"އެހެންވެ އެގޮތަށް ކަންތައް ކުރެވުނީމަ އައިލީންގެ ކިބައިން މަޢާފަށް އެދެން އަސްލު އަހަރެން މިގުޅީވެސް....." ކުޑަކޮށް ހީނލާފައި މިފްޒާލް ބުނެލިއެވެ.
"އިޓްސް އޯކޭޔޭ....!" އައިލީން ބުނެލިއެވެ.
މިފްޒާލް، އައިލީން އާ ގުޅީ އޭނައަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދުމަށެވެ. އެހެންނަމަވެސް އައިލީން ވާހަކަ ދައްކަމުން ގެންދިޔައީ ހީކުރި ވަރަށް ވުރެ މާ އޯގާތެރިކޮށް ކަމުގައިވާތީ، ފޯނު ބާއްވާ ހިތް ނުވިކަމުގައިވިޔަސް ދައްކާނެ ވާހަކަ ހުސްވެ އެންމެފަހުން އާގަންނަގޮތް ވާން ފެށިއެވެ. އެހެން ނަމަވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަ ކުރިއަށް ގެންދެވޭތޯ މިފްޒާލް މަސައްކަތް ކުރިއެވެ.
"މީހުން ފޯނުކޮށްގެން އަހަރެންގެ އަންހެނުން ކައިރީގައިވެސް ފާޑުފާޑުގެ ވާހަކަދެއްކި....! އަހަންނަށް އެނގޭ އަހަރެންގެ ސަބަބުން އައިލީންއަށްވެސް ވަރަށް ބޮޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނުކަން.... އެކަމަށްޓަކައިވެސް އަހަރެން ވަރަށްބޮޑަށް މަޢާފަން އެދެން....! އަހަރެން ހީކުރީ އެހެންވީމަ އައިލީން ހުންނާނީ ވަރަށްބޮޑަށް ރުޅިއައިސްފަ ކަމަށް....! އެކަމަކު އައިލީން އަކީ އަހަރެން ހީކުރިވަރަށްވުރެ މާ އަންޑަސްޓޭޑިންގ ކުއްޖެއް...." މިފްޒާލް ހުއްޓާނުލާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަރެން އެއްވެސް މީހެއްދެކެ ރުޅިއެއް ނާދޭ.... މީހުން ކިޔާ އެއްޗަކަށް އަހަރެން ނުބަލަން.... މީހުންގެ އަނގަޔަކު ނުހިފެއްޓޭނެތާ....! އެމީހަކު ކިޔާއެއްޗެއް އެމީހަކު ކިޔާފާނެއެއްނު....." އައިލީން ހަމަޖެހިލާފައި ބުނެލިއެވެ.
އެހާ ހިސާބަށް އައިލީންގެ ވާހަކަ ދިޔަތަނާ ކުއްލިއަކަށް އިވުނީ ރާއިފުގެ އަޑެވެ. ކޮޓަރިއަށް ރާއިފު އައީ އައިލީންގެ ފޯނަށް ގުޅަން މަސައްކަތްކޮށްކޮށް ނުގުޅިގެންނެވެ.
"ކާކަށް ފޯނުކޮށްގެން ތި އުޅެނީ....؟ މަ ގުޅާތާ ހާދައިރެއް ވެއްޖެއޭ....!" ރާއިފުގެ އަޑު އިވުމާއެކު އައިލީން ދިޔައީ ސިއްސައިގެންނެވެ.
ރާއިފު ވާހަކަ ދެއްކި އަޑު މިފްޒާލަށްވެސް އިވުނެވެ. ރާއިފުގެ އަޑު އިވުމާއެކު މިފްޒާލްވެސް ވާހަކަ ދެއްކުން ހުއްޓާލުމަށްފަހު އަޑު އަހަން ހުރީއެވެ.
"މީ އެއްކަހަލަ ޢާއިޝާ....! އޭނަ ރަށުން މާލެއަންނާތީ އެވާހަކަ ބުނަންވެގެން އެގުޅީ.... ސަންޑޭގައި މާލެ އަންނަނީޔޯ މީހަކާ އިންނަން....!" އައިލީން، މަޖުބޫރުވެގެން ގަސްދުގައި ދޮގެއް ހަދާލިއެވެ.
ކަންތައްވީގޮތް މިފްޒާލް އަށް އެނގުމާއެކު މިފްޒާލް މަޑުމަޑުން ފޯނު ބޭއްވިއެވެ.
އައިލީން އެހެން ބުނިކަމުގައިވިޔަސް ރާއިފު ހުރީ ހިތްހަމަނުޖެހިފައެވެ. ރާއިފު އަކީ ރަނގަޅަށް ހުންނައިރު ވަރަށް ހިތްހެޔޮ އޯގާތެރި އެފަދަ ދެވަނައެއް ނެތް މީހެކެވެ. އެހެން ނަމަވެސް ކަމަކާ ރާއިފު ރުޅިއަތުވެއްޖެއްޔާ އަނިޔާވެރިކަމުގެވެސް ނަމޫނާއެކެވެ. ލޯތްބަކީ ކުއްލިއަކަށް ރާއިފުގެ ބޮލަށް ސަވާރުވާ އެއްޗެކެވެ. އެ ކަމަކަށް ވަކި ވަގުތެއް ވަކި މިންގަނޑެއްވެސް ނޯވެއެވެ. ހަމައެފަދައިން އަނިޔާވެރި ވުމަށްޓަކައިވެސް ވަކި ވަގުތެއް ވަކި މިންގަނޑެއް ރާއިފުގެ ނޯވެއެވެ.
"ހާދަހާ މޫޑު ސަކަރާތްވެފަ ތިހިރީ.... އަނެއްކާ ކިހިނެއްވީ....؟ ކޮފީއެއް ހަދާދެންތަ....." ރާއިފު ފެނިފައި އައިލީން އަހާލިއެވެ.
"ކަމެއްނުވޭ....! އާނ... ކަޅުކޮފީއެއް ހަދާބަލަ....." ރާއިފު ފޫހި ރާގަކަށް ބުނެލިއެވެ.
އައިލީން އާ ރާއިފު ކައިވެނިކޮށްގެން އުޅޭތާ އެތައް އަހަރެއްވެފައިވާތީ ރާއިފުއަށް ކޮންމެ ބަދަލެއް އަޔަސް އައިލީން އަށް އެކަން އެނގޭނެއެވެ. އެހާ ދުވަހު ރާއިފުއާ އެކީ އައިލީންއަށް އުޅެވިއްޖެއެވެ. ކަމެއް ނުވާނަމަ ބޭރުން އަންނަ ގޮތަށް އެއްޗެހި ބަދަލުނުކޮށް ރާއިފު ނުހުންނާނެކަން އެނގެއެވެ. އެ މޫޑުގައި ހުއްޓާ މާގިނަ ސުވާލުކުރަން ފަށައިފި ނަމަ ރާއިފު ރުޅިއަންނާނެވަރުވެސް އައިލީންއަށް އެނގެއެވެ.
"ކަމެއްވެއްޖެ....! ކޮންމެސް ކަމެއް ވެއްޖެ....! ބުނެބަލަ....؟ އައިލީންއަށް ގޯސް ކޮންކަމެއް ކުރެވުނީތަ....؟" އައިލީން ގިރައިގެން އައި ކޮފީތަށި ރާއިފުއަށް ދިއްކޮށްލަމުން ސުވާލުކޮށްލިއެވެ.
"ނޫނޭ...! އައިލީން އެއްވެސް ކަމެއް ނުކުރޭ....! އެފޮޓޯގެ ސަބަބުން އަހަރެން ރައްޓެހިން އަހަންނާ ދިމާއަށް ފާޑުފާޑުގެ ވާހަކަ ދައްކާތި އަހަރެން ކަންބޮޑުވަނީ.... އެފޮޓޯ ކުރެހި މީހަކާ އައިލީންއާ އަޅުވާކިޔާތީ މަގޭ މައްސަލައަކީ....! ކޮފީތަށީގައި ހިފަމުން ރާއިފު ބުނެލިއެވެ.
އެކަމާބެހޭ ގޮތުން އައިލީން އެއްޗެއް ބުނަން ބޭނުންވިއެވެ. އެކަމާބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކައިފިނަ އެކަން ވާނީ ބޮޑު ޒުވާބަކަށްކަން އައިލީންއަށް އެނގެއެވެ. މިހާތަނަށް ކަންތައް ވެފައިވެސް ހުރީ އެހެންނެވެ.
މިފްޒާލް މިރޭ ނިދަން އޮށޯތީ އެހެން ރޭރޭއަށްވުރެ އަވަށެވެ. އޮފީހުގައި ގިނަ ވަގުތު އުޅެފައި ގެއަށް އައިއިރު ވަރުބަލި ވެފައި ހުރުމާއެކު ފެންވަރައިގެން، ކައިގެން ޖައްސާލީއެވެ.
"ކީއްވެ މިރޭ މާއަވަހަށް ނިދަން އޮށޯތީ....؟" އަންޖަލް ކޮޓަރިއަށް ވަން އިރު ހެދުން ބަދަލުކޮށް މިފްޒާލް އެނދުގައި އޮތްތަން ފެނުމާއެކު ސުވާލު ކޮށްލިއެވެ.
"ގިނައިރު އޮފީހުގައި އުޅުނީމަ މާ ޓަޔަޑްވެފައިހުރީ.... އެހެންވެ ހިތަށް އެރީ ޖައްސާލާނީޔޭ....! ކިހިނެތްވީ....؟ އަނެއްކާ ކަމެއް އޮތީތަ....؟" ލާނެއް ފާޑަކަށް ހީނލާފައި މިފްޒާލް އަހާލިއެވެ.
"މިރޭ ހިތަށް އެރި ކާރު ދުއްވާލަން ބޭރަށް ނުކުމެލަން....! އެހެންވެ...! އެކަމަކު މާ ވަރުބަލި ވެއްޖިއްޔާ މިރޭ ދެން ނިދާލާ... މާދަންރޭ ދުއްވާލަން ދާނީ...." މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އަންޖަން ބުނެލިއެވެ.
މިފްޒާލް މަޑުމަޑުން ލޯ މަރާލިއެވެ. އެހެން ނަމަވެސް އައިލީންއާ ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުނީމާ މިފްޒާލްވަނީ އެކަމާ ވަރަށް އުފާވެފައެވެ. އައިލީންގެ އަޑުގައި އެވާ ޖާދޫގައި މިފްޒާލް ހައްޔަރުވި ކަހަލައެވެ. ނިދަންވެސް އުދަގޫވިއެވެ. އަދިވެސް އެއްފަހަރު އައިލީން އާ ވާހަކަ ދައްކާލަން ބޭނުންވިއެވެ. އެންމެ ފޯނުކޯލަކުން މިފްޒާލްގެ ހިތް ދީވާނާ ކުރުވައިފިއެވެ. އެހެން ނަމަވެސް އެހެންވާކަށް އަދި މިފްޒާލް ބޭނުމެއް ނޫނެވެ.
ދެތިން ދުވަސް ފަހެވެ. އަނެއްކާވެސް އެދުވަހު އޮފީހުގައި ދެކެވެމުންދިޔަ ކޮންމެވެސް ވާހަކައެއްގެ ތެރެއިން އައިލީންގެ ފޮޓޯގެ ވާހަކަ އޮފީސްތެރޭގައި ދެކެވުނެވެ. އެފޮޓޯ ކުރަހާފައިވާ ގޮތުގެ މޮޅު ވާހަކަ އާއި ފޮޓޯގެ ރީތި ވާހަކައެވެ. އަދި ފޮޓޯއާ ބެހޭ ގޮތުން ރަށުތެރޭގައި ދެކެވޭ ތަފާތު ވާހަކަތައްވެސް އޮފީސްތެރޭގައި ދެކެވެމުންދިޔައެވެ. މިކަމުގައި އެންމެ އިސްކޮށް ހުރީ ނާއިލް އެވެ.
"ކީކޭތަ މީހުން އެކިޔައީ....؟ އެއީ ތެދެއްތަ....؟" އޮފީސް މުވައްޒަފަކު އައިސް މިފްޒާލް ގާތުގައި އަހާލިއެވެ.
"އަޑެއް ކިޔައިފިއްޔާ ރެނދެއްލާނެ....! އެންމެން އެ ވާހަކަ ދައްކާނީ ކޮންމެވެސް ވަރެއްގެ ކަމެއް އެކަމުގައި އޮތީމާ....! މިފްޒާލް އެއްބަސް ނުވިޔަސް އަހަރެން ބުނާނީ ހަމައެހެން....." އެހެން މީހަކު ބުނެލިއެވެ.
"ތިހުރިހާ ކަމަކަށްވެސް މަ އެއްބަސް ވެދާނަމޭ....! ނިމުނީނު....! ހިތްހަމަ ނުޖެހިފައިހުރިވަރުން މިފްޒާލް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
މިފްޒާލް ދެވަނަ ފަހަރަށް އައިލީނަށް އެދުވަހުގެ ގުޅިއެވެ. އެހެން ނަމަވެސް އައިލީން ފޯނު ނުނަގާތީ ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. ކޮންމެ ގޮތެއް ވިޔަސް އައިލީންއާ ވާހަކަ ދައްކަން މިފްޒާލް ބޭނުންވިއެވެ. އެވަގުތު މިފްޒާލްގެ ފޯނު ރިންގވާން ފެށިއެވެ.
"ހެލޯ...." މިފްޒާލް ފޯނުނެގުމަށްފަހު ވާހަކަ ދެއްކިއެވެ.
"ހެލޯ... މިއީ.... އައިލީންއޭ.... ގުޅިންދޯ...! ފޯނު ޗާޖަށް ޖަހާފައޮތީ....! ކިހިނެތްވީ އަނެއްކާ....؟" އައިލީން ސުވާލުކޮށްލިއެވެ.
"ގުޅާލީ ހަމަ... ދޭތެރެ ދޭތެރެއިން ގުޅާލުން އެއީ މައްސަލައެއްތަ.....؟" މިފްޒާލް އަހާލިއެވެ.
"ނޫނޭ.... މައްސަލައެއް ނޫނޭ...! ހަމަ އެހެން އަހާލީ....." މިފްޒާލްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އައިލީން ބުނެލިއެވެ.
"އަސްލުގުޅީ ކުރީ ދުވަހު ބުނީމެއްނު ފޮޓޯ ކުރަހާދޭން....! އެހެންވެ އެކަމުގައި....! ކުރަހަންވީ ފޮޓޯތައް ފޮނުވީމަތާ ކުރަހާ ދެވޭނީ...." ހީނލާފައި މިފްޒާލް ބުނެލިއެވެ.
"އެކަމަކު އަބަދު އައިލީންގެ ފޮޓޯ ކުރަހަންޏާ އަންހެނުންވެސް މައްސަލަ ޖައްސާނެ އެއްނު....! މިހާރުވެސް މީހުން ފާޑުފާޑުގެ ވާހަކަތައް އެދައްކަނީ.... ފޮޓޯތައް ކުރަހައިދޭން ކުރަހާ ސާމާނުތައް ހިފައިގެން މިގެއަށް އަންނަން ކެރޭނެތަ....؟" ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.
އައިލީން މިހެން ބުނުމުން މިފްޒާލް ހިތަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. އުއްމީދުވެސް ނުކޮށް ހުއްޓާ ގެއަށް އަންނަން އެދިނީ ދަޢުވަތެކެވެ. ވަގުތުކޮޅަކަށް މިފްޒާލްގެ ދުލުން ބަސްހުއްޓުނު ކަހަލައެވެ.
"ކެރޭނެތަ މިގެއަށް އަންނަން.....؟ މިފްޒާލް....!" އަނެއްކާވެސް ހީނލާފައި އައިލީން ބުނެލިއެވެ.
"ތިއީ، ސީރިއަސްކޮށް ބުނާ ވާހަކައެއްތަ....؟ ތިހެން އިންވައިޓް ކުރީމަ އަހަރެން ހަމަ ގޮސްދާނަން އިނގޭ...! އޭރުން ދެންވާގޮތް މާރީއްޗެއް ނުވާނެ....!" ހީނލާފައި މިފްޒާލް ސަމާސާ ރާގަކަށް ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 މެއި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް