ޖަލުތަކުގެ އޮޑިޓެއް ހެދުމަށް ހަތް މެންބަރުން އެކުލެވޭ ކޮމިޝަނެއް ހޯމް މިނިސްޓްރީން އެކުލަވާލައިފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަލުތަކާ ގުޅޭ އޮޑިޓެއް ހަދަނީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި، އިސްލާހު ކުރަން ހުރި ކަންކަން ދެނެގަތުމަށް ކަމަށެވެ. އަދި އެކަންކަން ބަލައި ތައްޔާރު ކުރާ ރިޕޯޓަށް ރިއާޔަތްކޮށް، ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އަމާޒެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން މިއަދު އެކުލަވާލި ކޮމިޝަންގައި ހިމެނިވަޑައިގެންނަވާ ހަތް މެންބަރުންނަކީ ޑރ. އަބްދުﷲ ހިސްނީން ހިލްމީ، ތެވެލި، ސ. ހިތަދޫ، ޝެއިހް އަހުމަދު އަބްދުލްކަރީމް، ހުޅުމާލެ ފްލެޓު 07-03-23، ޝަހިންދާ އިސްމާއިލް، މ. ބޯގަންވިލާ، މާލެ، ޒުލައިހާ ދާއޫދު، ގ. މާލެހިޔާ 2، މާލެ، އަހުމަދު މުހައްމަދުފުޅު، ރިހިތަމާގެ، ރ. ކަނދޮޅުދޫ، ޝާދިޔާ އާދަމް، ސާތި، އދ. ދަނގެތި އަދި އައިމިނަތު ނަހީނާ އަހުމަދު، މާބުރާގެ، ޏ. ފުވައްމުލައް އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަތުމަށް ޖަލުތަކާއި ބެހޭ އޮޑިޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އެއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަމެކެވެ.
މިހާރު ރާއްޖޭގައި ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ތަނެއް އެބަހުއްޓެވެ.
އެއި މާލެ ޖަލާއި ކ. މާފުށީ ޖަލާއި ކ. ހިންމަފުށީ ޖަލެވެ. އަދި ފުލުހުން ބަލަހައްޓަމުން އަންނަ މާލޭގައި ހުންނަ އަތޮޅުވެއްސާއި ދޫނިދޫ ޖަލު ގެ އިތުރުން ބިދޭސީންނަށް ހާއްސަކޮށް، ހުޅުމާލޭގައި ހަދާފައިވާ ޑިޓެންޝަން ސެންޓަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް