިލިއަން ރުފިޔާ ހިމަނާފައިވަނީ ބަނދަރު ތަރައްޤީކުރުމަށެވެ. ޕީއެސްއައިޕީ ބަޖެޓުން މިހާތަނަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް