ސާމީ ޕަކާރިނެން މިއަދުގެ ޑައިވަށްފަހު -
ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިން މިއަދު ދެ ހަށިގަނޑު ނެގުމަށް ފަހު، ފިންލެންޑް ރެސްކިއު ޓީމުގެ ލީޑަރ ސާމީ ޕާކަރިނެން ބުނީ "މަރުވި ފަރާތްތަކުގެ ޢާއިލާތަކަށް ފުން ތަޢުޒިޔާ ފޮނުވާކަމަށާއި އޮޕަރޭޝަންގައި ބައިވެރިވެވޭ ކަމީ ޝަރަފެއް ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ތިބި ފަރާތްތައް ވެސް ނެގުމަށް މަސައްކަތް ކުރާނަން" ކަމަށެވެ.
އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު ހޮހޮޅައިން ނަގާފައި ވާ ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން ޔޫރޮޕް) އިން ކަށަވަރު ކޮށްދީފައިވެއެވެ.
ޑޭން ޔޫރޮޕުން ބުނީ ފިންލެންޑުގެ ތިން ތަޖުރިބާކާރުން ރީބްރީދާ، އަންޑާވޯޓާ ސްކޫޓާ (ޑީޕީވީ)، އަދި ރިޑަންޑެންޓް ލައިފް-ސަޕޯޓް ސިސްޓަމް ބޭނުންކޮށް ހޮހޮޅައިގެ ފުނަށް ފީނައި، ދެ ހަށިގަނޑު ގާތްގަނޑަކަށް 30 މީޓަރު ފުނަށް ނެރުނު ކަމަށެވެ. އެ ހިސާބުން އެމްއެންޑީއެފް ރިކަވަރީ ޓީމުތައް ޑީޕް އަދި ޝެލޯ ސަޕޯޓް ގުރޫޕުތަކުގެ ގޮތުގައި ގުޅިގެން ފެން މައްޗަށް ނެގީ ކަމަށެވެ. ފެން މައްޗަށް ނެގުމާ އެކު ހަށިގަނޑު އިޙުތިރާމާ އެކު ސްޓްރެޗަރަށް ލައި ކޯސްޓް ގާޑު ބޯޓަށް ގެންދެވުނު ކަމަށެވެ.
ބާކީ ދެ ހަށިގަނޑު ނެގުމުގެ މަސައްކަތް، މޫސުމާއި ކަނޑުގެ ހާލަތު ތަން ދީފި ނަމަ މާދަމާ ކުރިއަށް ގެންދާނެ ކަމަށް ޑޭން ޔޫރޮޕުން ބުނެފައި ވެއެވެ.
ޑޭން ޔޫރޮޕްގެ ސީއީއޯ ލައުރާ މައްރޯނީ ވިދާޅުވީ "މިއަދުގެ އޮޕަރޭޝަނަށް ބައިނަލްއަޤުވާމީ ޑައިވް ޓީމާއި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ ދެމެދު އިތުރު ކޯޑިނޭޝަނާއި ޓެކްނިކަލް ހުނަރާއި އިތުބާރު ބޭނުންވި ކަމަށެވެ. އަދި އެކަން ހާސިލުވި" ކަމަށެވެ.
ޑޭން ޔޫރޮޕުން ވަނީ، މަރުވި ފަރާތްތަކުގެ ކަރާމާތަށް އިޙުތިރާމް ކުރުމުގެ ގޮތުން، ހަށިގަނޑު ނެގުމާ ގުޅޭ ފޮޓޯ ނޫނީ ވީޑިއޯ ސޯޝަލް މީޑިއާގައި ނޫނީ ނޫސްތަކުގައި ޝެއާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ސާމީ ޕާކަރިނެން އާއި ޓީމުން ވަނީ "އިޓަލީ އެމްބަސީ، ޑޭން ޔޫރޮޕް، އަދި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ޚާއްޞަ ޝުކުރެއް ދަންނަވާ" ކަމަށާއި "މި އޮޕަރޭޝަނަށް އެތައް ޑަޒަނެއްގެ މީހުންގެ މަސައްކަތް ބޭނުންވޭ" ކަމަށް ވެސް ބުނެފައެވެ.
ސާމީ ޕާކަރިނެން އަކީ ފިންލެންޑުގެ ޕްރޮފެޝަނަލް ޓެކްނިކަލް އަދި ކޭވް ޑައިވިން އިންސްޓްރަކްޓަރެކެވެ. 2014 ގައި ނޯވޭގެ ޕްލޫރާ ކޭވް ގައި ހިނގި ހާދިސާއެއްގައި މަރުވި ދެ ޑައިވަރުންގެ ހަށިގަނޑު، ނޯވޭ ސަރުކާރުން ނުރައްކާ ބޮޑު ކަމަށް ބުނެ ހޯދުން ހުއްޓައިލުމުން، ސާމީ ލީޑް ކޮށް ހިންގި ރިކަވަރީ މިޝަނުގައި 130 މީޓަރަށް ވުރެ ފުނުން އެ ދެމީހުންގެ ހަށިގަނޑު ނެގިއެވެ. މި ހިތްވަރުގަދަ މިޝަންގެ ވާހަކަ ކިޔައިދޭ 2016 ގެ ޑޮކިއުމެންޓަރީ "ޑައިވިން އިންޓު ދި އަންނޯން" އިން ސާމީ ބައިނަލްއަޤުވާމީ ގޮތުން މަޝްހޫރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް