އިލެކްޝަންސް ކޮމިޝަންގެ ލޯގޯ ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް ތައްޔާރު ކުރެވި ސޯޝަލް މީޑިޔާގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާއި އެއީ ގާނޫނީ ކުށެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީން މިހެން ބުނެފައިވަނީ މިއަދު ކޮށްފައިވާ އިއުލާނެއްގައިއެވެ. އެ އިއުލާނުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން، އިލެކްޝަންސް ކޮމިޝަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިޚާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުން، ނުވަތަ އެ މާއްދާގެ 13 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އިންތިޚާބުގައި ވޯޓުކަރުދާސް ހުންނާނެ ގޮތާމެދު އިލެކްޝަންސް ކޮމިޝަން ފިޔަވައި، އެއްވެސް ފަރާތަކުން އިޢުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިޝްތިހާރެއް ކުރުމަކީ ޤާނޫނީ ކުށެއް ކަމަށެވެ.
"އިސްވެ ބަޔާންކުރެވުނު ފަދައިން، މި ކޮމިޝަނުގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގަމެވެ." އީސީން ބުނެފައިވެއެވެ.
އީސީން މިހެން ބުނެފައިވާއިރު ބައެއް ކެނޑިޑޭޓުންނަށް ތާއީދު ކުރުމުގެ ގޮތުން އެ ކެނޑިޑޭޓެއްގައި ނަމާއި ދިމާލުގައި ހެޔޮ ފާހަގަ އަދި އަނެއް ކެނޑިޑޭޓްގެ ނަމާއި ދިމާލުގައި ނުބައިފާހަގަ ޖަހައި، ވޯޓު ކަރުދާސްގޮތަށް ތައްޔާރުކޮށްފައިވާ ޕޯސްޓްތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް