މޮނިކާ އަދި ފެޑެރިކޯ -
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިން މިއަދު ނެގީ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭ (51އ) އާއި މެރީން ބައޮލޮޖިސްޓް ފެޑެރިކޯ ގުއަލްތިއެރީ (31އ) ގެ ހަށިގަނޑު ކަމަށް އިޓަލީ ޚާރިޖީ ވުޒާރާ އިން ސީއެންއެން އަށް ކަށަވަރު ކޮށްދީފިއެވެ.
ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިން ބުނީ ފިންލެންޑުގެ ތިން ތަޖުރިބާކާރުން ރީބްރީދާ، އަންޑާވޯޓާ ސްކޫޓާ، އަދި ރިޑަންޑެންޓް ލައިފް-ސަޕޯޓް ސިސްޓަމް ބޭނުންކޮށް ހޮހޮޅައިގެ ތިން ވަނަ ޗެމްބަރުގެ 60 މީޓަރު ފުނަށް ފީނައި، ދެ ހަށިގަނޑު ގާތްގަނޑަކަށް 30 މީޓަރަށް ތިލަކުރި ކަމަށެވެ. އެ ހިސާބުން އެމްއެންޑީއެފް ރިކަވަރީ ޓީމުތައް ޑީޕް އަދި ޝެލޯ ސަޕޯޓް ގުރޫޕުތަކުގެ ގޮތުގައި ގުޅިގެން ފެން މައްޗަށް ނެގީ ކަމަށާއި ފެން މައްޗަށް ނެގުމާ އެކު ހަށިގަނޑު އިޙުތިރާމާ އެކު ސްޓްރެޗަރަށް ލައި ކޯސްޓް ގާޑު ބޯޓަށް ގެންދެވުނު ކަމަށެވެ.
ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށުގައި މާލެ މޯގަށް ގެންދެވުނެވެ.
ބާކީ ދެ ހަށިގަނޑު — މޮނިކާގެ ދަރިފުޅު ޖޯރްޖާ ސޮމައްކަލް (23އ) އާއި ރިސާޗް އެސިސްޓެންޓް މިއުރިއެލް އޮޑެނީނޯ (31އ) — ނެގުމުގެ މަސައްކަތް މޫސުމާއި ކަނޑުގެ ހާލަތު ތަން ދީފި ނަމަ މާދަމާ (ބުދަ) ކުރިއަށް ގެންދާނެ ކަމަށް ޑޭން ޔޫރޮޕުން ބުނެފައި ވެއެވެ.
ފިންލެންޑް ރެސްކިއު ޓީމުގެ ލީޑަރ ސާމީ ޕާކަރިނެން ބުނީ "މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުވާކަމަށާއި ބާކީ ތިބި ފަރާތްތަކުގެ ހަށިގަނޑު ވެސް އިޓަލީއަށް ގެންގޮސްދިނުމަށް ކުރެވެން އޮތް ކަމެއް ކުރާނަން" ކަމަށެވެ.
މޮނިކާ އަކީ ޖެނޯއާ ޔުނިވަރސިޓީގެ އިކޮލޮޖީ އެސޯސިއޭޓް ޕްރޮފެސަރެކެވެ. ފެޑެރިކޯ އަކީ ހަމަ އެ ޔުނިވަރސިޓީ އިން މެރީން ބައޮލޮޖީ އިން ގްރެޖުއޭޓް ވެ، މޮނިކާގެ ބެލުމުގެ ދަށުން ރާއްޖޭގެ މެދު އަތޮޅުތަކުގެ މުރަކަ އާ ގުޅޭ ތީސިސް ނިންމި ޒުވާނެކެވެ. ފެޑެރިކޯ އަކީ ޑައިވް އިންސްޓްރަކްޓަރެއް ވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް