ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯގައި ހުންނަ އޭޑީކޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިލޭ ޑޮކްޓަރަށް ދެއްކުމާއި ސްކޭން ހެއްދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭޑީކޭގެ މެނޭޖިންޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވެއްޖެއެވެ.
އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯގައި ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރަކުން ފެށިގެން ދިހައެއް ޖަހަންދެން ހިލޭ ޑޮކްޓަރަށް ދައްކޭނެ ކަމަށް އައްފާލް ވިދާޅުވިއެވެ. މިގޮތުން ނާރުގެ ޑޮކްޓަރުންނާއި ކެންސަރުގެ ޑޮކްޓަރުން އަދި ހިތުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށް 'ދުވަސް' އަށް ދެއްވި އިންޓަވިއުގައި އައްފާލް ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހަޔަކަށް ހިލޭ އުރަމަތީގެ ސްކްރީނިން ހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސްކޭން ހައްދަން ބޭނުންވާ ފަރާތްތަކުން ސްކޭން ރިކުއެސްޓް ދެއްކުމުން ސްކޭން ހެދޭނެ ކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ. މީގެ އިތުރުން އެ ސްޓޯލްގެ ހުންނަ ޑޮކްޓަރެއް ބަލިމީހާ ބެލުމަށްފަހު ސްކޭނެއް ހަދަން ރިކުއެސްޓްކޮށްފިނަމަ ސްކޭން ހެއްދޭނެ ކަމަށް އޭޑީކޭއިން ބުނެއެވެ. ސްކޭން ކުރުން އޮންނާނީ އަށަކުން ދިހައަކަށެވެ. ސްކޭން ހެއްދުން އޮންނާނީ އޭޑީކޭ ސްޓޯލްގައި ހުންނަ، ކޮޓަރިއެއްގައެވެ.
"މީގެ އިތުރުން ފަސޭހައިން އެޕޮއިންޓްމެންޓް ހޯދުން. މިތަނުން އެޕައިންޓްމެންޓެއް ހަދާ އެޕޮއިންޓްމެންޓަކަށް ފައިސާ ދައްކާ އޭގެ މެމޯ ޑިޖިޓަލީ ލިބޭނެ އިންތިޒާމުވެސް އަޅުގަނޑުމެން ވާނީ ހަމަޖައްސާފައި" އައްފާލް ވިދާޅުވިއެވެ.
އޭޑީކޭގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ބޭސިކް މެޑިކަލް ޗެކްއަޕެއް ހިލޭ ލިބޭނެ ކަމަށްވެސް އޭޑީކޭއިން ބުނެއެވެ. އަދި ކޮންމެރެއަކު ގުރުއަތު ނެގުން އޮންނާނީ އެކްސްޕޯ ތެރޭގައެވެ.
އިއްޔެ އޭޑީކޭން ވަނީ 'ޚިޔާލު' ނަމުގައި އާއްމުފަރާތްތަކަށް އެފަރާތެއްގެ ޚިޔާލު ނުވަތަ ޝަކުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި އޭޑީކޭގެ އެކި ތަންތަނުގައި ކިއުއާރު ކޯޑްތައް ބަހައްޓާފައި ހުންނާނެ ކަމަށާއި އެ ކޯޑްތައް ސްކޭންކުރުމުންފަހު ޚިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުން އެކަމާއި ގުޅޭ ފަރާތަށް އެ ޝަކުވާ ވަގުތުން ލިބޭނެކަމަށް ވެސް އައްފާލް ވިދާޅުވިއެވެ. މީގެ ބޭނުމަކީ "މީހުންގެ ޝަކުވާތައް އަޑުއެހުން، ނުވަތަ މީހުންގެ ކަންތަކަށް އަޅާލުން" އައްފާލް ވިދާޅުވިއެވެ. އަދި ޚިޔާލު ހުށަހަޅާއިރު ފޯން ނަމްބަރު ދެއްވާފައިވާނަމަ އެ ޚިޔާލު އޭޑީކޭއަށް ލިބުނުކަންވެސް އަންގާނެ ކަމަށް އައްފާލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް