ޚާރިޖީ ވަޒީރު ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދައުވަތަކަށް އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ. މިއީ ރާއްޖޭގެ ޚާރިޖީ ވަޒީރަކު އެމެރިކާގެ ސެކްރެޓަރ...

19 Feb 2019 | 06:03

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދައުވަތަކަށް އެމެރިކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މިއީ ރާއްޖޭގެ ޚާރިޖީ ވަޒީރަކު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދައުވަތަކަށް އެމެރިކާއަށް ޒިޔާރާތްކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިޒް އެކްސެލެންސީ މައިކަލް ރިޗަރޑް ޕޮމްޕެއޯ އެމަނިކުފާނަށް ދެއްވި ރަސްމީ ދަޢުވަތުފުޅަކަށް، އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ. މި ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫ.އެސް.އެއިޑް އަދި އޯވަސީސް ޕްރއަިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާއިމެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެއެވެ.

މީގެ އިތުރުން، ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގައި މުހިއްމު 2 އެއްބަސްވުމެއްގައި ސޮއިކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.  އޭގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު ވޮޝިންގްޓަން ޑީސީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު، މި މަހުގެ 25އިން 27އަށް ޖެނީވާއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދު ޖެނީވާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ބޭނުމަކީ އ.ދ. އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމެވެ. އަދި މި ދަތުރުފުޅަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސް ގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އަބޫދާބީއަށް މިނިސްޓަރ ވަޑައިގަތުމަށްވެސްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލްއާއި ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް