މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހައްޔަރުކުރި ތިން މީހުންގެ ބަންދު، ކޯޓުން މިއަދު އިތުރު 20 ދުވަހަށް އިތުރުކޮށްފިއެވެ.
ބަންދު މުއްދަތު އިތުރުކޮށްފައިވަނީ ތ. ތިމަރަފުށި / ވިލާ، މަރްޔަމް އިޝާ އަޝްރަފް (21)، ސ. ހުޅުދޫ / ރޭޝަމް، މުހައްމަދު ނާހިލް (25) އަދި ކ. ހުރާ / ސާނީވިލާ، ހުސައިން ޝާވިން (26) ގެ ބަންދެވެ. ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، އެ ތިން މީހުން އިތުރު ބަޔަކާއެކު ތިބި އެޕާޓްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެ މީހުންގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވެއެވެ.
ތިން މީހުން ވެސް ބުނެފައިވަނީ އެ އެޕާޓްމަންޓަކީ އެމީހުން ދިރިއުޅޭ ތަނެއް ނޫން ކަމަށެވެ. އަދި ޝަރުތުތަކެއް ކަނޑައަޅައިގެން ބަންދަށް ލުއި ދިނުމަށް އެ މީހުން ކޯޓުގައި އެދިފައިވެއެވެ. ޝާވިން ވަނީ އޭނާއަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ތިން މީހުން ހައްޔަރުކުރީ، ސެޕްޓެމްބަރު 2 ވަނަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެ މީހުންނަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމާއި، އެ ތަކެތީގެ ވިޔަފާރިކުރުމެވެ.
ހައްޔަރުކުރުމަށްފަހު ފުލުހުން މާފަންނު ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 1.7 ކިލޯގެ ތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ 230 ވޭޕް ކާޓްރިޖް، 26 ފުޅި ވޭޕް ފްލޭވަރާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝާވިނާއި އިޝާ 15 ދުވަހަށާއި ނާހިލް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް