އިޒްރޭލު ހަނގުރާމަވެރިން ފަލަސްތީނުގެ ބިންތަކުން ބޭލުމަށް އދ ގެ ސެކިއުރިޓީ ކައުންސިލްގައި ނަގާ ވޯޓު މި އަހަރު ނިމުމުގެ ކުރިން ނަގަން ބޭނުން ކަމަށާއި މި އަހަރުތެރޭގައި އެ ވޯޓު ނެގި ވޯޓު ކާމިޔާބު ވެއްޖެނަމަ ނޮވެމްބަރު 2016ގެ ފަލަސްތީނު ބިމުން ފައިބަން މަޖުބޫރުވާނެ ކަމަށް އދ އަށް ކަނޑައަޅާފައިހުން ފަލަސްތީނުގެ އެމްބެސެޑަރު ވިދާޅުވެއްޖެ އެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލްގައި ޖުމްލަ 15 މެމްބަރު ގައުމު ހިމެނޭއިރު ގަރާރެއް ފާސްވުމަށް 9 ގައުމެއްގެ ވޯޓު ބޭނުންވެއެވެ. އަދި ސެކިއުރިޓީ ކައުންސިލް ވީޓޯ ކުރުމުގެ ބާރު 5 ގައުމަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި އިޒްރޭލާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އެމެރިކާ ހިމެނެ އެވެ.
ފަލަސްތީނުގެ އެމްބެސެޑަރު ރިޔާދު މަންސޫރު ވިދާޅުވީ އެ ގަރާރަށް ވޯޓަށް އަހާއިރު 7 ގައުމެއްގެ ވޯޓު މިހާރު ކަށަވަރުވެފައިވާކަމަށާއި މިކަމުގައި އިތުރަށް އެހީ ބޭނުން ކަމަށެވެ. އަދި މެމްބަރު ގައުމުތަކުން މިކަމުގައި ފުންކޮށް ވިސްނުން އެދޭ ކަމަށެވެ.
ފަލަސްތީނާއި އިޒްރޭލުގެ މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެ ވޯޓު ފަލަސްތީނަށް ކާމިޔާބު ނުވާނެ ކަމަށެވެ. ސަބަބަކީ އެމެރިކާ ކަމަށެވެ. ފަލަސްތީނު ބިމުން އިޒްރޭލުގެ ސިފައިން ބޭލުމާމެދު އެމެރިކާގެ އެމްބެސެޑަރު ސަމަންތާ ޕަވާ އެންމެ ފަހުން ވިދާޅުވެފައިވަނީ ފަލަސްތީނަށް ސުލްހަ ގެނެވޭނީ ފަލަސްތީނާ އިޒްރޭލުން މަޝްވަރާކޮށްގެން ކަމަށެވެ. އިޒްރޭލު ސިފައިން ފަލަސްތީނުން ބާލައިގެން ނޫން ކަމަށެވެ.
ނަމަވެސް ފަލަސްތީނުން ބުނަނީ އެބުނާ މަޝްވަރާއެއް ކުރާތާ 20 އަހަރު ވެފައިވާކަމަށާއި އެކަމުން އެއްވެސް އަލިމަގެއް ނުފެންނަ ކަމަށެވެ. އަދި އިޒްރޭލުން ހިތަށް އެރިވަގުތެއްގައި ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާ މެދު އަމަލު ކުރަމުންއ އަންނައިރު އދގެ ސެކިއުރިޓީ ކައުންސިލުން ނަގާ ވޯޓު ކާމިޔާބު ކުރުމުގައި އެމެރިކާއިން އެއްބާރުލުން ނުދިންނަމަވެސް އެހެން ގައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މެމްބަރު އެހެން ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާކަމަށެވެ.
އދގެ ސެކިއުރިޓީ ކައުންސިލްގައި މިހާރު ހިމެނޭ މެމްބަރު ގައުމުތަކަކީ ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް، އެމެރިކާ، އާޖެންޓީނާ، އޮސްޓްރޭލިއާ، ލުކްސެމްބާގް، ދެކުނު ކޮރެއާ، ރުވާންޑާ، ޗަޑް، ޗިލީ، ޖޯޑަން، ލިތުއޭނިއާ އަދި ނައިޖީރިއާއެވެ. މި 15 ގައުމުގެ ތެރެއިން ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާއަކީ އެ ކައުންސިލްގެ ދާއިމީ 5 މެމްބަރު ގައުމެވެ. އަދި އެ ކައުންސިލް ވީޓޯ ކުރުމުގެ ބާރު އެ ފަސްގައުމުގެ ތެރެއިން ކޮންމެ ގައުމަކަށްވެސް ލިބިގެން ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް