ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަ ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ތިއީ ނާޝިދު ނޫނިއްޔާ ދެން ކޮބާ ނާޝިދު....؟ ކީއްވެ ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލާ ތިހާބޮޑު މަކަރެއް ތި ހެދީ...." ހުމޭދާ ސުވާލު ކުރިއެވެ. "ހުމޭ... ޕްލިސް.... ރުޅި ނާދެބަލަ...! އ...

17 Mar 2024 | 14:57

ކުރީގެ އަދަދާއި ގުޅޭ...

"ތިއީ ނާޝިދު ނޫނިއްޔާ ދެން ކޮބާ ނާޝިދު....؟ ކީއްވެ ތިހާބޮޑު އޮޅުވާލުމެއް އޮޅުވާލާ ތިހާބޮޑު މަކަރެއް ތި ހެދީ...." ހުމޭދާ ސުވާލު ކުރިއެވެ.

"ހުމޭ... ޕްލިސް.... ރުޅި ނާދެބަލަ...! އަހަރެން އިންސާނަކަށް ނުވިޔަސް އެކަމުން ހުމޭއަށް އެއްވެސް ގެއްލުމެއްވިތަ....؟ ނުވެއެއްނު...! އަހަރެން ހުމޭއަށް ފުރިހަމަ ލޯބި ދިނީމެއްނު....! ހުމޭ އަށް އެއްވެސް ކަމެއް އުނިވިތަ...؟ އެއްވެސް އެއްޗެއް އުނިވިތަ....؟ ނުވެއެއްނު....! ހުމޭ...! ހެޔޮނުވާނެ.... މިކޮޅަށް އާދެބަލަ....!" ހުމޭދާ ނާޝިދުއަށް ފުރަގަސް ދިނުމާއެކު ނާޝިދު އަސަރާއެކު ވާހަކަ ދެއްކިއެވެ.

"އަހަރެން މިއަހަނީ ތިއީ ނާޝިދު ނޫނިއްޔާ ނާޝިދު ކޮބައިހޭ....؟ އަހަރެން ހިއެއް ނުކުރަން ތިފަދަ ބޮޑު މަކަރެއް ހަދާނެ ކަމަކަށް...." ހުމޭދާ އެހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.

"ހުމޭ ޕްލީސް....! އަހަރެން ހުމޭދެކެ ވަރަށް ލޯބިވޭ.... ހުމޭވެސް ނާޝިދު ދެކެ ވަރަށް ލޯބިވެޔޭ ބުނީމެއްނު....! މުޅި ޢުމުރަށް ނާޝިދު އާއެކު ދިރިއުޅޭނަމޭ ބުނީމެއް...." ނާޝިދު ހުމޭދާ އާ ދިމާއަށް ބަލަހައްޓައިގެން ހުރެ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"އާން.... އަހަރެން ނާޝިދު ދެކެ ވަރަށް ބޮޑަށް ލޯބިވެޔޭ ބުނިން.... މުޅި ޢުމުރަށް ނާޝިދު އާއެކު ދިރިއުޅޭނަމޭވެސް ބުނިން.... އެކަމަކު އެއީ ނާޝިދު ދެކެ ލޯބިވާ ވާހަކަ.... ނާޝިދު އާއެކު ދިރިއުޅޭ ވާހަކަ....! ތިއީ ނާޝިދުއެއް ނޫނެއްނު... ކަލޭ އަހަންނަށް އޮޅުވާލީ...." ހުމޭދާވެސް ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ހެޔޮނުވާނެ ހުމޭ.... ތިހެން ނަހަދާ.... އަހަރުމެންނަށް އެކުއެކީގައި ދިރިއުޅޭނެ ވަގުތެއް މިހާރަކު ނެތް.... އަހަރެންގެ ހުރިހާ ޙަޤީޤަތެއް މަންމައަށްވެސް ބޭބެއަށްވެސް މިހާރު އެނގިއްޖެ.... މިހާރު އެމީހުން މަސައްކަތް ކުރަމުން އެގެންދަނީ އަހަރުމެން ދެމީހުން ދުރުކުރަން.... އަހަރެން އެގޮތެއް ބޭނުމެއް ނޫން.... ޕްލީޒް ހުމޭ...." ނާޝިދު މަޑުމަޑުން ހިނގާފައި ގޮސް ހުމޭދާ ގާތަށް ހުއްޓެމުން ވާހަކަ ދެއްކިއެވެ.

"އަހަރެން ކިހިނެތް ދެން ކަލެއަށް އިތުބާރު ކުރާނީ.... އަހަރެން ކިހިނެތް ޖިންނިއަކަށް އިތުބާރު ކުރާނީ...." ނާޝިދުގެ މޫނަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.

"ހުމޭ ތިހެން ނުބުނޭ.... ކުރިންވެސް ހުމޭ އަހަންނަށް އިތުބާރު ކުރީމެއްނު.... ހަމަ އެގޮތަށް އަދިވެސް ހުމޭއަށް އަހަންނަށް އިތުބާރު ކުރެވިދާނެ.... ކުރިންވެސް އަހަންނަކީ އިންސާނެއް ނޫނެއްނު.... ތަފާތަކީ އަހަންނަކީ އިންސާނެއް ނޫން ކަން ހުމޭއަށް އެނގުމެއްނު....! އަހަރެން އަދިވެސް ހަމަ ވަރަށް ލޯބިން ހުމޭ ބަލާނަމޭ...." ނާޝިދު މަޑުމަޑުން ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ވާހަކަ ދެއްކިއެވެ.

"އަހަރެންގެއޮތީ ހަމަ އެންމެ ދެ ސުވާލު....؟ ތިހާބޮޑު އޮޅުވާލުމެއް މަށަށް އޮޅުވާލީ ކީއްވެ....؟ ކޮބާ އަހަރެން ލޯބިވި ނާޝިދު...؟ ނާޝިދުގެ އަތް ފޮޅުވާލުމަށް މަސައްކަތް ކުރަމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ހުމޭ... ހެޔޮނުވާނެ ތިހެން ނަހަދާ....! އަހަރުމެން ދެމީހުންގެ ދަރިފުޅަށްޓަކައިވެސް ތިހެން ނަހަދާ.... ކުރިންވެސް އަހަރުމެން އުޅުނީ ކިހާ އުފާވެރި ދިރިއުޅުމެއް.... އަދިވެސް ހަމަ އަހަރުމެންނަށް އެހާ އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ... ޕްލީޒް..." ނާޝިދު ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ތިއީ އިންސާނެއް ނޫންކަން އެނގުނީމަވެސް ތި ބުނަނީ އަހަރުމެން ދެމީހުންނަށް އުފާވެރި ދިރިއުޅެއް އުޅެވިދާނެއޭތަ....؟ ކަލެއަށް ފެނޭތަ ފަހަކަށް އައިސް އަހަންނަށް ވަމުންމިދާގޮތްތައް.... ޔަޤީން އެއީ ކަލޭ ސަބަބުން ވާ ކަންތައްކަން.... ކިހިނެތް އަހަރެން ކަލެއާއެކު ދިރިއުޅޭނީ...." ހުމޭދާ އަޑު ކުރިއަށްވުރެ ބާރުވިއެވެ.

"ތެދެއް ތިބުނީ.... ތިވާހަކަ އަހަރެން ޤަބޫލު ކުރަން.... ފަހަކަށް އައިސް ހުމޭއަށް ވަމުންދިޔަ ހުރިހާ ކަމަކީވެސް އަހަރެންގެ ސަބަބުން ވަމުންދިޔަ ކަންކަން.... އެކަމަކު އެކަންކަން ކުރަނީ އަހަންނެއް ނޫން.... އަހަރެން ކޮންމެ ރެއަކު ދަންވަރު ބޭރަށްދަނީ ކީއްކުރަންހޭ ވަރަށް ގިނައިން ހުމޭ އަހަންނާ ސުވާލު ކުރީމެއްނު... އޭގެ ޖަވާބު ފަހުން ދޭނަމޭވެސް އަހަރެން ބުނީމެއްނު....! މިހާރު މިއޮތީ އޭގެ ޖަވާބު ދޭންޖެހޭ ވަގުތު އައިސްފަ.... އަހަރެން ކޮންމެ ރެޔަކު ބޭރަށްދަނީ ހުމޭއަށް ވަމުންދާ ގޮތްތަކުން ހުމޭ ސަލާމަތް ކޮށްދޭން މަސައްކަތް ކުރަން...." ނާޝިދު ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ހުމޭދާއެވެ.

"އަހަންނަށް ވަމުންދާ ގޮތްތަކުން އަހަރެން ސަލާމަތް ކުރާށޭ....؟ ބަލަ މިކަންކަން އަހަންނަށް ވަމުންދިޔައީ ކަލޭގެ ސަބަބަކުން ނޫންތަ....؟ ހުމޭދާ ނާޝިދު އާ ދިމާއަށް ބަލަންހުރެ އަޑުގަދަކޮށް ވާހަކަ ދެއްކިއެވެ.

"ހުމޭ ޕްލީސް.... އެހާ އަޑުގަދަ ނުކޮށްބަލަ.... މަންމަ މެންނަށް އަޑު އިވިގެން އެމީހުން އައިސްދާނެ... އަހަރެން ދައްކާ ވާހަކަތައް އަޑު އަހާބަލަ...!" އަނެއްކާވެސް ހުމޭދާގެ އަތުގައި ހިފާލަމުން ނާޝިދު ވާހަކަ ދެއްކިއެވެ.

"އަހަރެން އަތުން ދޫކޮށްލާ....! ކަލެއާ އިނުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އަހަންނަށް ދިމާވި ހުރިހާ ކަމެއް ދިމާވީ ކަލޭގެ ސަބަބުންކަން މިހާރު އަހަންނަށް އެނގިއްޖެ....! ދެން އަހަރެން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން.... އަހަންނަށް ފެންނަނީ އަހަރެން ދޫކޮށްލުމަށްފަހު ކަލޭ ދެން ދިޔުން...." ހުމޭދާ އިސްދަށަށް ޖަހާލަމުން ބުނެލިއެވެ.

"ހުމޭ... ޕްލީސް ތިހެން ނަހަދާ.... އަހަރެންގެ ވާހަކަތައް އެއްފަހަރު ނަމަވެސް އަޑު އަހާލަބަލަ...! އަހަރެން ހުމޭއަކަށް މާބޮޑު ކަމެއް ނުކުރަމޭ... ހުމޭއަށް ކުރިކަމެއް ކުރީ އަހަރެންގެ ބައްޕަ....! އަހަރެންގެ ބައްޕަ ބޭނުމެއްނުވޭ އަހަރެން އިންސާނަކާ އިނދެގެން މިތާނގައި ދިރިއުޅޭކަން....! އަހަރެން ހުމޭއާއި ކައިވެނި ކުރީމަ އަހަރެން ބައްޕަ އެކަމަކާ ރުޅިއައިސްގެން ހުމޭއަށް ތި ހުރިހާ ގޮތްތަކެއް އެހަދަނީ... އަހަރެން ކޮންމެ ރެއަކު ދަނީ ބައްޕައާއި ބައްދަލު ކުރަން...! ހުމޭއަށް އެހެން ނުހަދާށޭ ކިޔައިގެން އާދޭސް ކުރަން....! ބައްޕަ އެއަޑެއް ނާހަ... ކޮންމެރެއަކު ގޮސް އަހަރެން ބައްޕައަށް ކުރާ އާދޭސް އެނގޭނީ އަހަންނަށް.... ހުމޭ އަހަންނަށް މާފުކޮށްފަ އަހަރުމެންގެ ދަރިފުޅު ގޮވައިގެން އަހަންނާއެކު އަހަރުމެންގެ ސަހަރަށް ހިނގާ...! އަހަރެން ހުމޭ ވަރަށް އުފަލުގަ ގެންގުޅޭނަން...." އާދޭސްކުރާ ރާގެއްގައި ނާޝިދު ވާހަކަ ދެއްކިއެވެ.

"ބުނަން ރަނގަޅު ވާހަކައެއް.... ދެން ތި ޗާލާކު ބަސްތަކުން އަހަރެން ހައްދަން މަސައްކަތް ނުކުރޭ.... އަހަރެން ހަޔާތުގައި ދިމާވި އެކިއެކި ކަންކަމާއި، މިހާރު ދިމާވަމުން މިދާ ކަންކަމަކީ ހަމަ ކަލޭ ކުރަމުން ގެންދާ ކަންތައްތަކެއް ކަން މިހާރު އަހަންނަށް އެނގިއްޖެ.... އެހެންވީމަ ދެން ރަނގަޅުވާނީ ދުވަހަކުވެސް އެނބުރި ނާންނަގޮތަށް މިތަނުން ކަލޭ ދިޔުން...." ހުމޭދާ ތަންކޮޅެއް ބާރަށް ވާހަކަ ދެއްކިއެވެ.

"ހުމޭ ހެޔޮނުވާނެ... ތިހެން ނަހަދާ.... އަހަރެން މިރޭ ހުރިހާ އެއްޗެއް ކިޔާދޭނަން... ކުރިންވެސް ބުނިހެއް އެރޭ ހުމޭ ފެންވަރަން ހުއްޓަ ފުރަތަމަ އަހަންނަނަށް ހުމޭ ފެނުނީ.... އަހަރެންވެސް އެރޭ އިންސާނުން ދިރިއުޅޭ ދުނިޔެއަށް އައީ ދުނިޔެ ބަލާލަން.... ގިފިލީ ގަސްތަކުތެރޭގައި އިންދި ހުމޭ ފެނުމުން ހުމޭއަށް އަހަރެން ކުޑަކޮށް ގޯނާކޮށްލިން.... އަދި އެރޭ އޭގެ ފަހުންވެސް އަހަރެން، އަހަރެންގެ ބާރުގައި ހުމޭ ބޭރަށް ނެރެގެން ގެންދިޔައިން.... އެރޭ އެއްކޮށް ހުމޭއާއެކު ހޭދަކުރިން.... އެހެން ނަމަވެސް އޭގެ ފަހުން އަހަރެން ހުމޭއަށް ނުފެނި ހުމޭގެ އަމަލުތަކަށް ފާރަލާލާ ވަރަށް ކައިރީގައި ހުރިން.... އެހެން ހުއްޓަ ހުމޭ ބޮޑުވެގެން ނާޝިދު އާއި ރައްޓެހިވީ... އޭރު އަހަރެންވެސް ހުރީ ބޮޑުވެފައި.... ހުމޭ ނާޝިދު އާއެކު ލޯބީގެ ގުޅުމެއް ފެށުމާއެކު އަހަންނަކަށް ކެތެއްނުވި...." އެ ވާހަކަތައް މިފަހަރުވެސް މެދުކަނޑާލީ ހުމޭދާއެވެ.

"ކޮބާހޭ ނާޝިދު....؟ އަހަރެން މިއަހަނީ ކޮބާހޭ ނާޝިދު....؟ އަޑެއް ނީވެތަ....؟" ހުމޭދާ ހިތްހަމަ ނުޖެހިފައިހުރެ ވާހަކަ ދެއްކިއެވެ.

"ތިވާހަކަތަކޭ އަހަރެން މިކިޔާދެނީ....! އަހަރެން ހުމޭގެ ލޯބި ކޮންމެ ގޮތަކުންވެސް ކާމިޔާބު ކުރަން ޢަޒުމް ކަނޑައެޅިން....! ނާޝިދު އާއެކު ހުމޭ ހޭދަކުރާ ކޮންމެ ވަގުތަކު އަހަރެން ހުމޭ ކައިރީގައި ހުންނަން... އަދި މާބޮޑު ގެއްލުމެއް ނުވާގޮތަށް ތި ދެމީހުންނަށް ކުދިކުދި ގޯނާކޮށް ބިރު ދައްކާ ހެދިން.... އެކަންކަމަށް އަހަރެން ހުމޭ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން....! އަހަރެންގެ ބައްޕަ އެއްގޮތަކަށްވެސް ބޭނުމެއް ނޫން އަހަރެން އިންސާނުން ދިރިއުޅޭ ތަނަކަށް އައިސް އިންސާނަކާއެކު ލޯބީގެ ގުޅުމެއް ބާއްވާކަން.... އަހަރެން ހުމޭ ދެކެ ލޯބިވާ ވާހަކަ ބުނުމުން ބައްޕަ ހުމޭއަށް ވަރަށްބޮޑަށް އަނިޔާ ކުރަން މަސައްކަތް ކުރި.... އަދި ކޮންމެވެސް ވަރަކަށް އަނިޔާވެސް ކުރި... އަހަރެން އެކަންކަމަށްވެސް ހުމޭގެ ކިބައިން މަޢާފަށް އެދެން.

"ތިދައްކާ ވާހަކަތައް އަޑުއަހާކަށް އަހަރެން ބޭނުންމެއް ނޫން....! ކިހާބޮޑު އޮޅުވާލުމެއް އަހަންނަށް ތި އޮޅުވާލީ...." ހުމޭދާ ނާޝިދު އާ ދިމާއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.

"މިއީ އޮޅުވާލުމެއް ކަމަށް ހުމޭ ޤަބޫލު ކުރަންޏާ އެގޮތަށް ޤަބޫލު ކުރަންވީ.... އެކަމަކު އަހަރެން މިކަން މިގޮތަށްކުރީ ހުމޭ ދެކެ ލޯބިވާތީ.... އަހަރެން ހުމޭ ކިބައިން މިހުރިހާ ކަމަކަށް މަޢާފަށްވެސް އެދެން.... އެނގޭ މިއީ މަޢާފު ކުރަން ފަސޭހަ ކަމެއް ނޫންކަންވެސް...." ނާޝިދު އިސްދަށަށް ޖަހައިގެން ހުރި ވާހަކަ ދެއްކިއެވެ.

"އަހަރެން ސުވާލަކީ ނާޝިދު ކޮބައިހޭ...؟" ހުމޭދާ އަނެއްކާވެސް ހަމަ އެ ސުވާލު ކުރިއެވެ.

"ހުމޭ... އަޑު އަހާބަލަ...! އަހަރެން ނާޝިދު އާއި ހުމޭގެ އުޅުން ވަރަށް ކައިރިން ބަލަމުންދިޔައިން..... އެދުވަސްވަރު އަހަރެން އަބަދުހެން އުޅުނީ ހުމޭ އާއި ނާޝިދު ކަންކަން އެނގޭ ހިސާބުގައި ވަރަށް ކައިރީގައި.... ހުމޭ ފުރަތަމަ ފުވައްމުލަކަށް ދާންޖެހުނީވެސް އަހަރެންގެ ސަބަބުން.... އޭރު އަހަންނަށްވެސް ބައެއް ކަންކަން ކުރެވިފައިހުރީ އެންމެ ބޭނުންވި ގޮތަކަށް ނޫން.... އެކަމުގެ ސަބަބުން ހުމޭއަށްވެސް ގެއްލުންތަކެއްވީކަން އެނގޭ.... ހުމޭ ފުވައްމުލަކަށް ގޮސް ނާޝިދު އަށް ފޯނު ކުރުމުން ނާޝިދު ފުވައްމުލަކަށް ދާން ނިންމި ވަގުތު އަހަރެން ޢަޒުމް ކަނޑައެޅީ ނާޝިދުގެ ބަދަލުގައި ފުވައްމުލަކަށް ދާނީ އަހަންނޭ.... ނާޝިދުގެ ބަދަލުގައި ފުވައްމުލަކަށް އަހަރެން ދިޔުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހުނު.... އޭރު އަހަރެންނަށްވެސް ބާރުތަކެއް ލިބިފަހުރި.... އަހަރެން އެބާރުތަކުގެ ބޭނުން ކުރިން...." ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލީ ހުމޭދާ އެވެ.

"ކޮބާ ނާޝިދު....؟ ކޮބާހޭ ނާޝިދު....؟ ނާޝިދުއަށް ކިހިނެތް ހެދީ....؟ ބުނޭ.... ! ކޮބާ އޭނަ...." ހުމޭދާ ވަރަށް ބާރަށް ހަޅޭއްލަވައި ގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 މާރިޗް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް