"ކޮބާ ނާޝިދު....؟ ކޮބާހޭ ނާޝިދު....؟ ނާޝިދުއަށް ކިހިނެތް ހެދީ....؟ ބުނޭ.... ! ކޮބާ އޭނަ...." ހުމޭދާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ.
"ނާޝިދު އެބައުޅެޔޭ... އެކަމަކު މިއަދު ނާޝިދު އަކީ ލޯބީގައި އާވާރާވެފައިވާ އަމިއްލަ ބާރުގައި އެއްވެސް ކަމެއް ނުކުރެވޭފަދަ ނުކުޅެދޭ މީހެއް... ނާޝިދު، ހުމޭ ކައިރިއަށް ފުވައްމުލަކަށް އަންނަން މަސައްކަތް ކުރުމުން އަހަރެން ބޭނުންވީ ނާޝިދުގެ ބަދަލުގައި އަހަރެން އަންނަން.... ނާޝިދު ފުވައްމުލަކަށް އައުން ހުއްޓުވުމަށް އަހަރެންނަށް މަޖުބޫރުކުރުވީ އަހަރެން ހުމޭ ދެކެވާ ލޯބި... އެކަމަކު އަހަރެން ނާޝިދު އަކަށް މާބޮޑު އަނިޔާއެއް ނުކުރަން.... އެރޭ ހިނގި ހާދިސާގައި އަހަރެންގެ ބައްޕަވެސް އެތަނަށް އައި.... ނާޝިދުއަށް އެއްވެސް ގޮތެއް ނުހެދުމަށް އަހަރެން، އަހަރެންގެ ބައްޕަގެ ކިބައިން އާދޭސް ކުރިން.... އެހެން ނަމަވެސް ބައްޕަ އެ އަޑެއް ނޭހި... ބައްޕަ ބޭނުންވީ ނާޝިދުގެ ދުވަސް ދުއްވާލަން.... އެއީ ނާޝިދުވެސް އަހަންނަށް އަނިޔާ ކުރުމަށް މަސައްކަތް ކުރީމަ... ނާޝިދުއަށް ޖެހިފައިވާ ހާލުން ނާޝިދު ސަލާމަތްކޮށްދޭން އަހަރެން މަސައްކަތް ކުރިން.... އެކަމަކު އަހަންނަކަށް އެކަމެއް ނުކުރެވުނު.... އަހަރެން ބައްޕަގެ ބާރު މާ ގަދަ...." އޭރު ކަންތައް ހިނގަމުން ދިޔަގޮތް ކިޔައިދެމުން ދިޔައިރު ހުމޭދާ އެވާހަކަތައް އަޑުއަހަން ރޯން ހުއްޓެވެ.
"ކިހާބޮޑު ލަނޑެއް އަހަންނަށް ތިދިނީ.... ނާޝިދުއަށް ކިހިނެތް ހެދީ.... އަމިއްލަ ބާރުން އެއްވެސް ކަމެއް ނުކުރެވޭފަދަ ބަލި މީހަކަށް ނާޝިދުވީ ކިހިނެތް....؟ ކޮބާ ނާޝިދު....؟" ހުމޭދާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.
"ނާޝިދު މާލޭގައި ދިރިއުޅެނީ.... ހަނދާންވޭތަ އަހަރުމެން މާލެ އައި ދުވަސް...؟ އެ ދުވަހު އެއަރޕޯޓުން ރާއިދު ފެނުނޭ ބުނީމެއްނު....؟ އޭނައާ ވާހަކަ ދައްކަން ދާންވެސް ބުނީމެއްނު....! އަހަރެން އެވާހަކަ އޮޅުވާލާފައި އެކަން ނުކުރީ ހަމަ ގަސްދުގައޭ... ރާއިދުއާ އެކީ އެދުވަހު ފުރޮޅުލީ ގޮނޑީގައި އިނީ ނާޝިދު....! ނާޝިދު އަކީ މިހާރު އެއްވެސް ޙަރަކާތެއް ކުރެވޭ މީހެއް ނޫން... ވާހަކަ ދެއްކުމުންވެސްވަނީ މަޙްރޫމްވެފައި.... ނާޝިދު މިހާރުވަނީ އެއްފަޅި އެކީ ވާގި ނެތިފައި... ހުމޭ... އެކަމަކު މިހުރިހާ ކަމަކީ އަހަރެންކުރި ކަންކަމެއް ނޫން.... އަހަރެން ބައްޕަ ކުރި ކަންކަން.... އަހަރެން، އަހަރެންގެ ބައްޕަގެ ފަރާތުން ހުމޭގެ ކިބައިން މަޢާފަށް އެދެން...." އެވާހަކަތައް މިފަހަރުވެސް ހުއްޓުވީ ހުމޭދާ އެވެ.
"ކަލޭގެ ބައްޕައޭ.... ދެން ތިހެންބުނީމަ އަހަރެން ޤަބޫލު ކުރަންވީތަ....؟ ހުރިހާ ކަމެއް އެނގުނީމަވެސް އަދިވެސް މާ ހެޔޮއެދޭ މީހަކަށް ވެގެން ތިއުޅެނީ.... ހުސްދޮގު.... ކަލޭ ދައްކާ އެއްވެސް ވާހަކައެއް މިހާރަކު އަހަރެން ޤަބޫލެއް ނުކުރާނަން...." ހުމޭދާގެ އަޑު ބާރުވިއެވެ.
"ކީއްކުރަން އެހެންނޫނީ އަހަރެން މިވާހަކަތައް ކިޔައިދޭންވީ....! އަހަންނަށް އެއްވެސް އެއްޗެއް ނުބުނެ އަދިވެސް ހަމަ ހުރެވިދާނެއެއްނު.... މިހުރިހާ ދުވަހުވެސް ހުރީއެއްނު.... ހުމޭ އަހަރެންގެ ވާހަކަތައް ޤަބޫލު ކޮށްބަލަ.... ހެޔޮނުވާނެ...." އާދޭސްކުރާ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ކީއްކުރަންހޭ ތިވާހަކަތައް ކިޔައިދޭންވީ....! އޭނ....؟ ކަލޭގެ ރަނގަޅުކަން ދައްކަން....! ތިވާހަކަތައް ތި ކިޔައިދެނީ ކަލޭގެ ހުރިހާ ހަޤީޤަތެއް އެންމެނަށް އެނގުނީމަ.... ސަލާމަތް ނުވާނެކަން ޔަޤީންވީމަ.... އެހެން ނޫންނަމަ އަދިވެސް ނޭނގެ ކިހާދުވަހަކު ކަމެއް މިހެން އުޅެން ޖެހޭނީ...." ހުމޭދާގެ އަޑު ބާރު ވަމުން ދިޔައެވެ.
"ހުމޭ... ބައްޕަ، ނާޝިދު އަށް ކުރި ކަންތައް ރަނގަޅު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރިން.... ބައްޕަ ކައިރީގައި އާދޭސްވެސް ކުރިން... އެކަމަކު އޭގެ ބަދަލުގައި އަހަންނަށް ލިބިފަހުރި ހުރިހާ ބާރެއް ބައްޕަމެން އަތުލީ... އަހަންނަކީ އިންސާނެއް ނޫން ކަމުގައި ވިޔަސް ޖިންނިންނަށް ލިބިފައިވާ އެއްވެސް ބާރެއް އަހަންނަކަށް މިހާރަކު ލިބިފައެއްނެތް.... ބައްޕަވަނީ ހުރިހާ ބާރެއް އަތުލާފައި...." ހުމޭދާއަށް ވިސްނާދެވޭތޯ އެކިގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ.
"ކަލޭ ތިބުނަކީ ކަލޭ އެއްވެސް ކަމެއް ނުކުރަމޭތަ....؟ ހުރިހާ ކަމެއް ކުރީ ކަލޭގެ ބައްޕައޭތަ....؟ ދެން މާ ހެޔޮއެދޭ މީހަކަށް ވެގެން އުޅޭނެ ކަމެއްނެތް.... ތި ވާހަކަތަކެއް މިހާރަކު އަހަރެން ޤަބޫލެއް ނުކުރަމޭ ބުނެފީމެއްނު.... ތިއީ އެހާ މާތް މީހެއް ނޫނޭ...." ހުމޭދާ އަނެއްކާވެސް ރުޅިވެރިކަމާއެކު ވާހަކަތައް ކުރިއަށް ގެންދިޔައެވެ.
"ހުމޭ... އަޑުއަހާބަލަ...! އަހަރެން ތިހިނެއް ނުބުނަމޭ.... އަހަރެން ކުރި ކޮންމެ ކަމެއްވެސް ކުރީ ހުމޭ ދެކެ އިންތިހާއަށް ލޯބިވާތީ ހުމޭ ޙާޞިލް ކުރަން.... އަހަރެން ބުނީމެއްނު އަހަންނަށްވެސް ކޮންމެވެސް ކަންތައްތަކެއް ކުރެވިފައި އެބަހުއްޓޭ...." ހުމޭދާގެ އަތުގައި ހިފާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އެހެންވީމަ، ތި ކުރެވުނު ކަމެއްވިއްޔާ ބުނެބަލަ....؟ ކީއްވެތަ ތިކުރެވުނު ކަންކަން ނުބުނެދެވިގެން ތިއުޅެނީ..." ހިތްހަމަ ނުޖެހޭ ރާގަކަށް ހުމޭދާ ބުނެލިއެވެ.
"ހުމޭ ރުޅި ނާންނައްޗޭ އިނގޭ.... ފުރަތަމަ ހުމޭ މިކޮޅަށް އައިސް ފަންޑިތަހަދާ މީހާ، ހުމޭ އެދުވަސްކޮޅު ފޯނު ގެންގުޅުން ރަނގަޅެއް ނޫނޭ ބުނީމަ ހުމޭގެ ހާލު ބަލަން ޢާއިޝާއަށް ގުޅަން ނާޝިދު ކައިރީގައި ބުނީމެއްނު.... އެކަމަކު އަހަރެން ބޭނުމެއްނުވި ނާޝިދު އަށް ހުމޭގެ އެއްވެސް ޚަބަރެއްވާކަން.... އެހެންވެ ޢާއިޝާ ފާހާނާ ތެރެއަށް ވައްޓާލައިގެން އޭނާގެ ހާލު ސީރިއަސްކޮށްލީ އަހަރެން.... ޢާއިޝާ ރަނގަޅަށް ހުރިނަމަ ނާޝިދުއާއި ހުމޭގެ ގުޅުން ބަރާބަރަށް ކުރިއަށްދާނެތީ، މިކަން މިގޮތަށް ކުރުމަށްފަހު ނާޝިދު ސިފައިގައި އަހަރެން ފުވައްމުލަކަށް އައީ... އަދި ހަމަ ހުމޭ ޢައިޝާ އާއެކު ފުރައިގެން ދިޔައިމަ އެކޮޅަށްވެސް ދިޔައީ.... ހުމޭ އާ ދިމާއަށް އެހެން މީހަކު ބަލާލާކަށްވެސް އަހަރެން ބޭނުމެއް ނޫން.... ހުމޭ އެކޮޅުގަ ހުރިއިރު ޢާއިޝާގެ ބޭބެ ހުމޭ އާއި ހެދި އުޅެން ފެށީމަ އޭނަގެ ދުވަސް ދުއްވާލީވެސް އަހަރެން...." ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އަނެއްކާވެސް ހުމޭދާއެވެ.
"ތިއީ ހާދަ ނުބައި މީހެކޭދޯ.... މިކަމާ އެއްވެސް ގުޅުމެއްނެތް ޢާއިޝާއަށްވެސް ކިހާބޮޑު ލަނޑެއް ތިދިނީ... ޢާއިޝާ އަދިވެސް އެ އުޅެނީ އެކަމުން އަރައި ނުގަނެވިގެން.... އެ އާއިލާ ދުވަހަކުވެސް ކަލެއަކަށް މަޢާފެއް ނުކުރާނެ... އާނ އިންސާނެއް ނޫންވިއްޔަ....! ދެން މީހެއްގެ މައްޗަށް ކޮން ރަޙްމެއް އަގަލެއް އޮންނާނީ...." މަލާމާތުގެ ރާގަކަށް ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހުމޭ ރުޅިއަންނަން މިއަދު ޙައްޤު.... މިރޭ ހުރިހާ ވާހަކަ އެއް އަހަރެން ކިޔާދޭން ބޭނުން... ރާއިދު ފުވައްމުލަކަށް ދިޔަ ދަތުރުގަ ޢާއިޝާ އާއި ދިމާވެގެން އެދެމީހުންގެ ދެމެދުގައި ގުޅުމެއް އުފެދުނު.... އެހެން ނަމަވެސް އަހަރެން ކޮއްކޮ ލާމިޙް އަކީވެސް އަހަރެން ހުމޭ ދެކެ ލޯބިވާ ފަދައިން ޢާއިޝާ ދެކެ އިންތިހާއަށް ލޯބިވާ ކުއްޖެއް.... އަހަރެން ބޭނުންވީ ޢާއިޝާ އާއި ލާމިހް ގުޅެން... އެހެންވެ ރާއިދު އެނބުރި މާލެ އައުމުން އަހަރެންގެ ބާރުގެ ބޭނުންކޮށްގެން ރާއިދުގެ ހިތުން ޢާއިޝާގެ ހުރިހާ ހަނދާންތަކެއް ފޮހެލީ.... ފޯނު ނަންބަރުވެސް ރާއިދުގެ ފޯނުން ޑިލީޓްކޮށްލީ.... ޢާއިޝާ އާއި ދުވަހަކުވެސް ބައްދަލުނުވާ މީހަކަށް ރާއިދު ހެދީ.... މިހާރު އަހަރެންގެ ހުރިހާ ބާރެއް ބައްޕަ ނިގުޅައިގަނެފަ ވީނަމަވެސް އޭރު އަހަންނަށް ބޭނުން ކޮންމެ ކަމެއް ކުރުމުގެ ބާރު ލިބިފައޮތް...." ހުމޭދާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.
"ލާމިހް.... ލާމިހު އަކީ...." ހުމޭދާ ޙައިރާންވެފައިހުރެ ބުނެލިއެވެ.
"އާނ.... ލާމިހް... ލާމިހު އަކީ އަހަރެން ކޮއްކޮއެއް.... ލާމިހު އަކީވެސް އިންސާނެއް ނޫން.... ލާމިހް އާއި ޢާއިޝާ އާއި ކައިވެނި ކުރާކަށްވެސް ބައްޕަ ޤަބޫލެއް ނޫން.... ލާމިހް އެވާހަކަ ދައްކަން ބައްޕަ ކައިރިއަށް ދިޔުމުން މިހާރު ވަނީ ލާމިހް ކަސްތޮޅުއަޅާ ހައްޔަރު ކޮށްފައި...." ހުމޭދާގެ މޫނަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.
"ދޫކުރޭ.... އަހަރެންގެ އަތުން ދޫކުރޭ.... ހާދަބޮޑު އޮޅުވާލުމެކޭ ތި އޮޅުވާލީ.... ކަލޭމެންނަށް ކަލޭމެންގެ ނަޞްލުގެ މީހުން ނުލިބިގެންތަ އަހަރުމެން އިންސާނުންގެ ތެރެއިން އައިސްގެން އަހަރުމެންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ދިރިއުޅުން ތިހަލާކު ކޮށްލީ.... އަހަރެން ބޭނުމެއް ނޫން ދެން އެންމެ އިރުކޮޅަކުވެސް ކަލޭ މިތާ ހުންނާކަށް.... ކަލޭ އައިތާކަށް ކަލޭ ދޭ.... އަހަރެން ދޫކޮށްލާ....." ހުމޭދާ އަތް ފޮޅުވާލުމަށް މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
"ހުމޭ ހެޔޮނުވާނެ.... ތިހެން ނަހަދާ... އަހަންނަށް މަޢާފުކުރޭ.... އަހަރެން ކުރި ހުރިހާ ކަމެއްވެސް ކުރީ އަހަރެން ހުމޭދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުން.... ތި ގޮތް ދޫކޮށްފައި އަހަންނާއެކު އަހަރުމެން އުޅޭތަނަށްދާން ހިނގާ.... ގޮސް ބޭބީ ގޮވައިގެން އާދޭ.... މާ ގިނަ ވަގުތެއް ނެތޭ.... ބޭބެމެން ފަންޑިތަ ހަދާ މީހަކު ގޮވައިގެން އެ އަންނަނީ.... އެމީހުން ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެ....! ޕްލީސް ހިނގާ އަހަންނާއެކީ ދާން...." އާދޭސްކުރާ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ނުދާނަން.... ކަލޭ މިތަނުންދޭ.... ނުގޮއްސިއްޔާ ކުޅިދައްކާލާނަން.... ފަންޑިތަވެސް ހަދާނަން.... ފަންޑިތަ ހަދައިގެން ކަލޭ އަންދާވެސް ލާނަން...." ރުޅިވެރިކަމާއެކު ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހެޔޮނުވާނެ... ތިހެން ނުބުނޭ.... ހުމޭގެ ދުލުން ތިކަހަލަ ބަސްތަކެއް އިވޭކަށް އަހަރެން ބޭނުމެއް ނޫން.... ތިޔަށްވުރެ މާ ނުރައްކާ ކަމެއްވެސް މީގަ އެބައޮތޭ...." ހުމޭދާ އެވާހަކަ މެދުކަނޑާލުމަށްފަހު ވާހަކަ ދެއްކިއެވެ.
"ކޮން ނުރައްކަލެއް އޮތީ.... އަދިވެސް ތިއުޅެނީ އަހަރެން ބިރުގަންނާނެ ކަމަށްތަ....؟ ނުގަންނާނެ...! މިހާރު ގޮތް ހުސްވެގެން ތިއުޅެނީ...." ހުމޭދާ ރުޅި އައިސްފައި ވާހަކަ ދެއްކިއެވެ.
"ހުމޭ.... ހުމޭ... ކަންކަން ވަމުންދާގޮތެއް ހުމޭއަކަށް އެއްގޮތަކަށްވެސް ނޭނގޭނެ....! ހުމޭގެ މީހުން އަހަރެން މަލާރަން މިހާރު އެއަންނަނީ.... އެކަން އަހަރެންގެ ބައްޕައަށް އެނގިގެން އަހަރެންގެ ބައްޕަވެސް މިތަނަށް އެބައާދެ...! އަހަންނަށް ގޮތެއް ހަދާފިއްޔާ އަހަރެންގެ ބައްޕަ ހުމޭ ދުލެއް ނުކުރާނެ.... އެހެން ބުނެފަ އޮތީވެސް.... ބައްޕަ އަކީ ވަރަށް ބޯހަރު މީހެއް... ބުނާ އެއްޗެއް ޤަބޫލެއް ނުކުރާނެ... ހެޔޮނުވާނެ އަހަރުމެންގެ ދަރިފުޅު ގޮވައިގެން އަހަންނާއެކީ އަވަހަށް ހިނގާދާން.... އެހެން ނޫނީ މިކަން ބޮޑު ކަންތައް ގަނޑަކަށްވާނީ...."
"ބިރުދައްކަންތަ ތިއުޅެނީ....؟ އަހަރެން ނުގަންނާނެ ބިރެއް....! މިކަން ބޮޑު ކަންތައްގަނޑަކަށް ހަދަންވެސް ތިއުޅެނީ ކަލެއޭ.... މިތަނުންދާން އުޅޭ..." ރުޅިވެރިކަމާއެކު ހުމޭދާ ވާހަކަ ދެއްކިއެވެ.
"ހުމޭ... ހެޔޮނުވާނެ.... އެންމެ ފަހުފަހަރު އަހަރެން މިބުނަނީ... ހިނގާ އަހަންނާއެކު ދާން.... އަހަރުމެން ދެމީހުންގެ ކުޑަކުޑަ ދަރިފުޅަށްޓަކައި ނަމަވެސް ހިނގާ...."
"ކަލޭ ތިއައި ތާކަށް ކަލޭދޭ... އަހަރެން ދާކަށް ބޭނުމެއް ނޫން...." ހުމޭދާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް