ހާދިސާގެ ސިއްރުތައް ގުޅިފައި ވަނީ މޮނިކާގެ ގޯޕްރޯ އާ - ގެންދިޔަ ކަމެއް ފެނުނު ކަމެއް ވެސް އަދި ނޭނގޭ!

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ފަސް އިޓަލީ ޑައިވަރުން ނިޔާވި ހާދިސާ ހިނގި ގޮތުގެ ސިއްރު ފެންމަތި ވެދާނެ ކެމެރާ އެއް ހޯދުމުގެ ޝައުޤުވެރިކަން ބައިނަލްއަޤުވާމީ މީޑިއާގައި ވައިރަލް ވެއްޖެއެވެ....

19 May 2026 | 06:56
ޑައިވް ހާދިސާގައި މަަރުވި މޮނިކާ، މޮނިކާގެ ހަށިގަނޑު އަދި ނަގާފައި ނުވޭ -

ޑައިވް ހާދިސާގައި މަަރުވި މޮނިކާ، މޮނިކާގެ ހަށިގަނޑު އަދި ނަގާފައި ނުވޭ -

ވ. އަލިމަތާ ކައިރީ ކަނޑު އަޑީ ހޮހޮޅައިގައި ފަސް އިޓަލީ ޑައިވަރުން ނިޔާވި ހާދިސާ ހިނގި ގޮތުގެ ސިއްރު ފެންމަތި ވެދާނެ ކެމެރާ އެއް ހޯދުމުގެ ޝައުޤުވެރިކަން ބައިނަލްއަޤުވާމީ މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ހާދިސާގައި މަރުވި ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭގެ ފިރިމީހާ ކާރލޯ ސޮމައްކަލް ބައިނަލްއަޤުވާމީ ނޫސްތަކަށް ބުނީ، މޮނިކާ އަކީ ޑައިވް ކުރާ އިރު އަބަދުވެސް ގޯޕްރޯ ކެމެރާ ގެންދާ މީހެއް ކަމަށެވެ. ނަމަވެސް "އެ ދުވަހު ގެންދިޔައީ ކަމެއް ނޭނގެ. ފެނިއްޖެ ނަމަ، ވީ ގޮތް އޭގެ އިން ސާފު ވެދާނެ" ކަމަށް ވެސް ބުންޏެވެ.

ހޮހޮޅައިގެ ތެރެއަކީ ކަނު އަނދިރި ތަނެކެވެ. ނަމަވެސް ގޯޕްރޯ ފަދަ ކެމެރާ ތަކުގައި ލައިޓް ދިއްލައިގެން ކަނު އަނދިރީގައި ވެސް ރެކޯޑް ކުރެވެއެވެ. އެ ކެމެރާ ފެނިއްޖެ ނަމަ، ހޮހޮޅައިގެ ތެރޭ ފަހު ވަގުތުތަކުގައި ވީ ގޮތް ވީޑިއޯ އިން ފެނިދާނެ ކަމަށް ބައިނަލްއަޤުވާމީ ޑައިވިން ތަޖުރިބާކާރުން ބުނެއެވެ.

ޑައިވިން ނޫސް ޑައިވާނެޓުން ވެސް ފާހަގަ ކޮށްފައި ވާ ގޮތުގައި، ހަށިގަނޑު ފެނުނު ތަނުން ކެމެރާ ނޫނީ ޑައިވް ކޮމްޕިއުޓާ ފަދަ ސާމާނެއް ފެނުނު ކަމެއް "އަދި ހާމައެއް ނުކުރެ" އެވެ.

ހޯމަ ދުވަހު ފިންލެންޑް ތަޖުރިބާކާރުން ގާތްގަނޑަކަށް ތިން ގަޑިއިރުގެ ޑައިވެއް ކޮށް ހަތަރު ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިފައި ވާ އިރު، ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް މިއަދު (އަންގާރަ) ފެށެއެވެ. ހަށިގަނޑާ އެކު ގޯޕްރޯ ނޫނީ ޑައިވް ކޮމްޕިއުޓާ ފެނިއްޖެ ނަމަ، ހާދިސާ ހިނގި ގޮތުގެ ސިއްރު ފެންމަތި ވެ، ތަޙުޤީޤަށް މުހިންމު ހެކި ލިބިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް