"ތިއީ، ސީރިއަސްކޮށް ބުނާ ވާހަކައެއްތަ....؟ ތިހެން އިންވައިޓް ކުރީމަ އަހަރެން ހަމަ ގޮސްދާނަން އިނގޭ...! އޭރުން ދެންވާގޮތް މާރީއްޗެއް ނުވާނެ....!" ހީނލާފައި މިފްޒާލް ސަމާސާ ރާގަކަށް ބުނެލިއެވެ.
"ދެން މިގެއަށް އައިމަ ކިހިނެތްވާނެއޭ ބުނަން ތިއުޅެނީ...! އާދެބަލަ.... އެއްވެސް ގޮތެއް ނުވާނެ....! އައިމަތާ އިނގޭނީ ދެން...." ހީނލާފައި އައިލީން ބުނެލިއެވެ.
އައިލީން އެގެއަށް އަންނާށޭ ބުނިކަމުގައިވިޔަސް އެއީ މިފްޒާލަށް އެހާ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އަންހެން ކުއްޖަކު އެހެން ބުނުމުން ފިނޑި ފިރިހެނަކަށްވާކަށް މިފްޒާލް ބޭނުމެއްނުވިއެވެ.
"ހަމަ ސީރިއަސްކޮށް ތިގެއަށް ދާންވީތަ....؟ މިފްޒާލް ތިގެއަށް ގޮސްގެން ކެތްވާނެތަ....؟" ސަމާސާ ރާގަކަށް މިފްޒާލް ސުވާލުކޮށްލިއެވެ.
"ކީއްވެ ކެތްނުވާންވީ....! އިނގޭ ތިއީ ވަރަށްބޮޑު ފިނޑިއެއްކަން....! އަންހެން ކުއްޖަކު ބުނީމަ ގެއަށް އަންނާކަށްވެސް ނުކެރުނެއްނު....! ތިއީ ވާ ވަރަކީ....!" ހީނލާފައި އައިލީން ބުނެލިއެވެ.
މަ...؟ ތިއީ ހަމަ ހީވާގޮތް....! ކީއްވެ ތިގެއަށްދާން މަށަށް ނުކުރެންވީ...! މަށަށް ކެރޭނެދާން....! ކޮންއިރަކު ދާންވީ...؟ ދާންބުނާ ގަޑީގެ ފަސްމިނިޓް ކުރިން ހުންނާނީ ތިގޭގައ....! ގަޑިއެއް ބުނެގެން ނުގޮސްފިއްޔާތާ ތިހެން ބުނެވޭނީ...." މިފްޒާލް ޔަޤީންކަމާއެކު ވާހަކަ ދެއްކިއެވެ.
މިފްޒާލް މިހެން ބުނިކަމުގައިވިޔަސް އޭރު އޭނާގެ ހިތް އަވަސްވަމުން ދިޔައެވެ. ކުރަން މިއުޅެނީ ރަނގަޅު ކަމެއްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެހެން ނަމަވެސް އެގެއަށް ނުގޮސްފިނަމަ އައިލީންގެ ކުރިމަތީގައި މިފްޒާލްއަކީ ވަރަށް ނުކުރޭ މީހެއްގެ ގޮތުގައި ލޭބަލް ވެދާނެތީ ކޮންމެގޮތެއްވިޔަސް މިފްޒާލް ގަސްދުކުރީ އެގެއަށް ދިޔުމަށެވެ.
އެންމެ ފަހުން ކުރަހަން ބޭނުންވާ މުހިންމު ތަކެތި ހިފައިގެން މިފްޒާލްގޮސް ކާރަށް އަރައިގެން ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު މިފްޒާލްގެ ހިތްވަނީ އަވަސްވެފައެވެ. ހިސާބަކަށްވަނީ ދާހިއްލާފައެވެ. އެންމެފަހުން މިފްޒާލް ހިތް ހަމަޖައްސާލީ އޭނާ އެދަނީ ފޮޓޯއެއް ކުރަހަން ކަމަށާއި، ފޮޓޯއެއް ކުރެހުމަށް ގެއަކަށް ދިޔުމަކީ ގޯސް ކަމެއް ނޫންކަމުގައި އޭނާގެ ހިތަށް އަމިއްލައަށް ވިސްނައިދީގެންނެވެ. ކާރުގޮސް އެގޭ ދޮށަށް މަޑުކޮށްލިއެވެ. ފެންނަ ފެނުމަށް އެއީ މުއްސަނދި ގެއެކެވެ. އުސްކޮށް ހަދާފައިވާ ރީތި ގެއެއް ވެސް މެއެވެ. ލިފްޓުން މައްޗަށް އަރައިގެން މިފްޒާލް ގޮސް ހަތަރުވަނަ އެޕާޓުމަންޓުގެ ބެލް ޖަހާލިއެވެ. ދޮރު ހުޅުވީ ދުވަސްވީ އަންހެނެކެވެ. ލަފާކުރެވޭ ގޮތުގައި މިފްޒާލް އަންނަކަން ކުރިންވަނީ އެ މީހާއަށް އެނގިފައެވެ. މިފްޒާލް ފެނުމާއެކު އަތުގެ އިޝާރާތުން އެތެރެއަށްވަދެ އިށީނުމަށް ބުނުމަށްފަހު އެއަންހެން މީހާ އެތެރެއަށް ވަދެގެން ދިޔައެވެ. މިފްޒާލް މަޑުމަޑުން އެތެރެއަށްވަދެ ސިޓިން ރޫމުގައި ހުރި ގޮނޑި ސެޓުގައި އިށީނުމަށްފަހު ކުރަހަން ގެނައިތަކެތި ކައިރީގައި ބިންމަތީގައި ބެހެއްޓިއެވެ. ސިޓިން ރޫމަކު އެއްވެސް އިތުރު މީހަކު ނެތެވެ. މިފްޒާލް އެބޮޑު ސިޓީންގ ރޫމަށް ނަޒަރު ހިންގާލިއެވެ. ވަރަށް ތަރުތީބުކޮށް ކޮންމެ އެއްޗެއްވެސް އެ އެއްޗެއް ހުންނަންވީ ތަނުގައި ބަހައްޓާފައި ހުއްޓެވެ. ފާރުގެ އެކިއެކި ހިސާބުތަކުގައި ތަފާތު ފޮޓޯ ލޯގަނޑުތައް ހަރުކޮށްފައިވެއެވެ. ކޮންމެ ފޮޓޯއަކުންވެސް ތަފާތު މާނައެއް ދޭހަވެއެވެ. ފާރުގެ އެއްފަރާތުގައި އައިލީންގެ ފޮޓޯ ކަލެކްޝަނެއް ހަދާފައިވެއެވެ. މި ކަލެކްޝަންގައި އައިލީންގެ މޮޑެލިން ތަފާތު ޝޯތަކުގެ ވަރަށް ފުރިހަމަ ފޮޓޯތަކެއް ވެއެވެ. ކޮންމެ ފޮޓޯއަކީވެސް ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރާފަދަ ރީތި ފޮޓޯއެކެވެ. މިފްޒާލް އެންމެ އަޅައިގަތީ އައިލީންގެ އެ ރީތި އުފާވެރި ހިނިތުންވުމާއި، އެބޮޑު ދެލޮލުގައި އެވާ މީހުންގެ ހިތްތައް ދަމައިގަންނަފަދަ މަސްތީ ޖާދޫގައެވެ. މީގެ އިތުން އަޅާފައިވާ ނިވާކަން ކުޑަ ހެދުންތައްވެސް މިފްޒާލްއަށް ފާހަގަ ކުރެވުނެވެ.
"ކޮބާ...! ކޯއްޗެއް ތިބަލަނީ....! ތައްޔާރުތަ....؟" ކުއްލިއަކަށް އައިލީންގެ އަޑު އިވުމާއެކު މިފްޒާލް އެނބުރި ބަލާލިއެވެ.
އެވަގުތު މިފްޒާލް އާއި އައިލީންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އައިލީން މިފްޒާލް އާއި ހަތަރުކަޅި ހަމަކޮށްގެން ބަލަހައްޓައިގެން ހުރީ ކީއްވެގެން ކަމެއް މިފްޒާލްއަކަށް ނޭނގެއެވެ. އެކަމަކު މިފްޒާލް އައިލީންއަށް ބަލަހައްޓައިގެން ހުރެވުނީ އައިލީން ރީތިކަމުންނެވެ. އައިލީންގެ އެ ދިގު އިސްތަށިގަނޑު ހާވާލާފައިއޮތްއިރު އައިލީންގެ ރީތިކަން ވަރަށް ފުރިހަމައެވެ. އައިލީންކުރި ސުވާލަށް ޖަވާބެއް ދޭންވެސް ނޭނގި ބަސްހުއްޓިފައި ދެތިން މިނިޓްވަންދެން މިފްޒާލަށް ހުރެވުނެވެ.
ކުއްލިއަކަށް މިފްޒާލްގެ އަންހެނުންގެ މަތިންވެސް ހަނދާން ނެތިގެންދިޔަ ކަހަލައެވެ. މިފްޒާލްގެ ހިތުގައި މީގެ އަހަރުތަކެއް ކުރިން އައިލީންއަށް ދެވިފައިވާ ލޯބި އުތުރި އަރައިގެން ދިޔަކަހަލައެވެ. ކައްޗަށް ނަމަވެސް ލޯބީގެ އާ ބިންގަލެއް އެޅިގެން ދިޔަކަހަލައެވެ. އައިލީންގެ ލޯތްބަށް މިފްޒާލް އަށް އެއްވެސް އެއްޗެއް، އެއްވެސް ބަހުރުވައެއް ނުވަތަ އެއްވެސް ޙަރަކާތެއް ބޭނުމެއް ނުވެއެވެ.
"ކޮބާ ތައްޔާރުތަ....؟" އަނެއްކާވެސް އިވިގެން ދިޔައީ އައިލީންގެ އަޑެވެ.
މިފަހަރު އައިލީންގެ އަޑަށް މިފްޒާލް ދިޔައީ ސިހިގެންނެވެ.
"އޭނ... ކީކޭ....؟ އެއްޗެއް ބުނިންތަ....؟ މިފްޒާލް ސިހިފައި ޖަވާބު ދިނެވެ.
"'ސާބަސް....! ރެޑީހޭ މިއެހީ....؟" ކުރިމަތީގައިހުރި އައިލީން ހެވިފައިހުރެ އަނެއްކާވެސް ސުވާލު ކުރިއެވެ.
"ކޮން ކަމަކަށް....؟" އައިލީން އާ ދިމާއަށް ބަލަންހުރެ ވާއެއް ނުވާއެއް ނޭނގި މިފްޒާލް މަޑުމަޑުން ބުނެލިއެވެ.
"ސާބަހޭ....! ކޮން ކަމަކުހޭ....؟ ކީއްކުރަންތަ މިގެއަށް ތިއައީ...؟" ތަންކޮޅެއް ކައިރިއަށް ޖެހިލާފައި ހިނިތުންވުމާއެކު އައިލީން ސުވާލުކޮށްލިއެވެ.
މިފްޒާލް އަށް މި ބުނެވުނީ ކީކޭކަން އިޙްސާސް ކުރެވުނީ ކުޑަތަންކޮޅެއް ފަހުންނެވެ.
"ސޮރީ....! ކުރަހަންދޯ.... ؟ ކޮބާ ފޮޓޯ...؟ ހަމަ ރެޑީއޭ...!" ލަދުވެތިކަމާއެކު އިސްޖަހާލަމުން މިފްޒާލް ބުނެލިއެވެ.
"ފޯނުން ވާހަކަ ދައްކާއިރު ހީވަނީ ތިއީ ވަރަށް ކެރޭ މީހެއްހެން....! އެކަމަކު އަސްލު ފެނުނީމަ މިއެނގުނީ ވަރަށް ލަދުރަކި ކުއްޖެއްކަން...." ހީނލާފައި އައިލީން ބުނެލިއެވެ.
"ނޫނޭ....! އެހެނެއްނޫން...! ކޮބާ ރާއިފު...؟" ދެކޮޅު ހޯދާލުމަށްފަހު މިފްޒާލް މަޑުމަޑުން ބުނެލިއެވެ.
"ނިދާފަ މިގަޑީގައި އޮތީ...! ރާއިފުއަށް ގޮވަންވީތަ....؟ ބަލަ މިފްޒާލް ތިއައީ އަހަރެން ބުނެގެން އަހަރެން ފޮޓޯއެއް ކުރަހާދޭކަންނު.... ރާއިފުގެ ފޮޓޯއެއް ކުރަހާކަށް ނޫނެއް.... އެކަމަކު ބޭނުންނަމަ ރާއިފުގެ ފޮޓޯ ކުރަހަން އޭނަވެސް މިތަނަށް ގެނެވިދާނެ...." އަނެއްކާވެސް ދިމާކުރާ ރާގަކަށް އައިލީން ބުނެލިއެވެ.
"ކޮބާތޯ ބަލާލީ ހަމަ...! އަހަރެން މިގެއަށް އައިމަ އަނެއްކާ ރާއިފު ހިތްހަމަ ޖެހޭނެތަ....؟ އެހެންވެ ކޮބައިތޯ މިއަހާލީ....!" އައިލީން އާ ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"ކީއްވެ ހިތްހަމަ ނުޖެހެންވީ....؟ ކުރަހަން ފަށަންވީނު....!" އައިލީންގެ ދިގު އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުނެލިއެވެ.
"ކޮބާ ކުރަހަންވީ ފޮޓޯ..."؟ ބިންމަތީގައި ބަހައްޓާފައިހުރި ކުރަހާ ސާމާނުތައް ނަގަމުން މިފްޒާލް ސުވާލުކޮށްލިއެވެ.
"ފޮޓޯއެއް ބޭނުންވޭތަ....؟ އަހަރެން މިހިރީއޭ...! އަހަރެން މިހެން ހުއްޓަ އަހަރެންގެ ޕޯޓްރައިޓް ފޮޓޯއެކޭ ކުރަހާ ދޭންވީ....!" ހިނިތުން ވެލާފައި އަނެއްކާވެސް އައިލީން ބުނެލިއެވެ.
"ނޫނޭ އައިލީން ތިހެން ހުއްޓަ ޕޯޓްރައިޓެއްވެސް ކުރެހިދާނެ....! އެކަމަކު އަކަމަށް ވަރަށް ޓައިމް ނަގާނެ....! އެހެންވީމަ ފަސޭހަ ގޮތަކަކީ ފޮޓޯއެއް ބަލައިގެން ބޮޑުކޮށް ފޮޓޯއެއް ކުރެހުން...." ގިނަ ވަގުތު އެގޭގައި ހުންނަން ބޭނުންވިޔަސް ފަސޭހަވާނެގޮތް މިފްޒާލް ބުނެދިނެވެ.
އެވަގުތު އައިލީންގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނަށް ބަލާލުމަށްފަހު މަޑުކޮށްލުމަށް އަތުން ކުޑަކޮށް އިޝާރާތް ކޮށްލުމަށްފަހު އައިލީން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އައިލީން ދިޔުމުން އަނެއްކާވެސް މިފްޒާލްގޮސް ފާރުގައި ހަރުކޮށްފައިހުރި އައިލީންގެ ފޮޓޯތަކުގެ ކަލެކްޝަންއަށް ނަޒަރު ހުއްޓާލިއެވެ. އަދި އެފޮޓޯތަކުގެ ތެރެއިން މިފްޒާލް އަށް އެންމެ ރީތި ފޮޓޯތަކުގެ ފޮޓޯ މިފްޒާލްގެ ފޯނުން ނެގިއެވެ. އަދި ތަންކޮޅެއް ދުރުގައި ހަރުކޮށްފައިހުރި ބޮޑު ފޮޓޯއެއް ކައިރިއަށް ގޮސް ހުއްޓުނެވެ. އެފޮޓޯއަކީ އައިލީން އާއި ކޮންމެވެސް ފިރިހެނެއް އެކުގައި ނަގާފައިހުރި ފޮޓޯއެވެ. މިފްޒާލް އެފޮޓޯއަށް ބަލަހައްޓައިގެން އިރުކޮޅު ހުއްޓާ މިފަހަރުވެސް ސިހިގެން ދިޔައީ އައިލީންގެ އަޑުންނެވެ.
"ރާއިފު.... ތިއީ ރާއިފު.... ހަސްބަންޑު...." މިފްޒާލް އާ ދިމާއަށް އަންނަމުން އައިލީން ބުނެލިއެވެ.
"ވަރަށް ފުރިހަމަ ފޮޓޯއެއް....! ވަރަށް ރީތި...!" ހިތާ ދެކޮޅަށް ނަމަވެސް މިފްޒާލް އެފޮޓޯއަށް ތަޢުރީފު ކޮށްލިއެވެ.
"އަސްލު ވަރަށް ދެރަ....! ކުއްލި ކަމެއް ދިމާވެގެން އެފް.އެމް.އަށް ދާން ޖެހިއްޖެ... އޮފީހުން އެގުޅީ...! އެހެންވީމާ މިފްޒާލް ބޭނުންވި ގޮތަށް މިފަހަރު ކުރަހަންޖެހޭނީ ފޮޓޯއެއް ބަލައިގެން.... މިއޮތީ ފޮޓޯ...! މިފޮޓޯ ކުރަހާލަދީ...! މިފްޒާލް ކުރެހުމަށް އަހަރެން ޝައްކެއް ނުކުރަން.... އިނގޭ ފުރިހަމަ ވާނެކަން....! ރީތިވާނެކަން...!" ޔަޤީން ކަމާއެކު އައިލީން ބުނެލިއެވެ.
"ތިވީގޮތް ވަރަށް ދެރަ...! އަހަރެންވެސް ބޭނުންވަނީ ގިނަވަގުތު މިގޭގައި ހުންނަން....! އެކަމަކު ދެން ގެއަށްގޮސް މިފޮޓޯ ކުރަހާލާނީ...." އައިލީން ދިއްކޮލި ފޮޓޯގައި ހިފަމުން މިފްޒާލް ބުނެލިއެވެ.
"ތެންކްސް އިނގޭ...! އެކަކު ސޮރީ އޮފީހަށްދާން ޖެހުނީމަ....! އެހެން ދުވަހަކުން އަދި އަންނަންވާނެ....! ރާއިފު އާވެސް އަދި މީޓްވެލަންވާނެ އެއްނު...." މިފްޒާލް އަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.
"ޔާ... އިޓްސް އޯކޭ...! އެހެންވީމާ ދެންދަނީ....! ފޮޓޯ ކުރަހާލާފައި ޚަބަރެއްވާނަން...." މިފްޒާލް ގެނައި ބޭގް ނަގަމުން ބުނެލިއެވެ.
މިފްޒާލް އެގެއިން ނުކުތްއިރު އޭނާގެ ހިތްތެޅެމުންދިޔައީ އައިލީންއަށްޓަކައެވެ. އެހެން ނަމަވެސް އައިލީންގެ ހިތުގައި މިފްޒާލާމެދު ކުޑަވެސް ޝައުޤުވެރިކަމެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް މިފްޒާލް އަކަށް ނޭނގެއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް