ގެދޮރު ލޯނުގެ އިކުއިޓީ ދައްކައިދޭން ހައުސިންގ މިނިސްޓްރީން ހަތަރު މާލީ އިދާރާއަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

18 Oct 2026 | 18:00
ހެލްޕް ޓު ބިލްޑް އާއި ހެލްޕް ޓު ބައި އެއްބަސްވުމުގައި ބީއެމްއެލްއާއި އެކު ސޮއި ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހެލްޕް ޓު ބިލްޑް އާއި ހެލްޕް ޓު ބައި އެއްބަސްވުމުގައި ބީއެމްއެލްއާއި އެކު ސޮއި ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ

އަމިއްލަ ގެދޮރު ހޯދުމަށް ބޭނުންވާ ރައްޔިތުންނަށް ބޭންކް ލޯނުގެ އިކުއިޓީ ޕޭމަންޓަށް އެހީވެދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް ހައުސިންގ މިނިސްޓްރީން މިއަދު ހަތަރު މާލީ އިދާރާއަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ހިންގާ މި ސްކީމްތަކުގައި ބައިވެރިވެފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބީއެމްއެލްގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ މުޙައްމަދު ޝަރީފް، އެމްއައިބީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީ، އެޗްޑީއެފްސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޒީނާދު އަދި އެމްއެފްއެލްސީގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްތިޝާމާ އަޙްމަދު ސަޢީދު ސޮއިކުރެއްވިއެވެ.

ހެލްޕް ޓު ބިލްޑްގެ ދަށުން، ދިރިއުޅެން އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެ އެޅުމަށް ނަގާ ލޯނުގެ އިކުއިޓީ ޕޭމަންޓަށް 200,000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. މިބައި ހިނގާނީ މާލެއާއި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ނަމަވެސް ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނެއެވެ. މާލޭގައި އާއިލީ ބިމެއްގައި އެތައް މިލްކުވެރިއަކު ގުޅިގެން އިމާރާތްކުރާނަމަ، ބޮލަކަށް 200,000 ރުފިޔާގެ މަގުން ޖުމްލަ އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. ކުރެހުމާއި ބީއޯކިއުއަށް ބަލައި އެއް މިލިއަނަށްވުރެ ބޮޑު ލޯނެއް ނެގިޔަސް، އެހީގެ ގޮތުގައި ބޮލަކަށް ލިބޭނީ 200,000 ރުފިޔާއެވެ. މި ފައިސާ އަނބުރާ ދައްކަން ނުޖެހޭނެ ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އިމާރާތް ވިއްކާލައިފިނަމަ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.

ހެލްޕް ޓު ބައިގެ ދަށުން، ޕީޕީޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަންނަ ފަރާތްތަކަށް 250,000 ރުފިޔާއާ ހަމައަށް އެހީ ލިބޭނެއެވެ. މިއީ 2024 ގެ "ހިޔާވަހި" ސްކީމާ ވަކިން ހިންގާ ސްކީމެކެވެ. ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް ހަމަ އެ މިންވަރަށް އެހީ ދޫކުރެވޭނެއެވެ. އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް ދައްކައި، ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އުނިކުރެވޭނެއެވެ.

އެހީއަށް ޤާބިލުވާނީ އެދޭ ފަރާތުގެ ނަމުގައި އިމާރާތްކޮށްފައިވާ އެހެން ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކެވެ. އިމާރާތްކުރާ ބިމަކީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. ލޯނު މައިގަނޑު ގޮތެއްގައި ބޭނުންކުރަންޖެހޭނީ ދިރިއުޅޭ ގެއެއް އެޅުމަށް ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.

ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ދިރާސާތަކުން ދައްކާފައިވަނީ، ގެދޮރު އެޅުމާއި ގަތުމަށް ގިނަ ޢާއިލާތަކަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގެ ދަތިކަން ކަމަށެވެ. އެ ހުރަސް ނައްތާލައި، ގޯތި އޮވެމެ މާލީ ދަތިކަމުން ގެ ނާޅާ ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އެހީވުމަކީ މި ދެ ސްކީމުގެ މަޤްޞަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް