މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ބޭންކް އޮފް މޯލްޑިވްސް ޕލކ. (ބީއެމްއެލް)އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ 35 މުވައްޒަފަކަށް ހިންގައިފިއެވެ.
މިޕްރޮގްރާމްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަ ފުރުޞަތުތައް ތަނަވަސްކޮށްދީ، ވަޒީފާގެ މާޙައުލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ރަޙުމަތްތެރި ތަންތަނުގެ ގޮތުގައި ހެދުމެވެ.
ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް އެސްޓީއޯގައި މިއަދު ހިންގިފައިވާ އިރު، މި ޕްރޮގްރާމްގައި 11 އަންހެން މުވައްޒަފަކާއި ނުވަ ފިރިހެން މުވައްޒަފަކާއެކު ޖުމުލަ 20 މުވައްޒަފުން ބައިވެރިވެފައިވެއެވެ. އަދި ބީއެމްއެލްގައި އިއްޔެ ހިންގުނު ޕްރޮގްރާމްގައި އަށް އަންހެނުން މުވައްޒަފަކާއި ހަތް ފިރިހެން މުވައްޒަފަކާއެކު، ޖުމުލަ 15 މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމްގައި މަޢުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަމާއި، ނުކުޅެދުންތެރިކަމާއެކު ވެސް އެ ފަރާތްތަކަށް ކުރެވިދާނެ މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކާއި، އެ ކަންކަން ޙައްލުކުރުމުގައި މެނޭޖްމަންޓަށް އަދާކުރެވިދާނެ ދައުރު ހިމެނެއެވެ.
މީގެ އިތުރުން، މި މަހުގެ ނުވައެއްގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަސް މުވައްޒަފަކަށް އަދި މި މަހުގެ 10ގައި މޯލްޑިވްސް ޕޯސްޓްގެ 25 މުވައްޒަފަކަށް ޑިސްއެބިލިޓީ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް